ޤާނޫނުއަސާސީން ލިބިދީފައިވާ ހައްގުތަކަށް އަރައިގަނެގެން ސިޔާސީ ކާމީޔާބީ ނުހޯދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިފަދައިން ވިދާޅުވީ، ރޭ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ނިންމިނަމަވެސް ފުލުހުން އެ ޖަލްސާ ފެށުމަށް ވަގުތު ކައިރިވެފައިވަނިކޮށް ޣިޔާސުއްދީން ސުކޫލަށް މީހުނަށް ނުވަދެވޭގޮތަށް ބަންދުކޮށް، ބާރުގެ ބޭނުންކޮށް މީހުން ދުރުކުރުމުގައި ހިނގާދިޔަ ހަމަނުޖެހުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އީވާ އެކްސްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަދި ސަޕޯޓަރުން ޕާޓީ އުފައްދަން ހުރަސްއަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުން ކުރައްވާ ހުތުރު މަސައްކަތް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
"ޤާނޫނުއަސާސީން ލިބިދީފައިވާ ހައްގުތަކަށް އަރައިގަނެގެން އެކަކަށްވެސް ހޯދުނު ސިޔާސީ ކާމީޔާބީއެއް ނެތްކަން މާޒީ ދައްކާ." އީވާ ވިދާޅުވިއެވެ.
ޣިޔާސުއްދީން ސްކޫލު ގައި ރޭ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ނިންމިނަމަވެސް ފުލުހުން ވަނީ އެ ޖަލްސާ ފެށުމަށް ވަގުތު ކައިރިވެފައިވަނިކޮށް އެ ސުކޫލަށް މީހުނަށް ނުވަދެވޭގޮތަށް ބަންދުކޮށްފައެވެ. އަދި އެ ޖަލްސާގައި ބައިވެރިވުމަށް އައި މީހުން އެ ސަރަހައްދުން ދުރަށް ޖެއްސުމަށް އެސްއޯ ފުލުހުންވެސް ހަރަކާތްތެރިވެ، ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، އެ ސްކޫލުގައި ހަރަކާތެއް ކުރިއަށް ގެންދިއުމަށް އެ ސްކޫލު ހިންގާ ފަރާތާއެކު ވެފައިވާ އެއްބަސްވުމެއް ބާތިލުކޮށް އެ ހަރަކާތް ކުރިއަށް ނުގެންދެވޭނެކަން އެ ހަރަކާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތަށް އެންގުމުންވެސް ހަރަކާތް އިންތިޒާމު ކުރާ ފަރާތުން ހުއްދަ ނެތި ސްކޫލަށް ވަދެ އެ ހަރަކާތް ކުރިއަށް ގެންދިއުމުގެ އިންތިޒާމުތައް ކުރިއަށް ގެންދާތީ އެޑިއުކޭޝަން މިނިސްޓްރީގައި އެ ސްކޫލުގެ ފަރާތުން ކަންބޮޑުވުން ފާޅުކުރި ކަމަށެވެ. ޣިޔާސުއްދީން ސްކޫލުގެ މި އެދުމާ ގުޅިގެން، ސްކޫލު ރައްކާތެރިކޮށް އެކަން ހުއްޓުވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ފުލުހުންގެ ހިދުމަތުގައި އެދުނުކަމަށެވެ. އަދި އެ އެދުމާ ގުޅިގެން ފުލުހުން އެ ސްކޫލަށް ގޮސް އެކަން ހުއްޓުވާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.