ޅ. ފެލިވަރުގައި ހިންގާ މިފްކޯގެ މަސް ފެކްޓްރީގެ މުވައްޒަފުންނަށް "ބިރު ދެއްކުމުގެ ގޮތުން" ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓްގައި ހިންނަވަރު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓަށް ދޭން ޖެހޭ ކަމަށް ބުނެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދެއްކި މައްސަލަ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިއްޖެ އެވެ.
ހިންނަވަރު ދާއިރާ އަށް ވާދަކުރާ ކެންޑިޑޭޓް މުޙައްމަދު އަބްދުއްރަހުމާންގެ ކެމްޕެއިން ޖަލްސާއެއްގައި އިއްޔެ ރޭ ވާހަކަ ދެއްކި މީހަކު ވަނީ އިދިކޮޅު ފަރާތްތަކަށް ސަރުކާރުގެ ފަރާތުން ގުޅައި އެއްބާރުލުން ދޭން އަންގަން ޖެހޭ ކަމަށެވެ. އެ ދާއިރާގެ ކެންޑިޑޭޓަށް ފެލިވަރު މުވައްޒަފުންގެ ކޮންޓްރޯލް ހޯދައި ދިނުމަށް ރައީސަށް ދަންނަވައިދެއްވުމަށް މިނިސްޓަރުގެ އަރިހުން އެދޭ ކަމަށް ވެސް ވަނީ ބުނެފައިވެ އެވެ.
އޭނަ މި ވާހަކަ ދައްކާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުކޮށްފައިވެ އެވެ.
This is not OK. Please submit the complaints form to the National Complaints Bureau for necessary actions. https://t.co/vJc77vUGs7
— Fuwad Thowfeek (@FuwadThowfeek) April 13, 2024
މިކަން އީސީގެ ރައީސް ފުއާދު ތައުފީގުގެ ސަމާލި ކަމަށް ގެނައުމާ އޭނަ ވިދާޅުވީ އެ ވީޑިއޯގައި ދައްކާ ވާހަކަ ރަނގަޅު ނޫން ކަމަށާއި، އެކަމުގައި ފިޔަވަޅު އެޅުމަށްޓަކައި ނެޝަނަލް ކޮމްޕްލެއިންސް ބިއުރޯއަށް މައްސަލަ ހުށަހެޅުމަށް އެދިވަޑއިގަންނަވާ ކަމަށެވެ.
ފުއާދު ވިދާޅުވީ މައްސަލަ ބެލެން އޮންނަނީ މައްސަލަތައް ރަސްމީކޮށް ހުށަހެޅުމުން ކަމަށެވެ.
މަޖިލިސް އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.