ވިޔަފާރި ކުރާ ތަންތަނުގެ ކަރަންޓް ބިލް މާޗް މަހު ބޮޑުވެގެން ދިޔައީ، އެތަންތަނަށް ދެމުން ގެންދިޔަ ސަބްސިޑީ އެންސްޕާ އިން ކަނޑާލުމުން ކަމަށް ފެނަކަ ކޯޕަރޭޝަންގެ އައްޑޫ ރީޖަނަލް ޑިރެކްޓަރު އަބްހަރީ އަބްދުﷲ ޒުހައިރު މިއަދު ވިދާޅުވެެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ކަރަންޓް ބިލް ބޮޑުވި މައްސަލާގައި އައްޑޫގެ ބައެއް ވިޔަފާވެރިން މިއަދު ހަޅުތާލު ވެސްކޮށްފައި ވަނިކޮށެވެ. އެ މީހުން ހަޅުތާލު ކުރީ މަރަދޫފޭދޫގައި ހުންނަ ފެނަަކަ އޮފީސް ކައިރީގަ އެވެ.
"އެއީ އަޅުގަނޑުމެން ކުންފުނިން ކުރި ކަމެއް ނޫން. ދައުލަތުގެ ސަބްސިޑީ އާ ހަވާލުވެފައި އޮތް މުއައްސަސާ އިން ވިޔަފާރިތަކަށް ދެމުން ގެންދިޔަ ސަބްސިޑީ މާޗް މަހު ކަނޑާލީމަ ހަގީގަތުގައި ބިލް ބޮޑުވެގެން ދިޔައީ،" ޒުހައިރު ވިދާޅުވި އެވެ. "އެގޮތަށް އަަމަލު ކުރާކަން އެންސްޕާ އިން ދިޔައީ މީޑިއާތައް މެދުވެރިކޮށް އިއުލާން ވެސް ކުރަމުން. އަޅުގަނޑުމެންނަށް ގަބޫލް ކުރެވެނީ އެ މައުލޫމާތު އެންމެ ރަނގަަޅަށް އެ ފަރާތްތަކަށް [ވިޔަފާވެރިންނަށް] ފޯރާފައި ނެތީމަހެން މީގައި މައްސަލަ ދިމާވެގެން މި އުޅެނީ."
ޒުހޭރު އަދި ވިދާޅުވީ މާޗް މަހުގެ ބިލް ބޮޑުވެގެން ބައެއް ފަރާތްތަކުން ބިލާ ހަވާލު ވެސް ނުވާ ކަމަށެވެ. އަދި ބިލް ބޮޑުވެގެން ޝަކުވާތައް ވަރަށް ބޮޑަށް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
"ޝަކުވާތައް ވަރަށް ބޮޑަށް އައިސްފައި އެބަހުރި. އެކަމަކު އަޅުގަނޑުމެންނަށް މީގައި ކުރެވޭނެ ކަމެއް ނޯންނާނެ ނޫންތޯ؟ އެންސްޕާ އިން ސަބްސިޑީ ކަނޑާލީމަ އަޅުގަނޑުމެން ބިލް ހަދާނީ އެބައި ނުހިމަނާ ނޫންތޯ؟" އޭނާ ވިދާޅުވި އެވެ.
މިއަދު ހަޅުތާލު ކުރި ބައެއް ވިޔަފާވެރިން ބުނީ ކަރަންޓް ބިލް ނުދައްކާނެ ކަމަށެވެ. އަދި ބައެއް ވިޔަފާވެރިން ބިލާ ހަވާލެއް ނުވެ އެވެ.
އެ މީހުން ބުނީ ސަރުކާރުން އުޅެނީ ރައްޔިތުން ފެލައިގެން ލާރި ހޯދަން ކަމަށެވެ.