Last Updated: January 18, 17:12
Saturday, January 18, 2025
ރިޕޯޓް

ނަމާދު؛ ލޮލުގެ ފިނިކަން

(އެޕްރީލް 14 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

އިމާމު އިބްނު ޙަޖަރު – رحمه الله – – ވިދާޅުވެފައިވެއެވެ: "މީހެއްގެ ލޮލުގެ ފިނިކަން ކަމުގައި ކަމެއް ވެއްޖެނަމަ އެކަމަކާއި ވަކިނުވެ، އެކަމަކުން ބޭރުނުވެ ހުރެވޭތޯ އޭނާ ބަލާނެއެވެ. ސަބަބަކީ އޭނާގެ އުފާތައް ވާނީ އެކަމުގައެވެ. އޭނާގެ ޙަޔާތް ބާއްޖަވެރިވާނީ އެކަމުންނެވެ."

ނަބިއްޔާ ﷺ އެކޭ އެއްފަދައިން، އުންމަތުގެ ސަލަފުއް ޞާލިޙުންވެސްވަނީ ނަމާދުން ހިތްހަމަޖެހުމާއި ޖިސްމުގެ ރާޙަތާއި، ލައްޒަތާއި ފިނިކަން ލިބިގެންފައެވެ. ޢަބްދު ﷲ ބުން އައްޒުބައިރުގެފާނު ނަމާދަށް ހުއްޓިހުންނަވާއިރު އެކަލޭގެފާނެކޭ ހިލަގަނޑެކޭ އެއްފަދައެވެ. ދޫނިތައްވެސް އުދުހެމުން އައިސް އެކަލޭގެފާނުގެ ހަށިކޮޅަށް ތިރިކޮށްލާ ކަމުގައިވެއެވެ. ޙައްޖާޖު ބިން ޔޫސުފު ސާޅަނގަތަކުން މައްކާއަށް ޙަމަލާދެމުން ދިޔައިރު ޢަބްދު ﷲ ބުން އައްޒުބައިރުގެފާނު ޙަރަމްފުޅުގައި ނަމާދަށް ހުންނެވި އެވެ.

އެކަލޭގެފާނުގެ ކަނާތްފަރާތުންނާއި ވާތްފަރާތުންނާއި ބޯމަތިން ހިލަތައް އުދުހެމުން ދިޔައިރުވެސް އެކަލޭގެފާނު ހުރިތަނުގައި ގުޑިނުލާ ހުންނެވިއެވެ. ޢުރުވާ ބިން އައްޒުބައިރުގެފާނަށް ޖެހިވަޑައިގެންނެވި އާލާސްކަމެއްގައި ފައިބުރިކޮށްލަން ޖެހުނު ހިނދު މަސްތުވާ ޒާތެއްގެ ޙިއްސުކަނޑުވާ ބޭހެއް ބޭނުންކުރެއްވުމުގެ ބަދަލުގައި އެކަލޭގެފާނު ނަމާދަށް ފެއްޓެވީމައި ފައިބުރިކޮށްލަން ބޭސްވެރިންނަށް އެންގެވި އެވެ.

މުސްލިމު ބިން ޔަސާރުއޭ ކިޔުނު ބޭކަލަކު ނަމާދަށް ހުންނަވަނިކޮށް މިސްކިތުން ބައެއް ވެއްޓުނު ގަދަ އަޑުފަށްގަނޑަށް ކައިރި ބާޒާރެއްގައި ތިބި މީހުން ސިހިގެން ދިޔައިރުވެސް އެކަލޭގެފާނަށް ކަމެއް ހިނގިކަންވެސް އެނގިވަޑައި ނުގަންނަވައެވެ. ޢައްބާދު ބިން ބިޝްރުގެފާނު ނަމާދަށް ހުންނަވަނިކޮށް ހަށިކޮޅަށް ތީރުގެ ތިންޙަމަލާ ދެވުނު އިރުވެސް ނަމާދު މެދުކަނޑުއްވާ ލައްވާފައެއް ނުވެއެވެ.

