ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާ އިރު މަޖިލީހުގެ ތަޅުމުގައި ދުންމާރި ފުމެން ލަދެއް ނުގަންނަ ކަމަށާއި އެއީ ރައްޔިތުންގެ ހައްގުގައި ކުރާ ކަމެއް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) މިރޭ ވިދާޅުވެއްޖެ އެވެ.
މާލޭގައި މިރޭ ކުރިއަށް ގެންދާ "އަނިޔާވެރިކަމާ ދެކޮޅަށް" ގެ ނަމުގައި ކުރިއަށް ގެންދާ ޖަލްސާގައި ރޮޒޭ ވިދާޅުވީ މަޖިލީހުގެ ތެރޭގައި ބެރު ދުންމާރި އެމްޑީޕީ އާއި ސަކާރާ ދެކޮޅު ފަރާތްތަކުން ފުމެނީ ކޮންމެހެން އެކަން ކުރަނީ ކުރަން ފަސޭހަ ކަމަކަށް ވާތީ ނޫން ކަމަށެވެ.
އަދި ބާރަށް ދުންމާރީ ފުމޭތީ ކަންފަތަށް މިހާރު ރަނގަޅަށް އަޑު ވެސް ނީވޭ ކަމަށާއި ގޭ ތެރޭގައި ވެސް މީހުން ދައްކާ ވާހަަކަ ރަނގަޅަށް ނީވޭ ކަމަށް ރޮޒޭ ވިދާޅުވި އެވެ.
އަދި އެއީ ރައްޔިތުންގެ ހައްގުގައި މި ވަގުތު "ޕީޕީއެމްގެ މަޖިލީހަކަށް" ހަދައިގެން އުޅޭ މަޖިލީހުގެ ތަޅުމުގައި އިދިކޮޅު ފަރާތްތަކަށް އަޑު އުފުލެން އޮތް ކަމަށް ވެސް ރޮޒޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބެރު ދުންމާރި ވައްދައި، އެ ދުންމާރި ފުމޭނެ ކަމަށާއި އެކަން ހުއްޓައި ނުލާނެ ކަމަށެވެ. އަދި އެގޮތަށް ކަންފަތް ރައްޔިތުންގެ ހައްގުގައި ގުރުބާން ކުރަން ޖެހުނަސް އެކަން ކުރާނެ ކަމަށް ރޮޒޭ ވިދާޅުވި އެވެ.
ރޮޒޭ އަދި ވިދާޅުވީ މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކުގެ ކަންކަށިމަތީގައި ޖަހަން ޖެހޭ ފަދަ ހާލަތެއް އަތުވެއްޖެ ނަމަ އެކަން ކުރަން ވެސް ފަސް ނުޖެހޭނެ ކަމަށެވެ.