ބަޔަކަށް ހަޖަމު ނުވިޔަސް، މި ސަރުކާރުން ގައުމު ހިންގާނީ ފައިސާ ޗާޕްނުކޮށް އިގުތިސާދީ ރަނގަޅުކޮށްގެން ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު އިދިކޮޅު ފަރާތްތަކަޑށް ރައްދު ދެއްވައިފި އެވެ.
ހުޅުމާލޭގެ ހިޔާ ސަރަހައްދުގައި ރޭ އާންމުންނާ އެކީ ބޭއްވި އެއްވުމުގައި ހިޔާ ޕާކު ސަރަހައްދުގައި އާއްމުންނާ އެކު ބޭއްވި ރައީސް ވިދާޅުވީ، މި ސަރުކާރުން ކަންކު ރާނީ މިދިޔަ ފަސް އަހަރުގައި ކަން ކުރި ގޮތަކަށް ނޫން ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފައިސާ ޗާޕްކޮށްގެން ގައުމު ހިންގަން އުޅުނު ގޮތަށް މި ސަރުކާރުން އެކަން ނުކުރާނެ ކަމަށާއި ފައިސާ ޗާޕްކުރުން އޮންނާނީ ހުއްޓާލާފައި ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުގެ ފަސް އަހަރުތެރޭ 8 ބިލިއަން ރުފިޔާ ޗާޕުކުރި އެވެ. އަދި އޭގެ ކުރީ 40 އަހަރުތެރޭ ވެސް ޗާޕްކޮށްފައި ހުރީ 50 މިލިއަން ރުފިޔާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުގެ އެންމެ މުހިންމު އިގްތިސޯދީ އެޖެންޑާއަކީ ފަައިސާ ޗާޕްކުރުން ހުއްޓާލުން ކަމަށެވެ.
"އެކަން ވާނީ ހުއްޓާލާފަ ވައުދުވީ ގޮތަށް. ދެން މިކަން ހަޖަމު ނުވަންޏާ ނުވާންވީ. އެކަން އެެ އޮތީ ކޮށްފައި،" ރައީސް ވިދާޅުވި އެވެ. "އެކަން އެ ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ގަބޫލުކޮށްފައި، ވޯލްޑް ބޭންކުން އެކަން ވަނީ ފާހަގަކޮށްފައި. ފައިސާ ޗާޕްނުކޮށް އަޅުގަނޑުމެން މި ގައުމު ހިންގާނީ."
އެމަނިކުފާނު ވިދާޅުވީ ބޭރުގެ ދަރަނި ދައްކަން އުފައްދާފައިވާ ޑޮލަރު ރައްކާކުރާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ސަރުކާރާ ހަވާލުވިއިރު ހުރީ އެންމެ 2 މިލިއަން ޑޮލަރުގައި ކަމަށެވެ. އަދި ފައިސާ ޗާޕު ނުކޮށް މަޝްރޫއުތައް ހިންގުމާ އެކު އެ ފަންޑަށް 35 މިލިއަން ޑޮލަރު މި ސަރުކާރުން މިހާރު ޖަމާކޮށްފައި ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެހެންވެ ރޭޓުގައި ގޮސް މި އަހަރު ނިމޭއިރު ލޯންތައް ދެއްކުމަށް އެ ފަންޑަށް 100 މިލިއަން ޑޮލަރު ހަމަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.