އައްޑޫ ހަންކެޑެއިގައި އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއު އަވަހަށް ފަށައި ދޭން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްލާމާއީލް ސަރުކާރަށް ގޮވާލައްވައިފި އެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި އައްޑު އަށް ވާދަކުރައްވާ ކެންޑިޑޭޓޫންނާ އެކީ އެމްޑީޕީގެ ލީޑަޝިޕުން ރޭ ބޭއްވި ބައްދަލުވުމެއްގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވެރިކަމުގައި ހަންކެޑެގައި 1،000 އަށް ވުރެ ގިނަ އެނދު އެޅުމަަށް ޑިޒައިންކޮށް ކޮންޓްރެކްޓަރު ހޯދައި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި ކުރީގެ ސަރުކާރު ނިމުނު އިރު ޗައިނާގެ މާޗަންޓު ބޭންކާއި އެއްކޮށް އެ މަޝްރޫއު ހިންގެވުމަަށް ސޮއިކޮށް ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
Today we signed the EPC contract for Hankede Integrated Tourism Development Project between Maldives Fund Management Corporation (MFMC) and China National Electrical Engineering Company (CNEEC).
(1/2) pic.twitter.com/fKal2KHV8N
— Maldives Fund Management Corporation (@mfmc_mv) March 30, 2023
ފައްޔާޒު ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ ފަސްމަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އަދިވެސް އެ މަަޝްރޫއުގެ މަސައްކަތް ފެށިފައި ނުވާ ކަމަށެވެ. އެހެންވެ ފައިނޭންސް ވެސް ހޯދައި ހުރިހާ ކަމެއް ނިމިފައި އޮތް 145 މިލިއަން ޑޮލަރުގެ އެ ޕްރޮޖެކްޓް މަސައްކަތް ވީހާ އަވަހަކަށް ފެށުމަށް ފައްޔާޒު ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ.
"އަޅުގަނޑުމެންނަށް އެންމެ ރަނގަޅު ހަންކެޑެގެ ނަން ބަދަލުކޮށްފައި ރާޖޫ ކެނޑެ ކިޔާފައި ނަމަވެސް އަވަހަށް ފައްޓަވައިދެއްވާ،" ރައީސް މުއިއްޒަށް އިޝާރާތް ކުރައްވައި ފައްޔާޒު ވިދާޅުވި އެވެ. އަދި އައްސޭރިއޭ ކިޔަސް ކޮންމެ އެއްޗެއް ކިޔަސް އެކަން އަވަހަަށް ފައްޓަވައި ދެއްވާ. އޭރުން އައްޑޫގެ އިގްތިސާދު އަތުނުޖެހޭ ހިސާބަށް ކުރިއަށް ގެންދެވޭނެ."
ހަންކެޑެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އެވެ. ހަންކެޑެ ތަރައްގީ ކުރަން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމްޕެނީ (އެމްއެފްއެމްސީ) އާއި ސީއެންއީސީސީއާ ދެމެދު ސޮއިކުރީ މިދިޔަ އަހަރުގެ މާޗް 30 ގަ އެވެ.
މި ޕްރޮޖެކްޓްގައި ޖުމްލަ 1،041 ކޮޓަރިއާ އެކީ ޓޫރިޒަމާ ގުޅުން ހުރި ވަރަށް ގިނަ ވަސީލަތްތައް ގާއިމުކުރާނެ އެވެ.
މި މަޝްރޫއުގެ މަސައްކަތް ފެށުމާ ގުޅޭ ގޮތުން މިދިޔަ މަހުގެ ތެރޭގައި ސީއެންއީސީސީގެ ޓީމެއް އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކޮށްފައިވެ އެވެ. އެ ބައްދަވުމަށް ފަހު މޭޔަރު އަލީ ނިޒާރު ވިދާޅުވެފައި ވަނީ މަސައްކަތް ފެށުމުގެ ތައްޔާރީތަކުގެ ތެރެއިން މި މަހުގެ ތެރޭގައި ކުންފުނިން ހަންކެޑެއިގައި މޮބިލައިޒްވާން ފަށާނެ ކަމަށެވެ.