އަބޫ ރައިޙާނާއޭ ކިޔުނު ބޭކަލަކު ހަނގުރާމައިގެ މައިދާނުގައި އެތައް ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު ގެއަށް ވަޑައިގެންނެވި ރޭގައި ނަމާދުކުރައްވަން ފެއްޓެވިގޮތަށް ސަލާމްދެއްވީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. އަނބިކަނބަލުން އެކަމަނާއަށް ވަގުތުކޮޅެއް ނުދެއްވިކަމުގެ ޝަކުވާ ކުރުމުން ދެންނެވީ ނަމާދުގައި ސުވަރުގޭގެ ނިޢުމަތްތަކުގެ އާޔަތްތައް ކިޔަވާ ވިދާޅުވުމުން އެނިޢުމަތުގެ ފުރިހަމަކަމުގެ ޚިޔާލުގައި ބެހިގެން ދިޔައީއެވެ.

މިބޭކަލުންނަށް ނަމާދުން ލިބިވަޑައިގެންނެވި މިލައްޒަތާއި، ހިތްހަމަޖެހުމާއި، ރާޙަތުގެ ސިއްރަކީ ކޮބައިތޯއެވެ؟ އަޅުގަނޑުމެން މިއަދާކުރާ ނަމާދު އަޅުގަނޑުމެންގެ ލޮލުގެ ފިނިކަމަކަށް ނުވަނީ ކީއްވެގެންތޯއެވެ؟ އަޅުގަނޑުމެން މިއަދާކުރާ ނަމާދު އަޅުގަނޑުމެންގެ ހިތުގެ ރާޙަތަކަށް ނުވަނީ ކީއްވެގެންތޯއެވެ؟ އަޅުގަނޑުމެންވެސް މިއަދާކުރަނީ އެބޭކަލުންވެސް އަދާކުރި ނަމާދެވެ.

ހަމަ އެހައިއަތްތަކެވެ. އެ ޒިކުރުތަކާއި ދުޢާތަކެވެ. އެހެންވީއިރު އަޅުގަނޑުމެންނަށް ނަމާދުން ފިނިކަމާއި ހިތްހަމަޖެހުން ނުލިބެނީ ކީއްވެގެންތޯއެވެ؟ އަޅުގަނޑުމެންގެ ނަމާދުން އުނިވަނީ ކޮންކަމެއްތޯއެވެ؟

ނަމާދުން ލޮލަށް ފިނިކަމާއި، ހިތަށް ރާޙަތާއި ހަމަޖެހުމާއި، ޖިސްމާނީ ވަރުބަލިކަން ފިލުވާލަން ބޭނުންވާ ކަމުގައި ވަނީނަމަ އަށް ކަމަކަށް ސަމާލުކަންދޭން އެބަޖެހެ އެވެ:

ނަމާދުން ހިތްހަމަޖެހުމާއި ރާޙަތް ލިބޭނީ މިސްކިތްތަކުގެ ތާޅަފިލިތަކުންނާއި މުންނާރުތަކުން އިވޭ ބަންގީގެ އަޑަކީ އިންސާނެއްގެ އަޑުކަމުގައި ދެކުމުގެ ބަދަލުގައި އެއީ ﷲ ތަޢާލާގެ ނިދާކަމުގައި ދެކިގެންނެވެ.

ނަމާދަށް އަވަސްވެގަންނާށޭ، ކާމިޔާބަށް އަވަސްވެގަންނާށޭ ގޮވާލެވޭ ގޮވާލުމަކީ ﷲ ގެ ޙަޟްރަތުން ރެޔާއި ދުވާލު ފަސްފަހަރު ގޮވާލެވޭ ގޮވާލުމެކެވެ. އެއީ ރައްބުލް ކާއިނާތުގެ ދަޢުވަތެކެވެ. ބަންގިއާއި މެދު މިބީދައިން ވިސްނާލެވޭނަމަ ބަންގީގެ ނިދާއަށް އިޖާބަނުދީ ނުތިބެވޭނެއެވެ. މިއިޖާބަކީ ހިތްހަމަޖެހުމުގެ ފެށުމެވެ.

ނަމާދުން ހިތްހަމަޖެހުމާއި ރާޙަތް ލިބޭނީ ނަމާދުގެ ތަޅުދަނޑި ކަމުގައިވާ ޠަހާރަތަށްޓަކައި ކުރެވޭ ވުޟޫއަކީ، ﷲ ގެ ދަރުބާރަށް ޙާޟިރުވުމަށްޓަކައި ވެވޭ ތައްޔާރީއެއް ކަމުގައި ދެކިގެންނެވެ.

