ޖަޕާނުގައި މިހާރު ތުއްތުކުދިންގެ ނެޕީ އަށް ވުރެ ބޮޑަށް ޑިމާންޑް ބޮޑީ ބޮޑެތި މީހުންގެ ނެޕީ އަށް ވާތީ އެ ގައުމުގައި ނެޕީ އުފައްދާ ކުންފުންޏަކުން ތުއްތުކުދިންގެ ނެޕީ އުފެއްދުން ހުއްޓާލަން ނިންމައިފި އެވެ.
އޯޖީ ހޯލްޑިންސް އިން ބުނީ ތުއްތުކުދިންގެ ނެޕީ އަށް އޮންނަ ޑިމާންޑް ޖަޕާނުގައި އެއް ދުވަހުން އަނެއް ދުވަހަށް ދަށްވަމުންދާތީ ދެން އެންމެ ބޮޑަށް އިސްކަންދޭނީ ބޮޑެތި މީހުންގެ ނެޕީ އުފައްދަން ކަމަށެވެ.
ޖަޕާނަކީ އުފަންވާ ރޭޓް ދަށްވެ، އުމުރުން ދުވަސްވީ މީހުންގެ އާބާދީ ވަރަށް ބޮޑަށް އިތުރުވަމުންދާ ގައުމެކެވެ. މިދިޔަ އަހަރަށް ބަލާ އިރު އެ ގައުމުގައި އުފަންވީ 758,631 ކުދިންނެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 51 ޕަސެންޓް ދަށް އަދަދެކެވެ. މި ސަބަބާ ހެދި މީގެ ކުރިން ވެސް ނެޕޯ ފަދަ ތުއްތު ކުދިންނަށް ހާއްސަ އުފެއްދުންތައް ތައްޔާރުކުރާ ބައެއް ކުންފުނިތަކުން އެ މީހުންގެ ވިޔަފާރީގެ ޕްލޭނަށް ބަދަލުތަކެއް ގެނެސްފައިވެ އެވެ. އޯޖީ ހޯލްޑިންސް އިން ބުނި ގޮތުގައި ފާއިތުވި 10 އަހަރުގެ ތެރޭގައި ތުއްތުކުދިންގެ ނެޕީ އަށް އޮތް ޑިމާންޑް ދަށްވެފައިވާ އިރު، ބޮޑެތި މީހުންގެ ނެޕީ އަށް އޮންނަ ޑިމާންޑް އަންނަނީ އިތުރުވަމުންނެވެ.
އެ ޓްރެންޑާ އެއްގޮތަށް ވިޔަފާރި ބައްޓަން ކުރަން ނިންމުމާ ގުޅޭ ގޮތުން އޯޖީ ހޯލްޑިންސްގެ ސަބްސިޑަރީ ކުންފުނީ އޯޖީ ނެޕިއާ އިން ބުނީ 2001 އިން ފެށިގެން ތުއްތު ކުދިންގެ ނެޕީގެ ވިޔަފާރި ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެ ކުންފުނިން މިހާރު އަހަރަކު އުފައްދަނީ ތުއްތު ކުދިންގެ 400 މިލިއަން ނެޕީ އެވެ. ކުރިން އެ އަދަދު 700 މިލިއަންގައި ވެސް އޮތެވެ.
ޖަޕާންގައި ނެޕީ އުފައްދާ އެންމެ ބޮޑު ކުންފުނި ކަމަށްވާ ޔުނިޗާމް އިން ބުނި ގޮތުގައި މިހާރު އެންމެ ޑިމާންޑް ބޮޑީ ބޮޑެތި މީހުން ނެޕީއަށެވެ. އަދި މި ޓްރެންޑް 2011 އިން ފެށިގެން އިތުރުވަމުންދާ ކަމަށް ބުންޏެވެ. އަދި ވިޔަފާރީގެ އަގު މިހާރު ދެ ބިލިއަން ޑޮލަރަށް އަރަ އެވެ.
ޖަޕާންގެ އާބާދީގެ 30 ޕަސެންޓަކީ 65 އަހަރުން މަތީގެ މީހުންނެވެ. އަދި މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އާބާދީގެ 10 ޕަސެންޓަކީ މިހާރު 80 އަހަރުން މަތީގެ މީހުންނެވެ.