އިރާނުން އިޒްރޭލަށް ވައިގެ ހަމަލާތަކެއް މިރޭ ދޭން ފަށައިފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިރާނުން ވަނީ އިޒްރޭލަށް އަމާޒުކޮށް ގިނަ އަދަދެއްގެ ވައިގެ ހަމަލާތަކެއް ފޮނުވާލާފަ އެވެ. މި ހަމަލާތަކާ ގުޅިގެން މުޅި އިޒްރޭލު ހައި އެލާޓަށް ގެނެސްފައިވާއިރު އިޒްރޭލުގެ ވައިގެ ސަރަހައްދު ބަންދުކުރަން ވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
އިރާނުން ހަމަލާތައް ދޭން ފެށުމާއެކު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ހުރިހާ ކަމަކަށް ވެސް އިޒްރޭލު އޮތީ ފުރިހަމަ އަށް ތައްޔާރަށް ކަމަށާއި އިޒްރޭލު އޮތީ ގަދަކޮށް ކަމަށެވެ. އަދި އިޒްރޭލަށް މިކަމުގައި އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ފްރާންސް ފަދަ ގައުމުތަކުން ދޭ އެހީއަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މި ހަމަލާތައް ދޭން މި ފެށީ މި މަހުގެ އެއްވަނަ ދުވަހު ސީރިއާގައި ހުންނަ އިރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން ދިން ހަމަލާ އަށް ބަދަލު ހިފުމުގެ ގޮތުންނެވެ. އެ ހަމަލާގައި އިރާނުގެ ދެ ޖެނެރަލުންނާއި ސިފައިންތަކެއް ވަނީ މަރުވެފަ އެވެ.
އިރާނުން ވަނީ އެ ހަމަލާގެ ބަދަލު އިޒްރޭލުގެ ކިބައިން ހިފާނެ ކަމަށް މީގެކުރިން ތަކުރާރުކޮށް އިންޒާރު ދީފަ އެވެ.