ވުޟޫއަކީ އެކަން ކުރާނެ ގޮތް ﷲ ތަޢާލާ ވަޙީގެ ޒަރީޢާއިން އަންގަވައިގެން، ޖިސްމަށާއި، ރޫޙަށް ގެނެވޭ ޚާއްސަ ތަހާރަތެކެވެ. ފެނުން ޖިސްމަށް ތޯހިރުކަން ގެނެވޭއިރު، ވުޟޫ ދުޢާއިން ޝިކުރުން ބަރީއަވެ ފާފަތަކުން ރޫޙަށް ތޯހިރުކަން ލިއްބައިދެ އެވެ. ޢަލީ ބިން އަލްޙުސައިން ޒައިނުލް ޢާބިދީން ވުޟޫކުރައްވަވާ ކޮންމެ ފަހަރަކު މޫނުގެ ކުލަވަރު ބަދަލުވާ ސަބަބާއި މެދު ސުވާލުވެވުމުން ވިދާޅުވި އެވެ.
ތިމަންކަލޭގެފާނު ހުއްޓިހުންނަށް މިތައްޔާރުވަނީ ކޮންފަރާތެއްގެ ދަރުބާރުގައިކަން ތިޔަބައިމީހުންނަށް ނޭނގެނީތޯއެވެ؟ އެހެންކަމުން ވުޟޫއާއިމެދު މިބީދައިން ވިސްނާލެވިއްޖެނަމަ ނަމާދުން ލިއްބައިދޭ ހިތްހަމަޖެހުމުގެ ތަޅުދަނޑި ލިބުނީ އެވެ.
‌‌
ނަމާދުން ހިތްހަމަޖެހުމާއި ރާޙަތް ލިބޭނީ ނަމާދަށް ހުއްޓޭއިރު މިހުއްޓެނީ ﷲ ތަޢާލާގެ ދަރުބާރުގައިކަން ހިތްމައްޗަށް ގެނެސްގެންނެވެ.

ނަމާދު އަދާކުރުމަށް މިސްކިތަށް ގޮސް، ނުވަތަ ގޭގެ މުސައްލަމަތީ ހުއްޓޭ ހުއްޓުމަކީ ދުނިޔަވީ މަޤާމެއްގައި ހުއްޓޭ ހުއްޓުމެއް ނޫނެވެ. އެހުއްޓުމަކީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ހުއްޓޭ ހުއްޓުމެއްކަން ހިތްމައްޗަށް ގެނައުމަކީ ޖިސްމުގެ ގުނަވަންތައް ކިޔަމަންކޮށް، ނަފްސަށް ރާޙަތު ލިއްބައިދޭނެ ކަމެކެވެ.

ނަމާދުން ހިތްހަމަޖެހުމާއި ރާޙަތް ލިބޭނީ ނަމާދުގެ ޒިކުރުތަކާއި ނަމާދުގެ ހައިއަތްތަކުގެ މާނަތަކާއިމެދު ވިސްނައިގެންނެވެ.
ނަމާދަށް ފަށައިގަންނަމުން ކިޔާ ތަކްބީރަތުލް އިޙްރާމުގައި އަޅާ އިޤްރާރުވެ އިޢުލާނުކުރަނީ ﷲ ތަޢާލާގެ ބޮޑުކަމެވެ. ނަމާދުގެ އެކި ހައިއަތްތަކުން އިންތިޤާލު ވުމުގައި ތަކްބީރު ކިޔަމުން އަޅާ އިޤްރާރުވަނީ އަޅާގެ ނިކަމެތިކަމަށެވެ. އިރުއިރުކޮޅާ ތަކްބީރު ކިޔާ ހަނދާން ކޮށްދެނީ އަޅާއަށް އެންމެ ބޮޑީ އޭނާގެ ވިޔަފާރިއެއް ނޫންކަމެވެ. އޭނާގެ މަޤާމެއް ނޫންކަމެވެ. އަނބިދަރިންނެއް ނޫންކަމެވެ. ވިސްނާ ފިކުރުކުރާ ކަންކަމެއް ނޫނެވެ. އޭނާއަށް އެންމެ ބޮޑީ އޭނާގެ ރައްބުކަމެވެ. ނަމާދުގެ ޤިޔާމާއި އިޢުތިދާލުގައި އަޅާ ހުއްޓިހުންނަ އިރު ހިތްމައްޗަށް ގެންނަންވީ ހުއްޓިމިހުރީ ﷲ ގެ ދަރުބާރުގައިކަމެވެ.

