Last Updated: December 21, 18:27
Saturday, December 21, 2024
ޚަބަރު

ޑިމޮކްރެޓްސް އަށް މަޖިލީހުގެ 30 ގޮނޑި ދީ: ނަޝީދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސް އަށް 30 ގޮނޑި ދެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ވިލިމާލޭގައި މިއަދު ހަވީރު ބޭއްވި ކެމްޕޭނު އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ޑިމޮކްރެޓްސްގެ ފަރާތުން މަޖިލީހަށް ކުރިމަތިލާފައިވާ ފަރާތްތަކަކީ ކޮން ބައެއްކަން ވަރަށް ސާފުވާނެ ކަމަށާއި މަޖިލީހަށް ޑިމޮކްރެޓްސްގެ ލޯގޯ ޖަހާފައި ތިބި ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި އިދިކޮޅު އެމްޑީޕީ އެއްކުރުމަށްޓަކާ ވެސް ޑިމޮކްރެޓްސް އަށް މަޖިލީހުގެ 30 ގޮނޑި ދިނުމަކީ މުހިއްމު ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ ތިބޭފުޅުން އެދޭކަން، އެމްޑީޕީ އެއްކުރަން. އެމްޑީޕީ އެއްވާން އޮތީ މަދުވެގެން 30 ގޮނޑި ޑިމޮކްރެޓުންނަށް ދީގެން،" ނަޝީދު ވިދާޅުވި އެވެ.

ޑިމޮކްރެޓްސް އަކީ އެމްޑީޕީގައި އިސްކޮށް އުޅުއްވުމަށް ފަހު ވަކިވެވަޑައިގެންނެވި ބޭފުޅުންތަކެއް އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވީ ނަޝީދު އެވެ.

ރާއްޖޭގެ ސިޔާސީ މަސައްކަތުން އަހަރުތަކަކަށް ދުރަށް ވަޑައިގަތުމަށް ނިންމަވާފައިވާ ނަޝީދު ރާއްޖެ ވަޑައިގެންފައިވާއިރު، މިއަދާއި މާދަމާ ޑިމޮކްރެޓްސްގެ ފަރާތުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ކެމްޕޭނުގެ އެކި ހަރަކާތްތަކުގައި ނަޝީދު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.