ފ. މަގޫދޫ އެއާޕޯޓް ހުއްޓާލިކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހަޅާފައިވަނީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމެވެ.
ހަލީމް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ ކުރީ ސަރުކާރުން މަގޫދޫ އެއާޕޯޓްގެ މަޝްރޫއު ފެށީ، 21 މިލިއަން ޑޮލަރު ނަގުދު ފައިސާގެ ގޮތުގައި ލިބިގެން ކަމަށެވެ. މަގޫދޫ އެއާޕޯޓު މަޝްރޫއުގެ 70 އިންސައްތަ ނިމިފައިވާއިރު މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެ މަޝްރޫއު ހުއްޓާލަން ނިންމާފައިވާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލަން ނިންމާ އެ ރަށާއި ޖެހިގެން ގާތްގަނޑަކަށް 10 މިނެޓުން ދެވެން އޮތް ފ. ނިލަންދޫގައި އެއާޕޯޓެއް އެޅުން އިއުލާނުކޮށްފައިވަނީ، ނިލަންދޫ ދާއިރާގައި ރައީސުލްޖުމްހޫރިއްޔާގެ ކޮއްކޯފުޅު ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށްފަހު ކަމަށެވެ. އެހެންކަމުން މިއީ ރައީސްގެ އާއިލީ އަދި ސިޔާސީ މަންފާއަށް ނިންމާފައިވާ ނިންމުމެއްކަން އެއްވެސް ޝައްކެއްނެތް މިންވަރަށް އެނގޭ ކަމަަށްވެސް ހަލީމްގެ ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.
މީގެއިތުރުން ހަލީމްގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ މި ނިންމުމަކީ، ރައީސްގެ ޒާތީ އަދި އަމިއްލަ މަސްލަހަތު އިސްކޮށް ގާނޫނުއަސާސީން ދީފައިވާ ބާރުތައް ގާނޫނުގެ ހުދޫދުން ބޭރުން ބޭނުންކޮށްގެން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި މި ނިންމުމަކީ އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ދައުލަތަށާއި ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެފައިވެއެވެ.