ޣިޔާސުއްދީން ސްކޫލު ކައިރީގައި ރޭ ހިނގާދިޔަ ކަންތައްތަކުގައި އެސްއޯ ފުލުހުން ބޭނުންކުރަންޖެހުނު ސަބަބު ބަލާ، ބާރު ބޭނުންކުރިގޮތް ބަލަން ހޯމް މިނިސްޓަރު އަލީ އިހުސާން އެދިވަޑައިގެންފިއެވެ.
ޣިޔާސުއްދީން ސްކޫލު ގައި ރޭ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ނިންމިނަމަވެސް ފުލުހުން ވަނީ އެ ޖަލްސާ ފެށުމަށް ވަގުތު ކައިރިވެފައިވަނިކޮށް އެ ސުކޫލަށް މީހުނަށް ނުވަދެވޭގޮތަށް ބަންދުކޮށްފައެވެ. އަދި އެ ޖަލްސާގައި ބައިވެރިވުމަށް އައި މީހުން އެ ސަރަހައްދުން ދުރަށް ޖެއްސުމަށް އެސްއޯ ފުލުހުންވެސް ހަރަކާތްތެރިވެ، ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ.
އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އިހުސާން އެކްސްގައި ވިދާޅުވެފައިވަނީ، ސުލްހަވެރި އެއްވުންތަކާއި އަދި ރައްޔިތުން ކުރައްވާ އިހްތިޖާޖުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އަދި އާއްމުކޮށް ރައްޔިތުންނާއި ގުޅޭކަންކަން ހައްލުކުރުމަށް ފުލުހުން ހަރަކާތްތެރިވާއިރު ހާލަތާއި ނުބައްދަލު ބާރު ބޭނުންނުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާކަމަށެވެ. އަދި ޚާއްސަކޮށް އެސް.އޯ ފުލުހުން ޚާއްސަ ހާލަތްތަކުގައި ނޫނީ ބޭނުން ނުކުރެއްވުމަށް ރައީސް މުއިއްޒު އަންގަވާފައިވާ ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ ރޭ ޣިޔާސުއްދީން ސްކޫލު ކައިރީގައި ފުލުހުން މަސައްކަތް ކުރެއްވި ގޮތް އަދި ބާރުގެ ބޭނުން ކުރުމާއި އެސް.އޯ ފުލުހުން ބޭނުން ކުރަން ޖެހުނު ސަބަބު ރިވިއުކޮށް ބަލަން ފުލުހުންގެ ކަމިޝަނަރަށް ދަންނަވާފައިވާ ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ @MMuizzu ވަނީ ސުލްހަވެރި އެއްވުންތަކާއި އަދި ރައްޔިތުން ކުރައްވާ އިހްތިޖާޖުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އަދި އާއްމުކޮށް ރައްޔިތުންނާއި ގުޅޭކަންކަން ހައްލުކުރުމަށް ފުލުހުން ހަރަކާތްތެރިވާއިރު ހާލަތާއި ނުބައްދަލު ބާރު ބޭނުންނުކުރެއްވުމަށާއި އަދި…
— Minister of Homeland Security & Technology (@min_mohst) April 9, 2024
ރޭ ޣިޔާސުއްދީން ސްކޫލު ގޭޓު ބަންދުކޮށް އެ ސްކޫލަށް މީހުން ވަނަނުދީ ހުރަސްއެޅި އެޅުމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، އެ ސްކޫލުގައި ހަރަކާތެއް ކުރިއަށް ގެންދިއުމަށް އެ ސްކޫލު ހިންގާ ފަރާތާއެކު ވެފައިވާ އެއްބަސްވުމެއް ބާތިލުކޮށް އެ ހަރަކާތް ކުރިއަށް ނުގެންދެވޭނެކަން އެ ހަރަކާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތަށް އެންގުމުންވެސް ހަރަކާތް އިންތިޒާމު ކުރާ ފަރާތުން ހުއްދަ ނެތި ސްކޫލަށް ވަދެ އެ ހަރަކާތް ކުރިއަށް ގެންދިއުމުގެ އިންތިޒާމުތައް ކުރިއަށް ގެންދާތީ އެޑިއުކޭޝަން މިނިސްޓްރީގައި އެ ސްކޫލުގެ ފަރާތުން ކަންބޮޑުވުން ފާޅުކުރި ކަމަށެވެ.
ޣިޔާސުއްދީން ސްކޫލުގެ މި އެދުމާ ގުޅިގެން، ސްކޫލު ރައްކާތެރިކޮށް އެކަން ހުއްޓުވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ފުލުހުންގެ ހިދުމަތުގައި އެދުނުކަމަށެވެ. އަދި އެ އެދުމާ ގުޅިގެން ފުލުހުން އެ ސްކޫލަށް ގޮސް އެކަން ހުއްޓުވާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.