ނަމާދުގައި ރުކޫޢަށް ތިރިވާ ތިރިވުމަކީ އަޅާ ﷲ ތަޢާލާގެ އަޅުވެތިކަމަށް ރުހިގެން، އެއަޅުވެތިކަމަށް ލޯބިކުރާ ޙާލު އަޅާ ﷲ އަށް ގުދުވެލާ ގުދުވުމެކެވެ. ހަތްގުނަވަނުގެ މައްޗަށް ސަޖިދައަށް ތިރިވާ ތިރިވުމަކީ ބިންމައްޗަށް ތިރިވާ ތިރިވުމެއް ނޫނެވެ. އެއީ އަޅާ ސީދާ ﷲ ގެ ދަރުބާރަށް އިންސާނާގެ ޖިސްމުގައިވާ އެންމެ ޝަރަފުވެރި ގުނަވަން ކަމުގައިވާ ބޯ ތިރިކޮށްކޮށްލާ ތިރިކޮށްލުމެކެވެ. އަދި އެއީ އަޅާ ﷲ އާއި އެންމެ ކުއްތަންކޮށްދޭ މަޤާމުވެސްމެއެވެ.

މި ގާތްކަން އަޅާއަށް އިޙްސާސްވެއްޖެނަމަ އެސަޖިދައަކުން ދެން ތެދުވާކަށް ބޭނުމެއް ނުވާނެއެވެ. ނަމާދު ޝަރުޢުކުރެވުނު ދުވަހު މިނަމާދަށްޓަކައި ﷲ ގެ ދަރުބާރަށް ނަބިއްޔާ ﷺ ގެންދެވި ކުއްތަންކުރެއްވުނު ފަދައިން، މިއަދުވެސް މިނަމާދަކީ އަޅުގަނޑުމެން ރެއާއި ދުވާލެއްގެ މައްޗަށް މަދުވެގެން ފަސްފަހަރު ﷲ ގެ ދަރުބާރަށް ކުއްތަންކޮށްދޭނެ މަތިވެރި އަޅުކަމެކެވެ.
ނަމާދުގެ ހައިއަށްތަކުން ބަޔާންކޮށްދޭ މިފަދަ މާނަތަކާއި މެދު ވިސްނައިގެން ނަމާދު އަދާކުރުމީ އޭގެ އަޘަރު ފެންނާނެ ކަމެކެވެ. ކަސްރަތު ކުރާއިރު ވަކި ޙަރަކާތަކުން އަޘަރުކުރާނީ ވަކި މަސްގަނޑަކަށްކަން އެނގިގެން ކަސްރަތު ކުރުމާއި ނޭނގި ކަސްރަތު ކުރުމުގެ ތަފާތު ފަދައިންނެވެ.

ނަމާދުން ހިތްހަމަޖެހުމާއި ރާޙަތް ލިބޭނީ ނަމާދުގައި ކިޔަވާ ކީރިތި ޤުރުއާނާއި، ޒިކުރުތަކަކީ ﷲ ތަޢާލާ އާއި އަޅާއާއި ދެމެދު ބަދަލުކުރެވޭ ޚިތާބެއްކަމުގައި ދެކިގެންނެވެ.

އަޅާ ނަމާދު އަދާކުރާއިރު އޭނާ އެހެރީ އޭނާގެ ވެރި ރައްބަށް މުނާޖާ ދަންނަވާށެވެ. އަޅާ ދުލުން ކިޔަވާ ކިޔެވުންތަކާއި ޒިކުރުތައް ﷲ ތަޢާލާ މޮޅަށް އައްސަވާ ވޮޑިގެންވެއެވެ. އެއަށް ވަގުތުން ޖަވާބު ދެއްވަވާނެއެވެ. އަޅާ {الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ} ކިޔުމާއި އެކީ ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ: "ތިމަން އިލާހުގެ އަޅާ ތިމަން އިލާހަށް ޙަމްދުކޮށްފިއެވެ". އަޅާ {الرَّحْمَنِ الرَّحِيمِ} ކިޔުމާއި އެކީ ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ: "ތިމަން އިލާހުގެ އަޅާ ތިމަން އިލާހަށް ޘަނާ ދަންނަވައިފިއެވެ". އަޅާ {مَالِكِ يَوْمِ الدِّينِ} ކިޔުމާއި އެކީ ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ: "ތިމަން އިލާހުގެ އަޅާ ތިމަން އިލާހުގެ މާތްކަމާއި މަތިވެރިކަން ބަޔާންކޮށްފިއެވެ". މިފަދައިން އަޅާގެ ކިޔެވުމާއި ޒިކުރުތަކަށް ﷲ ތަޢާލާ އައްސަވާ ވޮޑިގެން ވަގުތުން ޖަވާބުދެއްވާނެކަން ހިތްމަތީ ބާއްވައިގެން

