ފަލަސްތީން ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގެންފާނެކަމުގެ އިޝާރާތެއް އޮސްޓްރޭލިއާ އިން ދީފި އެވެ.
އެ ގައުމުގެ ފޮރިން މިނިސްޓަރު ޕޮނީ ވޮންގް އިއްޔެ ވިދާޅުވީ އޮސްޓްރޭލިއާ އިން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަ ނަމަ އެގޮތަށް ނިންމާނީ އެ ގައުމުގެ ސަރުކާރުގައި ހަމާސް ޖަމާއަތުގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް ކަމަށެވެ. ވޮންގް ވިދާޅުވި ގޮތުގައި ފަލަސްތީނާއި އިޒްރޭލުގެ ޒަމާންވީ މައްސަލަ އެކަށީގެންވާ ހައްލެއް އަންނާނެ ކަމަށް ގަބޫލުކުރެވެވީ އިޒްރޭލު ވެސް ފަލަސްތީނު ބަލައިގަތުމުން ކަމަށް ވިދާޅުވި އެވެ.
"މިހާރު ހިނގަމުންދާ އެދާ ހަމަނުޖެހުންތަކަށް ނިމުމެއް ގެންނަން އޮތް ހަމައެކަނި އުންމީދަކީ ވެސް އެއީ." އޭނަ ވިދާޅުވި އެވެ.
އޮސްޓްރޭލިއާ އިން ފަލަސްތީނު ވަކި ދައުލަތެއް ގޮތުގައި ބަލައިގެންފާނެކަމުގެ އިޝާރާތެއް ފޮރިން މިނިސްޓަރު ދެއްވުމާ ގުޅިގެން އެ ގައުމުގެ އިދިކޮޅާއި ޒަޔަނިސްޓް ފެޑެރޭޝަން އޮފް އޮސްޓްރޭލިއާ އިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި އެފަދަ ނިންމުމެއް ނިންމަން ވާނީ ވަރަށް ރަނގަޅަށް ކަންކަން ބެލުމަށް ފަހު ކަމަށް ބުނެފައިވެ އެވެ.
މިނިސްޓަރުގެ ވާހަކައާ ގުޅިގެން ލިބެރަލް ޕާޓީގެ ފޮރިން އެފެއާޒް ތަރުޖަމާނު ސައިމަން ބާމިންހަމް ވިދާޅުވީ މިނިސްޓަރުގެ ވާހަކަ އަކީ ބަލައިގަނެވޭނެ ވާހަކައެއް ނޫން ކަމަށާއި އެ ވާހަކަ އަކީ އޮސްޓްރޭލިއާގެ ހާރިޖީ ސިޔާސަތުތަކާ ވެސް ފުށުއަރާ ވާހަކަތަކެއް ކަމަށެވެ.
"މިކަމުން ދައްކުވައި ދެނީ މިހާރުގެ ސަރުކާރުން އޮސްޓްރޭލިއާގެ ޒަމާންވީ ފޮރިން ޕޮލިސީ މުގުރާލަން އުޅޭކަން." އޭނަ ވިދާޅުވި އެވެ.
ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގެންފާނެކަމުގެ އިޝާރާތެއް އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު ދެއްވާފައި މި ވަނީ އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ކެމެރަން ވެސް ދާދި ފަހުން، ޕަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަ،ައިގެންފާނެކަނުގެ އިޝާރާތެއް ދެއްވާފައި ވަނިކޮށެވެ.
ހުޅަނގުގެ ބައެއް ގައުމުތަކުން ފަލަސްތީން ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ދެކޮޅު ހަދަމުން އަންނަ އިރު، އދ. އިން އަންނަނީ ފަލަސްތީނުގެ ހައްގުތައް ހޯދައިދޭން މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް އިޒްރޭލުގެ އަނިޔާވެރިކަން އޮތީ އިންތިހާގަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް ފަލަސްތީނުގެ 33،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައިވެ އެވެ. އަދި އިޒްރޭލުގެ ބައެއް ވެރިން ގެންދަނީ ފަލަސްތީނު ރައްޔިތުން އެތަން ދޫކޮށް ދާން ވެސް ގޮވައިލަމުންނެވެ.