ސަންޖޭ ލީލާ ބަންސާލީގެ ތާރީހީ ފިލްމް "ބަޖިރާއޯ މަސްތާނީ" ގެ ޝޫޓިންގައި އުޅެނިކޮށް އެކްޓަރު ރަންވީރް ސިންގްގެ އަތަށް ލިބުނު އަނިޔާ އާ ގުޅިގެން މިއަދު އޮޕަރޭޝަނެއްކޮށްފި އެވެ.
އަހުގެ މައްޗަށް ސަވާރުވެ، ނަގަން ޖެހޭ ގިނަ މަންޒަރުތަކެއް ހިމެނޭ މި ފިލްމުގެ ޝޫޓިން ތެރޭގައި ކަނާތު އަތަށް ލިބުނު އަނިޔާ އާ ގުޅިގެން، މިހާތަނަށް އަތަށް ސްލިންގެއް އަރުވައިގެން އުޅުނު ރަންވީރު އޮޕަރޭޝަން ކުރީ މުމްބާއީގެ ހިންދޫންޖާ ހޮސްޕިޓަލްގަ އެވެ.
އޮޕަރޭޝަން ތިއޭޓަރުގައި އޮވެގެން ޒުވާން އެކްޓަރު ވަނީ ޓްވީޓް ވެސްކޮށްފަ އެވެ.
ރަންވީރުގެ އޮޕަރޭޝަނާ ގުޅިގެން އޭނާ އަށް ހެދު ދުއާކޮށް ބޮލީވުޑްގެ ވަރަށް ގިނަ ތަރިން އަންނަނީ އޭނާ އަށް ހިތްވަރު ދިނުމުގެ ޓްވީޓްތައް ވެސް ކުރަމުންނެވެ.
މި އަހަރުގެ ފަހުކޮޅު ރިލީޒް ކުރަން ހަމަޖެހިފައިވާ "ބަޖިރާއޯ މަސްތާނީ" ގައި ރަންވީރު ފެނިގެން ދާނީ އޭނާގެ ލޯބިވެރިޔާ ދީޕިކާ ޕަދްކޯން އާއި ޕްރިޔަންކާ ޗޯޕްޅާ އާ އެކުގަ އެވެ.
މިއީ ރަންވީރާއި ދީޕިކާ އެކުގައި ކުޅޭ ދެވަނަ ފިލްމެވެ. އެ ދެ މީހުންގެ ފުރަތަމަ ފިލްމަކީ ވެސް ބަންސާލީގެ ފިލްމެކެވެ.
އެއީ 2013 ގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ގޮލިޔޯންކީ ރާސް ލީލާ: ރާމް-ލީލާ" އެވެ.
"ބަޖިރާއޯ މަސްތާނީ" ގެ ކުރިން ރަންވީރުގެ އިތުރު ފިލްމެއް ވެސް މި އަހަރު ސްކްރީނަށް އަންނާނެ އެވެ.
އެއީ ޖޫން 5 ގައި ރިލީޒް ކުރާ ޒޯޔާ އަހްތަރު ޑައިރެެކްޓްކޮށްފައިވާ "ދިލް ދަޅަކް ނޭ ދޯ" އެެވެ.
މި ފިލްމުގައި ރަންވީރުގެ އިތުރުން ޕްރިޔަންކާ، އަނުޝްކާ ޝަރްމާ، ފަރްހާން އަހްތަރު އަދ އަނިލް ކަޕޫރު ވެސް ހިމެނެ އެވެ.