Last Updated: January 19, 06:29
Sunday, January 19, 2025
ޚަބަރު

ޑްރަގްސް އެތެރެކުރާ ސަރަހައްދުތައް ޑްރޯނުން ބަލަނީ

ރާއްޖެ ސަރަހައްދު ބަލަހައްޓަން ބޭނުންކުރާ ޑްރޯން - ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއަށް ކަނޑުމަގުން ޑްރަގްސް އެތެރެކުރާ ސަރަހައްދުތައް ޑްރޯން ބޭނުންކޮށްގެން ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ޗީފް ސްޕްރިޓެންޑެންޓް އަހުމަދު ޝާކިރު ވިދާޅުވީ ސަރުކާރު ބަދަލުވުމަށްފަހު 25 ނޮވެމްބަރުގައި ޑްރަގްގެ މައްސަލަތަކަށް ހާއްސަ ޓާސްކްފޯސްއެއް އުފައްދާފައިވާ ކަމަށެވެ. މި ޓާސްކްފޮސް ޗެއާ ކުރައްވަނީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.

ޝާކިރު ވިދާޅުވީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ ދަށުން، ރާއްޖޭގެ ކަނޑުގެ ސަަރަހައްދުގައި އާންމުކޮށް މަސްތުވާތަކެތި އެތެރެކުރެވޭ ކަމަށް ބެލެވޭ ސަރަހައްދުތައް، އެމްއެންޑީއެފްގެ އެއާކޯގެ އެހީގައި ޑްރޯން ބޭނުންކޮށްގެން، މޮނީޓާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"މިކަމުން، ކަނޑުމަގުން ރާއްޖެ އެތެރެކުރެވޭ މަސްތުވާތަކެތި އެތެރެކުރުމުގައި މިހާރު ދިމާވާ ކަންކަމަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން." ޗީފް ސްޕްރިޓެންޑެންޓް ޝާކިރު ވިދާޅުވިއެވެ.

ޝާކިރު ވިދާޅުވީ މަސްތުވާތަކެތީގެ ބޮޑެތި ޝިޕްމަންޓްތައް ބަލާދާ ރާއްޖޭގެ އުޅަނދުތައް އީއީޒެޑް ފަހަނައަޅާ ނުކުންނަކަމަށް ޑްރަގްގެ މައްސަލަތަކަށް ހާއްސަ ޓާސްކްފޯސްއަށް ހުށަހެޅުނު ކަމަށެވެ. އެކަމާ ގުޅިގެން ކެބިނެޓަށް ހުށަހެޅުނު ޕޭޕަރެއްގެ ޒަރީއާއިން ރާއްޖޭގެ ހުރިހާ އުޅަނދެއްގައި ޓްރެކިން ޑިވައިސް ހަރުކުރުން ލާޒިމުކުރަން ނިންމާ ޤާނުނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ނިންމިފައިވާ ކަމަށެވެ.

މީގެއިތުރުން ޕޯސްޓް މެދުވެރިކޮށްގެނޭ މަސްތުވާތަކެތި ގެނައުމުން ހުއްޓުވުމަށްވެސް ކުރަންޖެހޭ މަސައްކަތްތަކެއް ކުރެވޭ ކަމަށާއި އެގޮތުން އޮތެންޓިކް ގޮތެއްގައި ރަޖިސްޓާ ކުރެވިގެން ނޫނީ ޕޯސްޓް ނުގެނެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކުރެވޭ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި އެކަން ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. ވައިގެމަގުން އެތެރެކުރެވޭ މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްވެސް މަސައްކަތް ކުރާ ކަމަށާއި އެގޮތުން އެމްއޭސީއެލްއާ ގުޅިގެން މަސައްކަތްކުރެވޭކަން ފާހަގަ ކުރެއްވިއެވެ.