ގައުމު ހިންގާ އަވައްޓެރި ގައުުމެއްގެ އެމްބެސެޑަރަކު އަންގާ ގޮތަށް ނޫން ކަމަށާއި އެ ދުވަސް މިހާރު މާޒީވެއްޖެ ކަމަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެމްޑީޕީ އަށް ފާޑު ވިދާޅުވެއްޖެ އެވެ.
މި މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަންގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއްގެ ކެމްޕޭނެއް ޖަލްސާއެއްގައި ރައީސް ރޭ ވިދާޅުވީ ދިވެހި ގައުމު މިހާރު ކުރިއަށް ދަނީ ރަނގަޅު މިސްރާބުން ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ހިރާއްޖެ އަކީ އަމިއްލަވަންތަ މިނިވަން ފަޚުރުވެރި ގައުމެއް ކަމަށާއި ގައުމުގެ ކަންކަން ނިންމާނީ ދިވެހި ރައްޔިތުން ކަމަށެވެ. އަދި ރާއްޖެއިން ކަންކަން ނިންމަން ޖެހޭނީ ބޭރު ގައުމެއްގެ ސަފީރަކު އަންގާ ގޮތަށް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
"ބޭރު ބަޔަކު ބުނާހާ ގޮތަކަށް ކައިރީގައި ހުރި އެމްބަސީގެ އެމްބެސެޑަރު ވަޑަައިގެން ވިދާޅުވާ ގޮތަކަށް ނޫން. މި ގައުމުގެ ކަންކަން ހިގަންޖެހޭނީ، އެކަން މާޒީކޮށްފި ދިވެހި ރައްޔިތުން މިދިޔަ ރިޔާސީ އިންތިހާބުގައި. ދެން އަނެއްކާ އެމަގަށް މިސްރާބު ހިފަން ތިޔަބޭފުޅުން ފުރުސަތު ދީގެން ނުވާނެ،" އެމްޑީޕީ ސަރުކާރުގައި އިންޑިއާގެ ނުފޫޒު ސަރުކާރަށް އިންތިހާ އޮތް ކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ. "އެ މިސްރާބު ނުހިފިގެން އެ އުޅެނީ އެ މިސްރާބަކީ ހަމަ މިސްރާބެއް ނޫން. އެއީ ކަސިޔާރު މިސްރާބެއް. އެ މިސްރާބަކަށް ދާކަށް ނޫން އަނެއްކާ ނިންމަންވީ."
ރައީސް ދިވެހި ރައްޔިތުންނަށް އާރޯކަން ލިބި އިންވެސްޓަރުންގެ އިތުބާރު ހޯދައި ދިވެހި ރައްޔިތުން ބާރުވެރިކޮށް ފުދުންތެރި ކުރެވޭނީ މިހާރު ގައުމު ގެންދާ މިސްރާބުން ގޮސްގެން ކަމަށެވެ. އަދި ބަޔަކު އުޅެނީ އެކަން ހަޖަމު ނުވެގެން ކަމަށް ވެސް އީސް ވިދާޅުވިއެވެ.
"އެހެންވީމަ އަނެއްކާ ވެސް މިސްރާބުން ކައްސާލެވޭތޯ އެހެން ދިމާލަކަށް ގެންދެވޭތޯ އުޅޭ އުޅުމަށް އަޅުގަނޑުމެން ނުވާނެ އިޖާބަދީގެނެއް،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެން ހެއު ވިސްނޭ މީހުން ގައުމު ދެކެ ލޯބިވާ މީހުން ވިސްނަންވާނީ ގައުމުގެ ކަންކަން ހިނގަމުންދާ ގޮތް އަމިއްލަ ލޮލުން ބަލައި އަމިއްލަ ސިކުނޑިން ވިސްނަން ޖެހޭނީ."