Last Updated: November 26, 19:16
Tuesday, November 26, 2024
ޚަބަރު

ރަށްރަށުން ފެންނަނީ އެމްޑީޕީ ދެކެ ފޫހިވެފައިވާ ތަން

މިހާތަނަށް އެކި ރަށްރަށަށް ކުރެއްވި ދަތުރުތަކުގައި ރައްޔިތުންގެ ފަރާތުން ފެނިފައި ވަނީ އެމްޑީޕީ ދެކެ ފޫހިވެފައި ތިބި މަންޒަރު ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓްގައި މަޖިލީހުގެ ފޮނަދޫ ދާއިރާ އަށް ވާދަކުރައްވާ ފައިސަލްގެ ބައްޕަ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ކެމްޕޭން ޖަލްސާއެއްގައި ފައިސަލް ވިދާޅުވީ މަޖިލިސް އިންތިޚާބުގެ ކެމްޕޭންގައި މިހާތަނަށް ރާއްޖޭގެ އެކި ރަށްތަކަށް ވަޑައިގެންނެވުނުކަމަށާއި އެ ދަތުރުތަކުން ފާހަގަކުރެއްވުނީ އެމްޑީޕީ ވަރުގަދަ ނޫންކަން ކަމަށެވެ.

އެމްޑީޕީ މަތިން ރައްޔިތުން ފޫހިވެފައިވާ ކަމަށާއި، ކޮންމެ ފަހަރަކުވެސް މޮޅު ޝިއާރެއްގެ ދަށުން ކެމްޕެއިންކޮށްގެން ރައްޔިތުން އެމްޑީޕީއަށް މަޖިލީހުގެ އަޣުލަބިއްޔަތާއި ސަރުކާރު ދިނުމު ންވެސް ނަތީޖާ ނެރެދެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"ކޮންމެ ފަހަރަކު ވެސް މޮޅު ނަމެއް ކިޔައިގެން [އެމްޑީޕީން ކެމްޕެއިންކުރަނީ]،.އެންމެ ފަހުން 2019 ގައި އެޖެންޑާ-19ގެ އެ ބޭފުޅުން ނުކުތީ، ނިކުމެ 65 ގޮނޑި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންނެވި، ސުޕަ މެޖޯރިޓީ ލިބިވަޑައިގެންނެވި. ލިބިވަޑައިގެން ވީ އެއް ކަމެއް ވެސް ނެތް." ފައިސަލް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ރައްޔިތުން އެމްޑީޕީ އަށް ނޫނެކޭ ބުނީ އެ ޕާޓީ ދެކެ ވެފައިވާ ފޫހިން ކަމަށެވެ. އަދި ރައްޔިތުން މިހާރު ބޭނުން ވަނީ އެ ޕާޓީ ނޫން ގޮތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ދިވެހިން ނިންމީ ދިވެހީންގެ ރާއްޖެއަށް ވާސިލުވުމަށް ދިވެހިންގެ ލީޑަރެއްގެ ގޮތުގައި ރައީސް މުއިއްޒު ކަމަށާއި އެ ދަތުރުގައި ދިވެހިންގެ ރާއްޖެއަށް ވާސިލުވުމަށް ރައީސަށާއި ސަރުކާރަށް އެހީތެރިވާނެ ރައްޔިތުންގެ މަޖިލީހެއް އޮތުމަކީ ވެސް މުހިއްމު ކަމެއް ކަމަށެވެ.

"މިއަދު ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލައިލާއިރުގައި ޖަލު ގޮޅީގައި ދިވެހިރާއްޖޭގެ ރައީސްކަން ކުރެއްވި އެއްވެސް ބޭފުޅަކު ނެތް. އެ ހަމަޖެހުން މިއަދު މިޤައުމުގައި އެބައޮތް. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާކަމެއް ނޫން. މި ޤައުމުގައި އޮތް ހަމަޖެހުން ނަގައިލާކަށް،" މިނިސްޓަރު ވިދާޅުވި އެވެ. "އެގޮތުން އަޅުގަނޑުމެންނަށް ފެނިގެން ދާނެ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުން އަދި ނިމިދިޔަ ސަރުކާރުގެ ރައީސްކަން ކުރެއްވި ބޭފުޅާ ވެސް މިއަދު ނުކުމެވަޑައިގެން ސިޔާސީ މަސައްކަތްޕުޅުގައި ހަރަކާތްތެރިވެވަޑައިގަންނަވާ މަންޒަރު."