ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައި ވަނީ ހަރާމް ހުކުމެއް ކަމަށް ބުނެ ކުރިން އަޑު އުފުލި ޕީޕީއެމްގެ އިސްވެރިން މިހާރު އެ އަޑު ނުއުފުލަނީ ކީއްވެގެންތޯ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ސުވާލުތަކެއް ކުރިމަތި ކުރައްވައިފި އެވެ.
ޕީޕީއެމްގެ ނައިބުގެ ރައީސް އަދި މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ދައްކަވާފައިވާ ވާހަކައެއްގެ ވީޑިއޯއަކާ އެކީ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ޝިޔާމް ގެންދަނީ ކަނޑައެޅި ބޮޑެތި ދޮގުތަކެއް ހައްދަވަމުން ކަމަށެވެ.
"ދޮގުތައް ތިހަދަނީ އެދުވަހޭ ކިޔައިގެން. މިއަދު ރ. ޔާމީނުގެ ޙައްގުތައް ކޮބާ؟ މިއަދު އިސްތިއުނާފު ލަސްވެގެން އަޑު ނުއުފުލަނީ ކީއްވެ؟ މިއަދު ބައްދަލުވުމަކަށް ވަޑައިގަންނަވަން ހުއްދަ ނުދެއްވަނީ ކީއްވެ؟ ސަރުކާރު ހޯދީ ހުސްގޮނޑި ދައްކައިގެން ނޫންތޯ؟ އެ ދުވަހު ދެއްކީ އެހެން ވާހަކަތަކެއް ނޫންތޯ؟" ޑރ. ޖަމީލް ވިދާޅުވި އެވެ.
ދޮގުތައް ތިހަދަނީ އެދުވަހޭ ކިޔައިގެން. މިއަދު ރ. ޔާމީނުގެ ޙައްގުތައް ކޮބާ؟ މިއަދު އިސްތިއުނާފު ލަސްވެގެން އަޑު ނުއުފުލަނީ ކީއްވެ؟ މިއަދު ބައްދަލުވުމަކަށް ވަޑައިގަންނަވަން ހުއްދަ ނުދެއްވަނީ ކީއްވެ؟ ސަރުކާރު ހޯދީ ހުސްގޮނޑި ދައްކައިގެން ނޫންތޯ؟ އެދުވަހު ދެއްކީ އެހެން ވާހަކަތަކެއް… https://t.co/rfoDdIaZgh
— Mohamed Jameel Ahmed (@MJameelAhmed) April 8, 2024
އޭނަ ވިދާޅުވީ ވިދާޅުވީ ޝިޔާމަކީ މިހާރު މި ސަރުކާރުގެ މިނިސްޓަރެއް ކަމަށާއި ކުރީ ސަރުކާރުން ދިން ލުޔެއް ފިޔަވައި އިތުރު ލުޔެއް ޔާމީނަށް ނުދީގެން އުޅެނީ ކީއްވެގެންތޯ ވެސް ސުވާލު އުފައްދަވައިފަ އެވެ.
"ޙަރާން ޙުކުމޭ ކިޔަން މިއަދު ނުކެރިގެން ތިއުޅެނީ ކީއްވެ؟ މަސްވެރިންގެ ވާހަކަ ދައްކާގޮތަށް ގާނޫނީ މަސައްކަތުގެ ވާހަކަ ނުދައްކަވާ! ބުއްދި ގަބޫލްކުރާ ޒާތުގެ ވާހަކަ ދައްކަވާ!" ޖަމީލް ވިދާޅުވި އެވެ.
އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިން ކުށް ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2022 ގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ޔާމީން ޖަލުން ގޭބަންދަށް ބަދަލުކުރި އެވެ. އޭގެ ފަހުން އެ ބަންދު ރަށުބަންދަށް ލުއިކުރި އެވެ.
ޔާމީން އުފައްދަވަން މަސައްކަތް ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް ޕީއެންއެފް) އަށް ނިސްބަތްވާ ބޭފުޅުން ގެންދަވަނީ ޔާމީން މިނިވަންކޮށް ދޭން ގޮވައިލަމުންނެވެ. އަދި އެކަން ނުވެގެން އުޅެނީ ޝަރުއީ ދާއިރާ އަށް ސަރުކާރުން އަތްބާނައިގެން ކަމަށް ތުހުމަތު ކުރެ އެވެ.