އުރީދޫގެ އެމް-ފައިސާ އާއި މަނީގްރާމް އިންޓަރނޭޝަނަލް ގެ ޕާޓްނަރޝިޕާއެކު، އެމް-ފައިސާ މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ފަށައިފިއެވެ.
މަނީގްރާމް އިންޓަރނޭޝަނަލް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފައިސާ ފޮނުވައިދީ ގުޅުވައިދިނުމުގައި ތަޖުރިބާކާރު ކުންފުންޏެކެވެ. މި ޕާޓްނަރޝިޕާއެކު ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުށް، ދުނިޔޭގެ އެކި ހިސާބުތަކަށް ފަސޭހަ ކަމާއެކު ފައިސާ ފޮނުވުމުގެ މަގު މިވަނީ ފަހިވެފައެވެ.
އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ދުނިޔޭގެ އެކި ހިސާބުގައި ދިރިއުޅެމުންދާ އާއިލާ އަދި ރައްޓެހިންގެ ބެންކު އެކައުންޓް، މޮބައިލް ވޮލެޓު ނުވަތަ މަނީގްރާމްގެ އޭޖަންޓެއް މެދުވެރިކޮށް ނަގުދު ފައިސާ ނެގޭގޮތަށް ފޮނުވޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.
މި ހިދުމަތާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޚާލިދް އަލް- ހަމާދީ ވިދާޅުވީ އުރީދޫގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ އަދި މަނީގްރާމްއާއި ގުޅިގެން މިއަދު ފެށި ހިދުމަތަކީ ދިވެހިންނާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި، ވިޔަފާރިވެރިން އަދި ދުނިޔޭގެ އެކި ހިސާބުގައި އުޅޭ ދިވެހި ކިޔަވާކުދިންނަށް ބޭނުންވެފައިވަނީ އަވަސް، ފަސޭހަ އަދި ރައްކާތެރި ހިދުމަތެއް ކަމަށެވެ.
"މި ޑިޖިޓަލް ޚިދުމަތުގެ ސަބަބުން މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް ލުޔެއް ލިބިގެން ދާނެކަމަށް ޔަގީންކުރަމެވެ. މި ޚިދުމަތް ދިނުމުގައި މަނީގްރާމް ފަދަ ތަޖުރިބާކާރު ކުންފުންޏަކާއެކު ކުރިއަށް ދިޔުމަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ދެވޭ ޚިދުމަތް އެންމެ ރަގަޅަށް ދިނުމުގައި މަގުފަހިވާނެ ކަމެކެވެ. ދިވެހިން އަދި ދިވެހިރާއްޖޭގައި ޑިޖިޓަލް މާލީ ޚިދުމަތްތައް ކުރިއަރުވާ، މި ޚިދުމަތްތަކަކީ އެންމެނަށް ފަސޭހަކަމާއެކު ލިބޭ ޚިދުމަތްތަކަށް ހެދުމަށް އަބަދުވެސް އުރީދޫއިން ދާނީ މަސައްކަތްކުރަމުންނެވެ." ޚާލިދް އަލް- ހަމާދީ ވިދާޅުވިއެވެ.
މަނީގްރާމް އަކީ ފިންޓެކް އިނޮވޭޝަންގައި ވަރުގަދަ، ކަސްޓަމަރުންނާއި ގާތުން މަސައްކަތްކުރަމުންދާ ކުންފުންޏެކެވެ. މްނީގްރާމްގެ ޒަމާނީ ޕްލެޓްފޯމް މެދުވެރިކޮށް ދުނިޔޭގެ އެންމެ ކުޅަދާނަ ކުންފުނިތަކާއެކު މާލީ ޚިދުމަތްދިނުމުގެ މަސައްކަތުގައި ކުރިއަށްދަމުންނެވެ.
މި ހިދުމަތް ފެށުމާ ގުޅިގެން މަނީގްރާމް ރީޖަނަލް ހެޑް ނަވީދު އަޝްރަފު ވިދާޅުވީ މިއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އާއިލާ އަދި ރައްޓެހިންނަށް ފައިސާ ފޮނުވުމުގައި ކަސްޓަމަރުންނަށް ފަސޭހަ އަދި ރައްކާތެރި މަގެއް ހުޅުވުގެންދިޔައީ ކަމަށެވެ.