ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއާ ގުޅިވަޑައިގަތީ އައްޑޫގެ ކުރިއެރުމަށް ކަމަށާއި މިހާރުގެ ސަރުކާރުން މަސައްކަތް ކުރަނީ އައްޑޫގެ އިގުތިސާދުގައި އެޅިފައިވާ "މަރުތަޅުތައް" ނައްޓަން ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އައްޑު އަށް ވަޑައިގެން ރޭ ހިތަދޫގައި "އައްޑޫ ބަދަލަކަށް" ގެ ނަމުގައި ބޭއްވި ޖަލްސާގައި ކުރިން އެމްޑީޕީގައި އުޅުއްވި ނިހާދު ވިދާޅުވީ ރައީސްގެ މެނިފެސްޓޯގައި އޮތީ އައްޑޫގައި އަޅާފައިވާ މަރުތަޅު ނެއްޓުވުމުން މަސައްކަތް ކުރުން ކަމަށެވެ.
"މެނިފެސްޓޯގެ ހަމައެކަނި ކުޑަކުޑަ އެއްޗެއް ބަލާލި އިރު މުޅި އައްޑޫގައި ފާއިތުވެ ދިޔަ ހުރިހާ ދުވަހެއްގައި އެޅިފައި އޮތް އިގްތިސާދީ މަރުތަޅު ނެއްޓުވުމަށްޓަކާ ރައީސް މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފައި." އޭނަ ވިދާޅުވި އެވެ.
ނިހާދު ވިދާޅުވީ ރައީސް އައްޑު އަށް ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ތެރޭގައި އައްޑޫގެ އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދައި، އިންޓަނޭޝަނަލް ޕޯޓް ތަރައްގީކޮށް ހަންކެޑަ ޕްރޮޖެކްޓު ހިންގުމާއި އައްސޭރި ޓޫރިޒަމާއި ބްރިޖް ފަދަ މުހިއްމު ކަންކަން ހިމެނޭ ކަމަށެވެ.
ނިހާދު ވިދާޅުވީ އެންމެން ނިކުމެ ތިބީ ބަގާވާތަކުން ސަރުކާރު ވައްޓާލަން މަޖިލިސް ތެރެއިން ކުރަމުންދާ މަސައްކަތް ހުއްޓުވަން ސަރުކާރަށް އެއްބާރުލުން ދިނުމަށްޓަކައި ކަމަށެވެ. އަދި އެދިވަޑައިގަންނަވަނީ އައްޑޫގެ ހުރިހާ ރައްޔިތުންނާއި ދާއިރާގެ ހުރިހާ ރައްޔިތުން ވެސް މި މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ދޭން ކަމަށް ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބު އޮންނާނީ މި މަހުގެ 21 ގަ އެވެ.