މި ސަރުކާރުން ހިންގަން ހަމަޖެހިފައިވާ ހައުސިން މަޝްރޫއުތަކުގެ މަސައްކަތްތައް މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ތަޞައްވުރަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަން ބޭނުންވެފައި ތިބި އެންމެނަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ދެއްވުން ކަމަށެވެ. އެގޮތުން މި ފަސް އަހަރުގެ ތެރޭގައި 65،000 އަށް ވުރެ ގިނަ ހައުސިންގ ޔުނިޓް ގާއިމު ކުރެއްވުމަކީ ރައީސްގެ ވަޢުދެކެވެ.
ރައީސް ވިދާޅުވީ، ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ލިބެން ޖެހޭ ކަމަށާއި، ބޯހިޔާވަހިކަމުގެ ޢަމާޒު ކަނޑައަޅުއްވާފައި ވަނީ ހުރިހާ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުން ކަމަށެވެ.
އެގޮތުން، މިހާރު ކުރިއަށްދާ އަންނަ ހައުސިން މަޝްރޫޢުތައް އަވަހަށް ނިންމައި އެ ގޯތިތަކާއި ފްލެޓުތައް އަވަހަށް ހަވާލުކުރުމުގެ މަސައްކަތްކުރިއަށް ދާ ކަމަށެވެ. އަދި ސަރުކާރުން އަލަށް ފެށުމަށް ނިންމާފައިވާ ހައުސިން މަޝްރޫޢުތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ބަޖެޓުގެ ތެރެއިން ކުރުމަށް ކަނޑައަޅުއްވާފައިވާ މަޝްރޫއުތައް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށެވެ.
އެ މަޝްރޫޢުތައް ފެށުން ލަސްވަނީ ބަޖެޓުގައި އެ މަޝްރޫޢުތަކަށް ފައިސާ ކަނޑައެޅިގޮތުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ހުށައެޅިން މި މަޝްރޫޢުތައް ކުރީބާގައި ހިންގޭނެ ގޮތަކަށް ޢަދަދުތައް ހިމަނައި ދޭން. އެހެން ނަމަވެސް މަޖިލީހުގެ ކޮންޓްރޯލް އޮތީ އަޅުގަނޑުމެންގެ ޕާޓީއަކު ނޫން،" ރައީސް ވިދާޅުވި އެވެ. "އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެގެން ބޭނުމެއް ނުވި އަޅުގަނޑުމެންގެ މި ވަޢުދުތައް ފުއްދޭނެ މަގެއް ފަސޭހަގޮތެއްގަ ހޯދައިދޭކަށެއް. އެހެންވީމަ އެކަހަލަ ދަތިތައް އެބަހުރި."
ރައީސް ވިދާޅުވީ ބަޖެޓުގައި ފައިސާ ކަނޑައަޅަފައި ވަނީ މަޝްރޫޢުތައް ނުފެށޭ ގޮތަށް ކަމަށެވެ. ރައީސް ވިދާޅުވީ ޢާންމުކޮށް ކޮންމެ ބަޖެޓެއް ފާސްކުރާއިރުވެސް ޢަމަލުކުރާ އުޞޫލަކީ ހިނގަމުންދާ މަޝްރޫޢުތައް ނިންމޭވަރަށް ބަޖެޓުގައި ފައިސާ ހިމެނުން ކަމަށެވެ. ނަމަވެސް މަޝްރޫޢުތައް ނިންމާ ވަރާ ގާތަށްވެސް މިއަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާދީފައި ނުވާކަމުގެ ކަންބޮޑުވުން އޮތް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ބަޖެޓުގައި ހިމަނާފައިވާ ހައުސިން މަޝްރޫޢުތައް އެންމެ ލަސްވެގެން މި އަހަރުގެ ޖުލައި މަހުގެ ފަހުކޮޅުގައި ފަށްޓަވާނެ ކަމަށެވެ. އެ މަޝްރޫޢުތަކުގެ ތެރޭގައި ޗައިނާއާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ޢިމާރާތްކުރާ ހައުސިން މަޝްރޫޢުތަކާއި، އެގްޒިމް ބޭންކް ފައިސާ އާއި އެ ނޫންވެސް އެކި ލުއި ލޯންތަކުންނާއި، ޑިވެލޮޕަ ފައިނޭންސް އުސޫލުން ވެސް ގިނަ މަޝްރޫޢުތަކެއް ހިންގެވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ.