ބޭރު ގައުމުތަކަށް މި ސަރުކާރުން އައްޔަނު ކުރުމަށް ފޮނުވާފައިވާ ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން ލަސްކުރަމުންދާ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމާ ނުރުހުން ފާޅުކުރައްވައިފި އެވެ.
އެ މަނިކުފާނު މިއަދު ލ. އަތޮލަށް ފެއްޓެވި މަޖިލިސް ކެމްޕޭން ދަތުރުގެ ތެރެއިން މާވަށުގައި ވިދާޅުވީ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހަކީ މުހިންމު ތަނަކަށް ވިޔަސް މިހާރުގެ މަޖިލީހުން ސަރުކާރަށް އެއްބާރުލުން ނުދޭ ކަމަށެވެ.
"މިހާރު މަޖިލީހުގެ ކޮމިޓީގައި މިއޮތީ އަޅުގަނޑުމެން ބޭރަށް ފޮނުވާ ސަފީރުންނަށް ދޭން ޖެހޭ ރުހުން ހޯދުމަށް. މިއީ އަސްލުގައި ވަރަށް ކުޑަ ކަމެއް،" ރައީސް ވިދާޅުވި އެވެ. "އެކަމަކު އެ ކޮމިޓީ ނުބާއްވަ ދެއްވައޭ. ނުބޭއްވި. ހަމަ ދިގުލައިގެން އެ ދަނީ. ސަފީރުން އެ ތިބީ ނުފޮނުވިފައި."
އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ކަންކަން މަޑުޖެހޭ ގޮތަކަށް ކުރިއަށް މަޖިލިސް އިންތިހާބުގައި ވޯޓް ނުދޭން ވެސް އެދިވަޑައިގަންވާ ކަމަށެވެ. ދޭއިރު ފުރުސަތު ނުދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
މަޖިލީހަށް ސަރުކާރުން ވަނީ ފަސް ސަފީރެއްގެ ނަން ރުހުން ހޯދަން ފޮނުވައިފަ އެވެ. އެއީ މިދިޔަ މަހުގެ 13 ގަ އާއި ފެބްރުއަރީ 6 ގަ އެވެ. އެ ހުރިހާ މައްސަލައެއް ވެސް އޮތީ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގަ އެވެ.
އެ ނަންތަކަކީ;
* ސްރީ ލަންކާގެ ސަފީރަކަށް އައްޔަން ކުރަން ނިންމި މަސްއޫދު އިމާދު
* މެލޭޝިއާގެ ސަފީރަކަށް އައްޔަން ކުރަން ނިންމި ޑރ. މަރިޔަމް ޝަބީން
* ބެލްޖިއަމާއި އީޔޫ އަށް ކަނޑައަޅަން ނިންމި ގީލާ އަލީ
* ސިންގަޕޫރް ސަފީރަކަށް ކަނޑައަޅަން ނިންމި މުހައްމަދު ލުވޭޒް
* ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅާ ދާއިމީ މަންދޫބަކަށް ކަނޑައަޅަން ނިންމި ޑރ. ސަލްމާ ރަޝީދު
ހާރިޖީ ކޮމިޓީން މީގެ ތެރެއިން ބައެއް ބޭފުޅުންނާ އެ ކޮމިޓީން އިންޓަވިއުކޮށްފައިވެ އެވެ.