ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ނުކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިބޫ) ގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ޕީޕަލް ނެޝަނަލް ފްރޮންޓު ޕީއެންއެފް) އަށް ނިސްބަތްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
ރޭ އެ ޕާޓީން ބޭއްވި ޖަލްސާއެއްގައި އޭނަ ވިދާޅުވީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހު އޮކްޓޯބަރު މަހުގެ 1 ގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ބައްދަލުވުމުގެ ޔައުމިއްޔާއިން ރައީސް މުއިއްޒު، ރައީސް ސޯލިހު އަރިހު ވިދާޅުވެފައިވާކަން ވަރަށް ސާފުކޮށް ހާމަވާނެ ކަމަށެވެ.
އެހެންވެ އެ ޔައުމިއްޔާ އާންމުކުރަން ވެސް މަލީހު ވަނީ މި ސަރުކާރަށް ގޮވާލައްވައިފައެވެ.
"…ކެބިނެޓްގެ ޔައުމިއްޔާ ހާމަކޮށްފި ނަމަ، ރައީސް ވިދާޅުވަނީ މިއަދު ހެނދުނު ވަގުތުގައި މުއިއްޒު ތިމަންނައަށް ގުޅުއްވިޔޭ، ގުޅުއްވާފައި ވިދާޅުވިޔޭ ރައީސް ޔާމީން މިނިވަން ނުކުރާށޭ،" މަލީހު ވިދާޅުވި އެވެ. "މިއީ އޭގައި އަކުރުން އަކުރަށް އޮންނާނެ ގޮތް، ތިމަންނަ ހަވާލުވުމަށް ފަހު ތިމަންނަ ކުރާނަމޭ."
ރައީސް މުއިއްޒު އެގޮތަށް ވާހަކަ ދެއްކެވީ އެ ރޭ ޕީޕީއެމް އޮފީސް ދޮށުގައި މުޒާހަރާއެއް އޮތުމުން ކަމަށް މަލީހު ވިދާޅުވި އެވެ. އެ މުޒާހަރާ ހުއްޓުވަން ރައީސް "ޗެނަލް13" އަށް ގުޅުއްވި ކަމަށްވެސް މަލީހު ތުހުމަތުކުރެއްވި އެވެ.
ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ޖަލުން ގެއަށް ބަދަލުކުރީ މުއިއްޒަށް ރިޔާސީ އިންތިހާބުވުމާ ކާމިޔާބުވުމާ ގުޅިގެންނެވެ. ޔާމީން ގޭބަންދަށް ބަދަލު ކުރުމަށް ފަހު، އެ ބަންދު ފަހުން ރަށުބަންދަށް ލުއިކޮށް ދީފައިވެ އެވެ.
އޭގެ ފަހުން ޔާމީނާއި އަރިސް ބޭފުޅުން ގެންދަވަނީ ޔާމީން އެއްކޮށް މިނިވަން ކުރަން ސަރުކާރަށް ގޮވައިލަމުންނެވެ. އަދި ޔާމީންގެ އިސްތިއުނާފުގެ މައްސަލައިގެ ޝަރީއަތް ހުކުމާ ހަމައަށް ގޮސްފައި ވަނިކޮށް އެކަން ކުރިއަށް ނުގޮސް މިހާރު ހުއްޓިފައި އޮތީ ސަރުކާރުން ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވައިގެން ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ.