* ބޭނުންވާ ތަކެތި:
2 މޭޒުމަތީ ސަމުސާ ގިތެޔޮ
1 ފިޔާ
¼ ޖޯޑު ރޯ ކެޝޫނަޓް
2 މޭޒުމަތީ ސަމުސާ ހިކިމޭބިސްކަދުރު
1 ޖޯޑު ރަވާ (ސޫޖީ)
2 ޖޯޑު ފެން
1 ދަޅު ވިނަމިލްކް ސްޓާ ޕްރިމިއަމް ކޮންޑެންސްޑް ކްރީމަރ (380 ގްރާމް)
¼ ޖޯޑު ހަކުރު
½ ސައިސަމުސާ މުގުރި ފޮނިތޮށި
½ ސައިސަމުސާ މުގުރި ކާފޫރުތޮޅި
9 އިންޗި ރާނބާފަތް (3 ބަޔަށް ކޮށާފަ)
1 ސައިސަމުސާ ރޯޒް ވޯޓަރ
2 ބިސް
* ތައްޔާރު ކުރާނެ ގޮތް:
1. އެންމެ ފުރަތަމަ 1 ފިޔާ ތުނިކޮށް ކޮށާލާށެވެ.
2. ތެއްޔަކަށް 2 މޭޒުމަތީ ސަމުސާ ގިތެޔޮ އަޅާފަ ހޫނު ކޮއްލާށެވެ. އެއަށް ފިޔާކޮޅު އަޅާފަ 2 މިނެޓް ވަންދެން މެދު ގިނީ ގައި ރަތް ކޮށްލާށެވެ. ދެން ކެޝޫނަޓްސްއާއި ހިކިމޭބިސްކަދުރު އަޅާފަ ފިޔާކޮޅަށް ރަން މުށިކުލައެއް އަރަންދެން ކައްކާށެވެ.
3. ދެން އުދުން މަތިން ފިޔާކޮޅު ބާލާށެވެ. އަދި އެއިން 2 މޭޒުމަތީ ސަމުސާ ނަގާފަ ފަހުން ބޭނުން ކުރަން އެހަށް ބަހައްޓާލާށެވެ. މި ފިޔާކޮޅު އަޅާނީ ބޯކިބާ ފިހެ ނިމުނީމައި އޭގެ މައްޗަށެވެ.
4. ދެން ހަމަ އެ ތެއްޔަށް ރަވާކޮޅު އަޅާލާފަ މެދު ގިނީގައި އެއަށް ރަން މުށި ކުލަ އަރަންދެން ހަނާކުރާށެވެ. ހަނާކުރާއިރު ހުއްޓާނުލާ ހަލަމުން ގެންދާށެވެ.
5. ދެން ރަވާކޮޅު ހޫނު ކުރަމުން ފެން އަޅަން ފަށާށެވެ. ފެން އަޅާނީ މަދު މަދުން ފަހަރަކު ކުޑަ އެތި ކޮޅެކެވެ. ކޮންމެ ފަހަރަކު ފެން އެޅުމަށްފަހު އެއްކޮށްލަން ވާނެއެވެ. ފެން އަޅާ ނިމުނީމައި ހުއްޓާނުލާ ދެތިން މިނެޓް ވަންދެން ހުރިހާ އެއްޗެއް އެއްކުރަމުން ކައްކާށެވެ. މިހެން ހަދަނީ ތެލީގެ ތެރޭގައި އެ އެއްވެ ގުޅަވިއަ ނުދިނުމަށެވެ.
6. ދެން 1 ދަޅު ވިނަމިލްކް ސްޓާ ޕްރިމިއަމް ކޮންޑެންސްޑް ކްރީމަރ އަޅާފަ ރަވާ ކޮޅާއި އެއްކޮށްލާށެވެ. ދެންވެސް ތެލީގެ ތެރޭގައި ހުރި ސާމާނު އެއްކުރަމުން ކައްކަމުން ގެންދާށެވެ.
7. ތެލީގެ ތެރެއަށް ސަމުސަލެއް ލާފަ ނަގާއިރު ސަމުސަލުގައި ރަވާގަނޑު ހަރުލާ ވަރަށް އޮލަވުމުން، އެއަށް ހަކުރާއި، ރާނބާ ފަތާއި، މުގުރި ފޮނިތޮށްޓާއި މުގުރި ކާފުރު ތޮޅި އަދި ކުރިން ރަތްކުރި ފިޔާކޮޅު އަޅާފަ ރަނގަޅަށް އެއްކޮށްލާށެވެ.
8. އެއަށް 2 ސައިސަމުސާ ރޯޒް ވޯޓަރ އަޅާލުމަށް ފަހު ރަނގަޅަށް އެއްކޮށްފަ އުނދުން މަތިން ބާލާށެވެ.
9. ދެން ވަކި ބޯތަށްޓަކަށް 2 ބިސް އަޅާފަ ގިރާލާށެވެ. ދެން އުނދުން މަތިން ބޭލި ރަވާ އެތީގެ ތެރެއަށް ބިސްކޮޅު އަޅާލުމަށްފަހު އެއްކޮށްލާށެވެ.
10. ½ 7 އިންޗީގެ ވަށް ތަބަކެއްގައި ޕޭސްޓަރީ ބްރަޝްއެއް ނުވަތަ ޓިޝޫކޮޅެއް ބޭނުން ކޮށްގެން ގިތެޔޮ ވަށާ ހަކާލާށެވެ. އެއަށްފަހު ބޭކިންގ ޝީޓްއެއް ތަބަކުގެ ތެރެއަށް ފައްތާލާށެވެ.
11. ކެއްކި ރަވާގަނޑު ތައްޔާރުކުރި ތަބަކުގެ ތެރެއަށް އަޅާލާށެވެ. އަޅާއިރު އަޅާނީ ރާނބާފަތްކޮޅު ނަގާފައެވެ. ދެން ސަމުސަލަކުން ނުވަތަ ދޭފަތަކުން އޭގެ މަތި އޮމާންކޮށްލާށެވެ.
12. އަވަން 10 މިނެޓް ވަންދެން 180°C ގައި ހޫނުކުރަން ޖައްސާލާށެވެ.
13. ޓްރޭ އަވަނަށް ލުމަށްފަހު 180°Cގައި 45 މިނެޓް ވަންދެން ފިހާށެވެ. ފިހާ ނިމުމުން ބޯކިބަލުގެ މައްޗަށް ހުންނާނީ މުށިކުލަ އަރާފައެވެ. އަދި މަތި ކުޑަކޮށް ހަރުވާނެވެސް މެއެވެ. ދެން ތަބައް އަވަނުން ނަގާފަ 30 މިނެޓް ވަންދެން ހިހޫކޮށްލުމަށް ފަހު ބޯކިބާ ތަބަކުގެ ތެރެއިން ނަގާށެވެ.
14. އެންމެ ފަހުކަމަކަށް ކުރިން ރަތްކޮށްފާ ފަހުން ބޭނުން ކުރަން ވަކިން ބެހެއްޓި 2 މޭޒުމަތީ ސަމުސާ ފިޔާކޮޅާއި ނަޓްސްކޮޅު ބޯކިބާގެ މައްޗަށް އަޅާފަ ފަތުރާލާށެވެ. މި ބޯކިބާ ކާން އެންމެ މީރުވާނީ ފިނި ނުކޮށެވެ.
ރެސިޕީ: ލޮނުމެދު