އައްޑޫގެ މަޝްހޫރު ޒުވާން ދީނީ އިލްމުވެރިޔާ ޝެއިހް މުހައްމަދު އަނީލަކީ އަބަދު ވެސް ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ.
ދީނީ ހަރަކާތްތަކުގެ އިތުރުން، އެ އިރެއްގައި ކުރަން ޖެހޭ ސިޔާސީ މަސައްކަތްތަކުގައި ވެސް އޭނާއަކީ އައްޑޫގައި މުހިއްމު ދައުރެއް އަދާ ކުރައްވާ ބޭފުޅެކެވެ. ހާއްސަކޮށް އޭނާގެ އުފަން ރަށް ހިތަދޫގަ އެވެ.
ނޫރުލް އިސްލާމްގެ ރައީސްކަން ވެސް ކުރައްވާ އަނީލަކީ އަދާލަތު ޕާޓީގެ މެމްބަރެކެވެ. އޭނާއަކީ ހިތަދޫގައި އެ ޕާޓީ ތަމްސީލް ކުރައްވާ އިސް ބޭފުޅެއް ވެސް މެ އެވެ.
އަނީލް ވަނީ އޭނާ ކޮޅު ބަދަލު ކުރައްވަފާނެ ކަމަށް ބައެއް މީހުން ދެކޭތީ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.
ފޭސްބުކް ޕޭޖްގައި އަނިލް ވިދާޅުވެފައި ވަނީ އޭނާ ވެރިކަން ކުރާ ޕީޕީއެމަށް ވަރަށް އަވަހަށް ސޮއި ކުރައްވަފާނެ ކަމަށް ބައެއް މީހުން ގަބޫލްކޮށްގެން ތިބި ކަމަަށެވެ.
"ދެހާސް އެގާރަ ވަނަ އަހަރު އެމްޑީޕީ ސަރުކާރުން އަދާލަތު ޕާޓީ ވަކިވި ވަގުތު ވަރަށް ގިނަ މީހުން ޔަގީންކޮށްގެން ތިބީ އަޅުގަނޑު ދާނީ އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދް އަބްދުލް ބާރީ އާއި ސްޓޭޓް މިނިސްޓަރު ޝެއިހް ހުސައިން ރަޝީދު އަހުމަދުގެ ފަހަތުން ކަމަށް،" ހިރާ ސްކޫލް ހިންގުމުގައި ވެސް އިސް ރޯލެއް އަދާ ކުރައްވާ ޝެއިހް އަނީލް ވިދާޅުވި އެވެ. "މިއަދު 2015 ވަނަ އަހަރު ޕީޕީއެމް ސަރުކާރުން އޭޕީ ވަކިވެފައިވާ މި ވަގުތު ވަރަށް ގިނަ ބަޔަކު ޔަގީންކޮށްގެން މި ތިބީ އަޅުގަނޑު ހުންނާނީ މިހާރުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުންނާ އެކުގައި ކަމަށާއި ވަރަށް އަވަހަށް އަޅުގަނޑު ޕީޕީއެމް އަށް ސޮއި ކުރާނެ ކަމަށް. ތިޔަ ބޭފުޅުންގެ ރައުޔަކީ ކޮބައިތޯ؟"