ިޓެރަރިޒަމްގެ ކުށް ސާބިތުވެ މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި ކެސިނޯ ހައްދަވަން މަސައްކަތް ކުރެއްވި ކަމަށް ނަޝީދުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުގެ މަގާމު ފުރުއްވި ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމެއްގައި ޑރ. ބާރީ ވިދާޅުވީ ރާއްޖޭގައި ބޭރުގެ ކުންފުންޏަކުން ހިންގާ ޕްރޮޖެކްޓެއްގައި ކެސީނޯ ހަދަން ކެބިނެޓަށް ހުށަހެޅުމުން އޭނާ އެކަމަށް ދެކޮޅު ހެއްދެވި ކަމަށެވެ.
އޭނާ އަދި ވިދާޅު އެކަމާއި ދެކޮޅު ހެއްދެވުމުން އެ ޕްރޮޖެކްޓު ދިވެހިންގެ ސަގާފަތާ އެއްގޮތަށް ބައްޓަން ކުރުމަށް ނަޝީދު އެންގެވި ކަމަށެވެ. އަދި އިސްލާމިކް މިނިސްޓަރު އެކަމަށް އެއްބަސް ނުވާ ނަމަ އެ މަޝްރޫއު ކުރިއަށް ނުގެންދަން ނަޝީދު ލަފާ ދެއްވި ކަމަށް ވެސް ޑރ. ބާރީ ވިދާޅުވި އެވެ.
"ކެބިނެޓެއް މި ހުށަހެޅެނީ ޗައިނާގެ މަޝްރޫއެއް. އީޓީޖީ ކިއާ މަޝްރޫއެއްގައި މި އޮންނަނީ ހުވަދު އަތޮޅު ތަރައްގީ ކުރަން. ދެން އޭގެ މައިގަނޑު ކޮމްޕޯނަންޓަކީ ކެސިނޯ. އަޅުގަނޑު ދަންނަވައިފިން މި ކަމެއް ނުކުރެވޭނޭ،" އޭނާ ވިދާޅުވި އެވެ. "އެއީ ދީނާ ހިލާފު ކަމެކޭ. ގާނޫނު އަސާސީގައި ބުނެފައި އެބައޮތޭ ދީނާ ހިލާފު ގަވާއިދާ ގާނޫނެއް މިތާކު ނުހެދޭނޭ. އެހެންވީމަ މި މަޝްރޫއު ދިވެހިންގެ ސަގާފަތާ އެއްގޮތަށް ބަދަލު ކުރަން ޗައިނާގެ ބޭފުޅުންނަށް ދަންނަވާށޭ."
ޑރ. ބާރީ ވިދާޅުވީ އެ ޕްރޮޖެކްޓަކީ ގއ. އަތޮޅާއި ގދ. އަތޮޅު އާބަން ސިޓީއެއްގެ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން ޗައިނާގެ ނިއު އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރު ކޮމްޕެނީ އާ އެކު ޖުލައި 17، 2011 ގައި ސޮއި ކުރި ޕްރޮޖެކްޓެވެ.