ނަމާދުކުރާ ނަމަ ﷲ ތަޢާލާގެ ގާތްކަން އަޅާއަށް އިޙްސާސް ވެގެންދާނެތެވެ. ނަތީޖާއަކަށްވާނީ ﷲ އާއި ކުއްތަންވުމަށް އަޅާ އިންތިޒާރުކުރުމެވެ. އެކަމަށް އަޅާ ބޭނުންވުމެވެ. އެކަމަށް ލޯބިކުރުމެވެ. އެކަމުގައި ދެމިހުރުމެވެ.

ނަމާދުން ހިތްހަމަޖެހުމާއި ރާޙަތް ލިބޭނީ ނަމާދުކުރާ ބަޔަކަށް ވުމުގެ ބަދަލުގައި ނަމާދު ޤާއިމުކުރާ ބަޔަކަށްވެގެންނެވެ.
ކީރިތި ޤުރުއާނުގައި މުޅިންވެސް އަމުރު އައިސްފައިވަނީ ނަމާދު ޤާއިމުކުރުމަށެވެ. ނަމާދު ޤާއިމުކުރުމަކީ ޚުޝޫޢަތްތެރިކަމާއިއެކީ ހިތް ޙާޟިރުކޮށްގެން ނަމާދުކުރުމެވެ. ނަމާދު ޤާއިމުކުރުމަކީ ނަމާދު އަދާކުރެވޭ ފަރާތުގެ ކިބްރިޔާވަންތަކަމާއި ޢަޡަމަތްތެރިކަމާއި މަތިވެރިކަން ހިތްމައްޗަށް ގެނެސްގެން ނަމާދުކުރުމެވެ.

ނަމާދުން ލައްޒަތާއި ފިނިކަން ލިބޭނީ ޚުޝޫޢަތްތެރިކަމާއި އެކީ ނަމާދު ޤާއިމުކޮށްގެންނެވެ. ނަމާދަށް އަޅާގެ ޖިސްމު ޙާޟިރުކުރި އިރު، އަޅާގެ ހިތްއޮތީ އެހެން ވާދީއެއްގައި ނަމަ އެނަމާދުން މަންފާއެއް ނުކުރާނެއެވެ. ނަމާދުގައި ޚުޝޫޢަތްތެރިވުމުގެ މިޘާލަކީ ޖިސްމުގައިވާ ރޫޙުގެ މިޘާލެވެ. ރޫޙެއްނުވާ ޖިސްމަކުން މަންފާއެއް ނުކުރާނެ ފަދައިން، ޚުޝޫޢަތްތެރިކަމެއް ނެތި ހަމައެކަނި ގުނަވަންތަކުން ކުރާ ޙަރަކާތަކުން ކުރާނެ މަންފާއެއް ނޯންނާނެ އެވެ.

ނަމާދުން ހިތްހަމަޖެހުމާއި ރާޙަތް ލިބޭނީ ޙަޔާތުގެ އެންމެ ފަހު ނަމާދު އަދާކުރާ މީހަކު ނަމާދުކުރާ ފަދައިން ކޮންމެ ނަމާދެއް އަދާކޮށްގެންނެވެ.

ހަމަ ޔަޤީނުން ވެސް އެންމެ ފަހު ނަމާދު އަދާކުރުމުގެ ފުރުސަތު ލިބޭ މީހަކު އެނަމާދު އަދާކުރާނީ އެމީހަކަށް އަދާކުރެވޭނެ އެންމެ ފުރިހަމަ ގޮތުގައެވެ. މިޘާލެއްގެ ގޮތުން ބަލާއިރު ޤިސާސްގެ ޙުކުމް އެމީހެއްގެ މައްޗަށް ތަންފީޒުކުރުމުގެ ކުރިން ދެރަކްޢަތް ނަމާދެއް އަދާކުރުމުގެ ފުރުސަތު ދެވިއްޖެނަމަ އެމީހަކު އެނަމާދު އަދާކުރާނެ ގޮތް ތަސައްވުރުކޮށްލާށެވެ.

