ޕާޓީވަންތަ ވިޔަސް މިއީ ދެން ބޮޑު ވަރެވެ. އެކަމަކު މައްސަލައަކަށް ވަނީ ވަކި ބަޔަކު ޕާޓީ ކުލަ އާ ހެދި މާ ބޮޑަށް އުޅޭތީ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ހުރި ސަރުކާރުގެ ބައެއް ތަންތަނުގައި އެ ޕާޓީ އާ ގުޅުން ހުރި ކުލަތައް ލުމުން ވަަރަށް ބޮޑު މައްސަލައަކަށްވި އެވެ. އެކަން އެއް ބަޔަކަށް ހަޖަމް ނުވެގެން "ރީނދޫވެފައި" ހުރި ތަންތަނަށް ކަޅު ތެޔޮ ވެސް ޖެހި އެވެ.
އެގޮތުން ހިތަދޫ ލިންކް ރޯޑްުގައި ހުރި ކުރީގެ ސަދަން ޔުޓިލިޓީ ލިމިޓެޑް (އެސްޔޫއެލް) މިހާރުގެ ފެނަކަ އޮފީހުގެ އިމާރާތުގެ ފާރުގައި މަޑު ރީނދޫ ކުލަލުމުން، އޭގެ ފަހު ދުވަހު ބަޔަކު އެތަނަށް ކަޅު ތެޔޮ ޖެހި އެވެ.
ހުޅުދޫ ބަނދަރުމަތީގައި ބުރި ބުރުތަކުގައި ރީނދޫ ކުލަ ހުރެގެން އެކަން ވެސް ބަޔަކަށް ބަލައިގަންނަން އުނދަގޫވެގެން، ބުރުތަކަށް ކަޅު ތެޔޮ ޖެހި އެވެ.
އޭގެ އިތުރަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ އައިސީޔޫގައި ރީނދޫ ކުލަ ލުމުން ދެން ހީވީ އެހެން ފަދަ ކަމެއްހެންނެވެ.
އެ މައްސަލާގައި އެކި މީހުން އެކި ގޮތްގޮތަށް ވާހަކަ ދެއްކި އެވެ. އެއް ބަޔަކަށް ކަމުނުދިޔައީ ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ވަކި ކުލައެއް ހުރުން އެކަށީގެން ނުވާތީ އެވެ. އެއީ މެޑިކަލް ޕޮލިސީ ވެސް އާ ހިލާފު ކަމަކަށްވި އެވެ.
އަނެެއްކޮޅުން ސިޔާސީ ވިޔަސް، ސިިއްހީ ހިދުމަތް ފަދަ ހިދުމަތް ދޭ ތަންތަނުގައި ވަކި ޕާޓީއެއް ރަމްޒުކޮށްދޭ ކުލައެއް ހުރުމުން އެއީ ސިޔާސީ ގޮތުން ވެސް ބޮޑު މައްސަލައަކަށްވި އެވެ.
އެކަމަކު މިހާރު ތަފާތެވެ. ކުރިން އެހެން ބަޔަކު ކުލަ އާ ހެދި މޮޔަވެގެން އުޅުނު އުޅުން، ވަކި ބަޔަކަށް ޖޯކަކަށްވެފައި، އެ މީހުން މިހާތު ކުލަ އާ ހެދި "ހޭބުއްދި ފިލާ" ހިސާބަށް ދިއުމުން އެކަން ޖޯކަކަށް ނުވެ އެެވެ. އަދި ކުލަ ލާނެ ވަރަކަށް، ލާނެ ތަންތަނެއްގަިއ ލިޔަސް، އެއިން ތަނަކަށް ކަޅުތެޔޮ ފޮދެއް ޖަހާނެ ބަޔަކު ވެސް ނުވެ އެވެ.
މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީއަކީ ޕީޕީއެމެވެ. އެ ޕާޓީގެ ކުލައަކީ އަސަރުމާ ކުލަ އެވެ. އެ ކަމަކު އެ ކުލައިން ކައްސާލައިގެން ގޮސް، މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ކުރީގެ ޕާޓީ ޕީއޭގެ ކުލަތައް އައްޑޫގައި ވަނީ ގަދަވާން ފަށައިފަ އެވެ.
ނިކަން ލިންކް ރޯޑްގައި ދުއްވާލަ ބަލާށެވެ. ހިތަދޫ ސަރަހައްދީ ބަނދަރާ އަރާހަމަވުމުން ހިނި އަންނަ ޒާތުގެ ކަމެއް ފެންނާނެ އެވެ.
