ރާއްޖޭގެ ކަނޑުގެ ހާއްސަ އިގުތިސާދީ ސަރަހައްދު (އީއީޒެޑް) ބަލަހައްޓަން ކުރާ މަސައްކަތަށް ހާއްސަކޮށްގެން ކަސްޓަމްސްގެ ހާއްސަ ސެކްޝަނެއް އުފައްދައިފި އެވެ.
މެރިޓައިމް ސަވައިލެންސް އެންޑް ބޯޑާ ޕްރޮޓެކްޝަން ސެކްޝަންގެ ނަމުގައި އަލަށް އުފެއްދި ސެކްޝަނަކީ، ކަސްޓަމްސްގެ ކޮންޓްރޯލްޑް ސަރަހައްދުތަައް ބެލަހެއްޓުމުގެ މަސައްކަތް ކުރާނެ ތަނެއް ކަމަށް ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުންޏެވެ. އަދި މިއީ މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެވުން ހުއްޓުވުމުގެ އޮޕަރޭޝަންތައް ހިންގުމާއި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ހުރި އުޅަނދުފަހަރުގެ ކަންކަން ބެެލެހެއްޓުން ހަރުދަނާ ކުރުމަކީ ވެސް އާ ސެކްޝަނުގެ މަސައްކަތެކެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި ސަވައިލެންސް ޑްރޯން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އުޅަނދުފަހަރު މޮނިޓާ ކުރުމަށް އެމްއެންޑީއެފްއާ އެކު ކަސްޓަމްސްގެ އާ ސެކްޝަނުން މަސައްކަތް ކުރާނެ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ކަސްޓަމްސް އިން ތަންފީޒުކުރަން ޖެހޭ ކަންކަން ކުރުމަށް އެމްއެންޑީއެފްއާ ގުޅިގެން އޮޕަރޭޝަންތައް ހިންގުމުގައި ވެސް ހަރަކާތްތެރިވާނީ މެރިޓައިމް ސަވައިލެންސް އެންޑް ބޯޑާ ޕްރޮޓެކްޝަން ސެކްޝަން ކަސްޓަމްސްގެ ކަމަށް ބަޔާނުގައި ބުންޏެވެ.
އަލަށް އުފެއްދި ސެކްޝަނަށް ހާއްސަކޮށްގެންކި ޔުނީފޯމެއް ވެސް ތައާރަފުކޮށްފައިވެ އެވެ. ކަސްޓަމްސް އިން ބުނީ ސެކްޝަނުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ހޯދުމުގެ މަސައްކަތްތައް ވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ހޯދުމަށް މިހާރު ވެސް ޗައިނާ އެމްބަސީ އިންނާއި އެމެރިކާގެ "އެކްސްޕޯޓް ކޮންޓްރޯލް އެންޑް ރިލޭޓަޑް ބޯޑާ ސެކިއުރިޓީ"ގެ ފަރާތުން ޔަގީންކަން ލިބިފައިވާ ކަމަށް ކަސްޓަމްސް ބުންޏެވެ.
މެރިޓައިމް ސަވައިލެންސް އެންޑް ބޯޑާ ޕްރޮޓެކްޝަން ސެކްޝަން މަސައްކަތްތައް ފެށީ ކަސްޓަމްސްގެ މެރިޓައިމް އޮޕަރޭޝަންތަކުގައި ބޭނުން ކުރާ ދެ އުޅަނދާ އެކީގަ އެވެ. އަދި ޖަޕާނުން ދާދި ފަހުން ކަސްޓަމްސްކޮށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ 30 ފޫޓުގެ ދެ ޕެޓްރޯލް ވެޒެލް ވެސް ބޭނުން ކުރަން ހަމަޖެހިފައިވަނީ އާ ސެކްޝަންގަ އެވެ.