ކުރިއަށް އޮތް ފަސް އަހަރަށް ބިޒްނެސް ޕްލޭނެއް އެކުލަވައިލަން ނިންމާފައިވާ ކަމަށް ފެނަކަ އިން ބުނެފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުއާޒު ވިދާޅުވީ މިހާރު އެންމެ ބޮޑު އަމާޒަކީ ފައިދާވާ ކުންފުންޏަކަށް ފެނަކަ ހެދުން ކަމަށާއި ފައިދާ ނުވާ އެއްވެސް މަޝްރޫއެއް ކުންފުނިން ދެން ނުހިންގާނެ ކަމަށެވެ،
ކުރީގެ ސަރުކާރުގައި ފެނަކަ ވަރަށް ބޮޑު ދަރުވާފައިވާ ކަމަށް ވިދާޅުވެ މުއާޒު ވިދާޅުވީ ކުންފުނި ދެން ބައްޓަންވަމުން އަންނާނީ ހަރުދަނާ ސިޔާސަތުތަކެއްގެ މަތީގައ ކަމަށެވެ. އެގޮތުން ހަރަދު ކުޑަކޮށް ކުންފުނި ހިންގުމާއި ފައިދާވާ ކުންފުންޏަކަށް ފެނަކަ ހެދުމަށްޓަކައި ބިޒްނަސް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އޭގެ ދަށުން ގިނަ ކަންކަން ހަމައަކަށް އެޅުވޭނެ ކަމަށް ފެނަކަ އިން ބުންޏެވެ. އެގޮތުން މި ޕްލޭން އެކުލަވާލުމުން ކުންފުނިން ނަގާނީ ކޮން ޕްރޮޖެކްޓުތަކެއްކަމާއި، ވަންނާނީ ކޮން ވިޔަފާރިތަކަށްކަން އެނގޭނެ ކަމަށް މުއާޒް ވިދާޅުވި އެވެ.
"ޓްރާންސްޕޯޓަށް ކުރާ ހަރަދު ކުޑަ ކުރަން ޖެހޭ. މިހާރު ވެސް ލޮޖިސްޓިކަށް ޚަރަދުކުރަން އެވްރެޖްކޮށް އަހަރެއްގެ މައްޗަށް ސަތޭކަ މިލިއަން ރުފިޔާ ހަރަދު އެބަވޭ އެކަމަށް. ކުންފުންޏަކު ނެތް ލޭޑިން ކްރާފްޓެއް، ދޯންޏެއް، ހެވީ ވެހިކަލެއް. އުޅަނދުތައް ހޯދުމަށް އިންވެސްޓްކުރަން ޖެހޭ،" އޭނަ ވިދާޅުވި އެވެ. "އުޅަނދުތައް ލިބުނީމަ ވަރަށް ބޮޑަށް ޚަރަދު ކުޑަ ކުރެވޭނެ. އަދި އޭރުން ލޮޖިސްޓިކަށް ޚަރަދުކުރި ފައިސާ އެހެން ކަމަކަށް ބޭނުން ކުރެވޭނެ."
މުއާޒު ވިދާޅުވީ ފެނަކަ އަލުން ކޮޅަށް ޖެހުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުންފުނި ދަރަނިވެރިވެފައި އޮތުން ކަމަށެވެ. އަދި ދަރަނި ދެއްކުމަށް ސަރުކާރާ މަޝްވަރާކޮށް ޕްލޭންތަކެއް ހަދަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެގޮތުން ކުންފުނީގެ ދަރަނި 4 ބިލިއަން ރުފިޔާއަށް ވުރެ މަތި ކަމަށް މުއާޒު ވިދާޅުވި އެވެ.