ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލާ ވަގުތު އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުއެވެ. ކުރިން ނިންމާފައިއޮތީ އާންމުކޮށްވެސް ވޯޓުލާ ވަގުތު، ހެނދުނު 08:00 އިން ހަވީރު 04:00 އާ ދެމެދު ވޯޓުލުން ކުރިއަށް ގެންދިއުމަށެވެ. އެހެންނަމަވެސް ވޯޓުލާ ދުވަހު މޫސުން ގޯސްވެދާނެ ކަމަށް ބަލައި ވޯޓުލާ ވަގުތު އިތުރުކުރަން ގައުމީ ލަފާދޭ ކޮމިޓީގައި އިއްޔެ މަޝްވަރާ ކޮށްފައިވެއެވެ.
"އައްޑޫލައިވް" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ވޯޓުލާ ވަގުތު އިތުރު ކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ހެނދުނު 08:00 އިން ހަވީރު 05:30 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ވޯޓު ގުނަން ފަށާނީ އޭގެ ތިރީސް މިނެޓް ފަހުން 06:00 ގައި ކަމަށްވެސް މައުލޫމާތު ދެއްވިއެވެ.
ވިހި ވަނަ މަޖިލިސް އިންތިހާބުގައި 600 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓައެވެ. މި އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެއެވެ. އިންތިބުގައި ވޯޓްލުމުގެ ހައްގު 284،663 މީހަކަށް ލިބިގެންވެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 287،462 ވޯޓު ކަރުދާސް ޗާޕުކޮށްފައިވެއެވެ.