އެ ސަރަހައްދުގައި ހުރި ޕޯޓް އިމާރާތުގެ ކުލަ "ޕީއޭ" ގެ ދަނބު ކުލައިން ފެވެނީ އެވެ. ގަދާއި މަޑު ކުލައިންނެވެ.
އެ އިމާރުތުގައި ކުރިން ހުރީ މަޑު އޮރެންޖާއި ގަދަ އޮރެންޖް އަދި ގަދަ ނޫ ކުލަ އެވެ. އެ ކުލަތައް މިހާރު ގެއްލެނީ އެވެ.
މުޅި އިމާރާތް ދަނބުރެ، އެ ސަރަހައްދުން ޕޮލިސް ޓްރޭނިން ސްކޫލަށް ދީފައިވާ ބިމުގެ އިންފާރު ވެސް ދަނބު ކުލައަށް ބަދަލުވެއް އެވެ.
މި މަންޒަފު ފެނުމުން ކޮންމެ މީހަކަށް ވެސް މިހާރު އެންމެ ފަސޭހައިން ބުނެލެވެނީ "މި ދެން ބޮޑުވަރު" އެވެ.
ޕާޓީގެ ވެރިކަން އޮތަސް، ސަރުކާރާއި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ އޮފީސްތައް ޕާޓީ "ޖަގަހަ" ތަކަށް ހަދައިގެން ނުވާނެ އެވެ. ގިނަ ބަޔަކު ގަބޫލް ކުރަނީ އެހެންނެވެ. އެ ތަންތާނގައި މަސައްކަތް ކުރަނީ ހަމައެކަނި ވަކި ފިކުރެއްގެ ބައެއް ވެސް ނޫނެވެ. އެތަންތަނުގެ ކުލަ ވަކި ކުލައަކަށް ނަހަދާށެވެ.
އެހެންވެ މުޅި ތަންތަން ވަކި ކުލައަކުން ހިސޯރުކޮށް، ގަދަ ބާރު ދައްކަން އުޅޭނެ ކަމެއް ނެތެވެ. އަނެއްކާ ވެސް ވެރިކަން ބަދަލުވާ އިރަށް އޮންނާނީ ތި ތަންތާނގެ ކުލަ ބަދަލު ކުރަން ޖެހިފަ އެވެ.
މި މައްސަލާގައި މިއަދު "އައްޑޫ ލައިވް" އާ ވާހަކަ ދެއްކި މީހަކު ބުނީ ސަރުކާރަކީ ވަކި ބަޔަކަށް ހިދުމަތް ކުރަން އަންނަ ބައެއް ނޫން ކަމަށެވެ. އެހެންވެ ހަމަހަމަ އުސޫލެއް އޮންނަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ސަރުކާރުގެ އިމާރާތްތަކުގެ ކުލަ އާ ނުކުޅެވޭނެ ކަހަލަ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅަން ވެއްޖެ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ އެއީ މިހާރު ކުރަންވެއްޖެ ކަމެއްހެން. ކޮންމެ ޕާޓީއެއްގެ ބަޔަކު ވެރިކަމަށް އައިސްފައި އެ މީހުންގެ ކުލަ މުޅި ގައުމަށް ފަތުރަން އުޅޭ ކަމަށް ވަންޏާ ކޮބައިތޯ އެއްވެސް ޕާޓީއެއްގައި ނުހިމެނޭ މީހުންގެ ހައްގުތައް،" އޭނާ ބުންޏެވެ. "ސަރުކާރަކީ ވަކި ކުލައެއްގެ ބަޔަކަށް ހިދުމަތް ދޭން ރައްޔިތުން ހޮވާ ސަރުކާރެއް ނޫން."
ކުލަތައް ހުސްވާ ވަރަށް ރާއްޖޭގައި ސިޔާސީ ޕާޓީތައް އެބަ ހުއްޓެވެ. އެހެންވެ މުޅި ގައުމުގައި ޕާޓީ ކުލަ ފަތުރަން މަސައްކަތް ނުކޮށް، އިހުލާސްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތް ދޭން ވިސްނާށެވެ.
ކިތަންމެ ވަރަކަށް އިމާރާތްތަކުގައި އަސުރުމާ ކުލަ އާއި ދަނބު ކުލަ ހާކަމުން ދިޔަ ނަމަވެސް، ތި ކުލަ ފަނޑުކޮށްލާނެ ބަޔަކު މާދަމާ ވެސް އަތުވެދާނެ އެވެ.