އައްޑޫ ހިތަދު އާއި ހުޅުމީދޫ ގުޅަލައިން އަޅަން ނިންމާފައިވާ ބުރިޖުގެ ފީސިބިލިޓީ ސާވޭ ނިންމިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރޭ މާލޭގައި އޮތް މަޖިލިސް އިންތިހާބު ކެމްޕޭން އިވެންޓެއްގައި ރައީސްވިދާޅުވީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަދަންޖެހޭ ފީސިބިލިޓީގެ ފުރަތަމަ ސާވޭ މިހާރު ނިމިފައިވާ ކަމަށެވެ.
"އެ މަސައްކަތުގެ ފީސިބިލިޓީ މަސައްކަތް މިހާރު އެވަނީ ނިމިފައި. ދެން މިހާރު އެ ހިނގަނީ އެ ކުރެވުނު ސާވޭގެ މައްޗަށް ކުރަން ޖެހޭ އެކި ކަހަލަ ހިސާބުތައް ހެދުމާއި ފީސިބިލިޓީގެ ބާކީ ބައި،" ރައީސް ވިދާޅުވި އެވެ. "އެކަން ނިންމާފައި އަޅުގަނޑުމެން ދާނީ އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާ އަށް."
ރައީސް ރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ ކުރިން ވެސް ވައުދުފައިވާ ގޮތަށް މި އަހަރުގެ ތެރޭގައި އައްޑޫ ބްރިޖްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.
Arab Contractors commenced the initial surveying works for preparation of the preliminary design of the Hithadhoo-Hulhumeedhoo Bridge project on 6th March 2024.
The initial surveys will be concluded today. pic.twitter.com/xS48pb3B4U— Ministry of Construction and Infrastructure (@MoCImv) March 10, 2024
މި ބުރިޖު ޑިޒައިންކޮށް، ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، މިސްރުގެ ސަރުކާރު ކުންފުންޏެއް ކަމަށްވާ ދަ އެރަބް ކޮންޓްރެކްޓާޒްއާއެވެ. އެ ކުންފުންޏާ އެކީ އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރީ މިދިޔަ މަހުގެ 19 ގަ އެވެ. މި މަޝްރޫއުގެ ސާވޭއަށް މި އަހަރުގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.