ﷲ އަށްޓަކައި ސަޖިދައެއް ޖަހާލާނެ އިތުރު ފުރުސަތު ނުލިބޭނެކަން ޔަޤީންވާމީހާ އެސަޖިދައިން ތެދުވާކަށް ބޭނުމެއް ނުވާނެއެވެ. މަރަކީ އެންމެ ގާތުގައިވާ ކަމެވެ. މަރުވާނެ ވަގުތެއް އެކަކަށްވެސް އެނގިގެނެއް ނުވެއެވެ. އެހެންކަމުން މިޝުޢޫރާއި އެކީ ކޮންމެ ނަމާދެއްވެސް އަދާކުރެވޭނަމަ ނަމާދުން ތަފާތު އަޘަރެއް ފެންނާނެ އެވެ.

ނަމާދުން ހިތްހަމަޖެހުމާއި ރާޙަތް ލިބޭނީ އަލްޚިންޒަބޭ ކިޔުނު ޝައިތާނާގެ ކިބައިން ސަލާމަތްވެގެންނެވެ.

އަޅުތަކުންގެ ހިތްތައް ނަމާދުން ޣާފިލުކުރުމަށް ލަޢުނަތް ލެއްވިގެންވާ އިބްލީސް އޭނާގެ ޚާއްސަ ވަޒީރަކު އައްޔަންކޮށްފައިވެއެވެ. އެޝައިތާނާގެ މަސައްކަތަކީ އަޅާ ނަމާދަށް ހުއްޓޭހިނދު އަޅާގެ ހިތް ނަމާދުން ޣާފިލުކުރުމެވެ. ދުނިޔަވީ އެކިކަންކަމުގެ ވަސްވާސް އަޅާގެ ހިތަށް ވައްދައި އަޅާގެ ހިތް އެހެންވާދީއަކަށް ގެންދިއުމެވެ. އަޅާއާއި އޭނާގެ ވެރި ރައްބާއި ދެމެދު އޮތް ގުޅުން ކަނޑުވާލުމެވެ. މަންފާއެއް ނުކުރާ ޙަރަކާތްތަކަކަށް ނަމާދު ހަދާލުމެވެ. އެހެންކަމުން މިޝައިތާނާގެ ކިބައިން ސަލާމަތްވެގެންނޫނީ ނަމާދުން ރާޙަތެއް ނުލިބޭނެ އެވެ. ނަމާދަށް ހުއްޓާ ވަސްވާސްތަކެއް ހިތަށް ވަދެއްޖެ ނަމަ އަޢޫޛު ކިޔައި ތިންފަހަރަށް ވާތްފަރާތުގެ ކޮނޑަށް ފުމެލުމުން މިޝައިތާނާގެ ކިބައިން ﷲ ތަޢާލާ ރައްކާތެރިކޮށް ދެއްވާނެ އެވެ.

ނަމާދަކީ ހިތާއި ނަފްސުގައިވާ ޣަފްލަތުގެ ހަނަފަސްކަމަށް ދެވޭ ރަޙްމަތުގެ ވާރޭއެއް ފަދަ އެއްޗެކެވެ. ނަމާދުގެ ބަރަކާތްތެރި ވާރޭއިން ހިތުގައިވާ ޣަފްލަތުގެ ހަނަފަސްކަމަށް ދުވާލަކު ފަސްފަހަރު ފެން ނުލިބޭނަމަ އެހިތެއްގައި ދިރުމެއްނުވާނެއެވެ. ހިތްހަމަޖެހުމެއް ނުވާނެ އެވެ. އުފާވެރިކަމެއް ނުވާނެ އެވެ. ނަމާދުކުރާ ކޮންމެ ފަހަރަކު މިބަޔާންކުރި ނުކުތާތައް ހިތްމައްޗަށް ގެނެސްގެން ނަމާދުކޮށްފި ނަމަ އެ ނަމާދަކީ ނަބިއްޔާ ﷺ އާއި ސަލަފުއްޞާލިޙުން ކުރެއްވިފަދަ ނަމާދަކަށް ވާނެއެވެ. ފާޙިޝް ކަންތައްތަކާއި މުންކަރާތްތަކުން އަޅާ ދުރުކޮށްދޭ ނަމާދަކަށް ވާނެ އެވެ.

އެޑިޓަރުގެ ނޯޓް: ލިޔުއްވީ ޝެއިހް އަހުމަދު ރިމާޒު