ކަރަންޓްގެ ހިދުމަތް ދޭންވީ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މީސްމީހުންގެ ގެއަށް ކަމަށް ވިދާޅުވެ ފެނަކައިގެ އިސް ވެރިޔަކު ކެމްޕޭން ޖަލްސާއެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ޕީއެންސީން އެކަން ކުށްވެރިކޮށްފި އެވެ.
ފެނަކައިގެ އެސިސްޓެންޓް މެނޭޖަރެއްގެ މަގާމުގައި ހުންނެވި ޢަބްދުﷲ ރަޝީދު ވަނީ ރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާއެއްގައި "ކަރަންޓު ހަމައެކަނި ދޫކުރަންވީ ޕާޓީގެތަކަށް" ކަމަށް ވިދާޅުވެފައި، އަސާސީ އެ ހިދުމަތް ދިނުމުގައި ތަފާތު ކުރުން އޮންނަން ޖެހޭ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކައިފަ އެވެ.
އެކަމާ ގުޅިގެން ޕީއެންސީން ސޯޝަލް މިޑިއާ ޕޯސްޓެއްގައި މިއަދު ބުނީ ރަޝީދުގެ ވާހަކަތައް ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށެވެ. ޕީއެންސީން ބުނި އޭނަ ދެއްކި ވާހަކަތަކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތެއް ވެސް ނޫން ކަމަށެވެ.
"އަދި [އެއީ] މި ޕާޓީގެ ސިޔާސަތެއްވެސް ނޫން. ރައީސް މުޢިއްޒުގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލާ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށް ދިނުމުގެ ސިޔާސަތެއް ކަމުގައި ދަންނަވަން." ޕީއެންސީން ބުންޏެވެ.
މި މަހު ބާއްވާ މަޖިލިސް އިންތިހާބާ ދިމާކޮށް ސަރުކާރި ކޯލިޝަނަށް ނިސްބަތްވާ މީސްމީހުން ގެންދަނީ އިންތިހާބަށް ނުފޫޒު ފޯރުވަން ތަފާތު އެކި ކަހަލަ ވާހަކަ ދައްކަމުންކަން ފާހަގަކުރެވެ އެވެ. އެގޮތުން މިދިޔަ ހަފުތާގައި ޅ. ފެލިވަރުގައި ކޯލިޝަނުން ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ފެލިވަރުގައި ހިންގާ މިފްކޯގެ މަސް ފެކްޓްރީގެ މުވައްޒަފުންނަށް "ކޮންޓްރޯލް ކުރަން ޖެހޭ" ކަމަށް ބުނެ ވާހަކަ ދެއްކި މައްސަލައެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.