ދައުލަތުގެ މާލިއްޔާ ހަރުދަނާ ވާނީ އެމްޑީޕީގެ ދޯހަޅި އިގުތިސާދީ ސިޔާސަތުތަކަށް ނޫނެކޭ ބުނެގެން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލައްމާން ވިދާޅުވެއްޖެ އެވެ.
އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގަތް އިރު ބޭރުގެ ދަރަނި ދައްކަން އުފައްދާފައިވާ ޑޮލަރު ރައްކާކުރާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރު ކަމަށެވެ.
ދައުލަތުގެ މާލިއްޔާ ހަރުދަނާ ވާނީ އެމް.ޑީ.ޕީގެ ދޯހަޅި އިޤްތިޞާދީ ސިޔާސަތަށް ނޫނެކޭ ބުނެގެން. މިސަރުކާރާ ހަވާލުވިއިރު ބޭރުގެ ދަރަނި ދައްކަން އުފައްދާފައިވާ ޑޮލަރު ރައްކާކުރާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ 2 މިލިއަން ޑޮލަރު. ފައިސާ ޗާޕު ނުކޮށް، މަޝްރޫއުތައް ހިންގުމާ… pic.twitter.com/3PhLlgl3OF
— Lam’aan (@mohamedlamaan) April 4, 2024
"ފައިސާ ޗާޕު ނުކޮށް، މަޝްރޫއުތައް ހިންގުމާ އެކު އެ ފަންޑަށް 35 މިލިއަން ޑޮލަރު މި ސަރުކާރުން މިހާރު ޖަމާކޮށްފައި ހުންނާނެ،" ލައްމާން ވިދާޅުވި އެވެ. "މިއަދުގެ ރައީސް ޑރ މުޢިއްޒުގެ މާލީ ސިޔާސަތު ހަރުދަނާ ވާނެ. މުސްތަޤުބަލައް ވިސްނައި، ދިވެހީންގެ ރާއްޖެ މަޖިލީހަށް ހޮވަންވީ ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ކެނޑިޑޭޓުން."
ރާއްޖޭގެ އިގުތިސާދީ ހަރުދަނާ ކުރަން މި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ފައިސާ ޗާޕްކުރުން ހުއްޓައިލުން ހިމެނެ އެވެ. މިކަން ދިފާއުކޮށް ރައީސް އިއްޔެ ރޭ ވެސް ވިދާޅުވީ ބަޔަކަށް ހަޖަމު ނުވިޔަސް މި ސަރުކާރުން ފައިޗާ ޗާޕް ނުކުރާނެ ކަމަށާއި އެ ގައުމު ހިންގާނީ އެ ސިޔާސަތާ އެކީގައި ކަމަށެވެ.
އަދި މިފަދަ ފިޔަވަޅުތަކާ އެކީ ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުކޮށް، ތަރައްގީ ގިނަ މަޝްރޫތަކެއް ހިންގޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.