ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް އިޝްތިހާރު ކުރުމުގެ ޒިންމާ ނަގާ ކުންފުނި، އެމްއެމްޕިއާރްސީގެ އަންހެން މުވައްޒަފުންތަކަކަށް އެތަނުގެ އިސްވެރިޔަކު ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައއް ފެންމަތިވެފައިވާތީ އެކަން ބަލާނެ ކަމަށް ކުންފުނިން ބުނެފި އެވެ.
ޖިންސީ ގޯނާގެ ތުހުމަތުކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމްގެ މައްޗަށެވެ. އޭނަގެ ފަރާތުން ކުންފުނީގައިތިން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ލިބިފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. ބައްސާމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ހިމެނެނީ، ޖަރުމަނުގައި އޮތް މި އަހަރުގެ އައިޓީބީ ބާލިން ފެއާގެ ތެރެއިން ރުހުމަކާ ނުލާ ޖިންސީ ނިޔަތެއްގައި މުވައްޒަފެއް ގަޔަށް އަތްލުމާއި ތިން މުވައްޒަފަކާ ޖިންސީ ނިޔަތެއް އޮވެގެން ބޭއަދަބީ ވާހަކަ ދެއްކުމެވެ.
މި ތުހުމަތުތަކާ ގުޅިގެން ގުޅިގެން އެމްއެމްޕީއާރުސީން ނެރެފައިވާ ބަޔާނެއްގައި، ބުނީ ޖިންސީ ފުރައްސާރައިގެ އަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައި ގަންނާނެ އަމަލުތަކެއް ނޫން ކަމަށެވެ. އަދި އެ ކުންފުންޏާއި ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފަދަ އެއްވެސް މައްސަލައެއް ކުންފުނީގެ އެއްވެސް މުވައްޒަފަކު ރަސްމީކޮށް މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައި ނުވާ ކަމަށް ބުންޏެވެ.
ނަމަވެސް މެނޭޖުމަންޓަށް އެކަމުގެ މައުލޫމާތު ލިބިފައިވާތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.
އެތަނުން ބުނީ މެނޭޖްމެންޓަށް ލިބިފައިވާ މައުލޫމާތު ޑިސިޕްލިނަރީ ކޮމިޓީއަށް ހިއްސާކޮށްފައިވާކަމަށާއި އެ ކޮމިޓީގެ ތަހުގީގަށް ފަހު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ.