Last Updated: January 19, 11:17
Sunday, January 19, 2025
ޚަބަރު

ޕާޓީ ބަދަލުކުރުމުން އިސްތިއުފާ ދޭންޖެހޭ ގޮތަށް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންވާނެ ކަމަށް ބަޔާންކުރާ އެންޓި-ޑިފެކްޝަން ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 33 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ފާސްކުރުމާ ދެކޮޅަށް 6 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

މި ބިލު މަޖިލީހަށް ފުރަތަމަ ހުށަހެޅިއިރު 3 ވަނަ މާއްދާގެ އަރިމަތީ ސުރުހީގައި ބަޔާންކޮށްފައިވަނީ، "ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް" މިހެންނެވެ. އެހެންނަމަވެސް ކޮމިޓީން ބިލު އިސްލާހުކުރިއިރު މިހާރު ބަޔާންކޮށްފައިވަނީ، "ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދޭންޖެހޭ ހާލަތްތައް" ކަމަށެވެ.

މަޖިލީހުން ފާސްކުރި ބިލުގެ 3 ވަނަ މާއްދާގައި ބުނެފައިވަނީ، އެ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، ލަސްވެގެން 7 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެ ކަމަށެވެ. އަދި އިސީން އެކަން މަޖިލީހަށް އަންގާ ދުވަހުން ފެށިގެން އެ މީހަކު މެންބަރުކަމުން އިސްތިއުފާ ދޭންވާނެ ކަމަށެވެ. މީގެއިތުރުން މެންބަރު މަގާމުގައި ބަހައްޓަން ފެނޭތޯ ނުވަތަ ނުފެނޭތޯ، ރިކޯލް ވޯޓު ނެގުމުގެ ބާބެއް މި ބިލު ހުށަހެޅިއިރު ހިމަނާފައިވާއިރު، މި ބިލު މަޖިލީހުން ފާސްކޮށްފައިވަނި މި ބާބު އުނިކުރުމަށްފަހުއެވެ.

މި ބިލުގައި ވަނީ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ވެސް ބަޔާންކޮށްފައެވެ.

މި ބިލު ހުށަހެޅި ސަބަބެއްގެ ގޮތުން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ އަތޮޅު ކައުންސިލްތަކަށާއި، ރަށުކައުންސިލް ތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރައްޔިތުން އިންތިހާބުކުރާ ދައުރުގެ ތެރޭގައި އެ އިންތިހާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުން ކަމަށެވެ. އަދި ރައްޔިތުން އިންތިހާބުކުރާ މަގާމުތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ބައެއްކަމަށް ހެދުންކަމަށެވެ.