އައްޑޫ ރައްޔިތުންނަށް ހައްގު ތަރައްޤީ ފާއިތުވި 50 އަހަރު ގައިވެސް އައްޑޫއަށް ގެނެވިފައި ނުވާކަމަށް އަބަދުވެސް ވަކާލާތު ކުރި އެއް ޒުވާނަކީ މިއަދު ހިތަދޫ މެދު ދާއިރާގެ މަޖްލިސް ގޮޑިއަށް ވާދަކުރާ އަހުމަދު އަޒާން މަރްޒޫގުއެވެ.
އަޒާން މިދެންނެވި ކަންކަމަށް ވަކާލާތުކޮށް އެކަމާއި ގުޅޭގޮތުން ކުރެވުނު މަސައްކަތްތަކުގައި މަދުރަސީ ދައުރުއްސުރެ ހަރަކާތްތެރިވާން ފަށައިފައިވެއެވެ. އެގޮތުން އައްޑޫ މުހިއްބުއްދީން ސްކޫލުން އޯލެވެލް ހެދުމަށްފަހު އައްޑޫ ހައި ސްކޫލުން އޭލެވެލް ނިންމި އިރު އަޒާން ވަނީ އައްޑޫގެ ތަރައްޤީ އާއި ގުޅޭ އެކިއެކި ޕްލޭން ހެދުމުގައި އަމަލީ ގޮތުން ދަރިވަރެއްގެ ގޮތުގައި ވެސް އަމިއްލައަށް އިސްނަގައިގެން ބައިވެރިވެފައިވެއެވެ.
އިޖްތިމާއީ ޚިދުމަތަށް ނިކުތުން
އަޒާން އިޖްތިމާއީ މަސައްކަތަށް ފަށާފައިވަނީ އައްޑޫ ހައި ސްކޫލްގައި ކިޔަވަމުން ދިޔަ ދުވަސްވަރުއެވެ. އެގޮތުން އައްޑޫގެ މަދަނީ ޖަމިއްޔާތަކުގެ މަސައްކަތުގައި ބައިވެރިވާން ފެށިއެވެ.
ރާއްޖޭގައި ރެޑް ކްރެސެންޓުގެ ހިދްމަތް ފަށައި އަތޮޅުތަކަށް ފުޅާ ކުރުމަށް ކުރެވުނު މަސައްކަތުގައި އައްޑޫގައި ރެޑް ކްރެސެންޓު އުފެއްދުމުގެ އެއް ބައިވެރިއަކީ އަޒާންއެވެ. ދަރުމަވެރިއެއްގެ ގޮތުގައި ރެޑް ކްރެސެންޓުގެ އައްޑޫގެ ފުރަތަމަ ބޯޑުގައި އަޒާން ވަނީ މަސައްކަތްކޮށްފައެވެ. އޭގެ އިތުރުން ޓޭކް ކެއަރ ޖަމިއްޔާ އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އަނބުރާ މުޖުތަމަޢުއަށް ގެނައުމުގެ މަސައްކަތް ކުރި ފްރީޑަމްގައި ވެސް އަޒާން މަސައްކަތް ކުރިއެވެ.
ކުރިން މިދެންނެވި އައްޑޫ ރެޑް ކްރެސެންޓުގެ ޅަފަތުގެ ދައުރުގައި, އެ ޖަމިއްޔާއަށް ދަރުމަވެރިން ހޯދުމާއި, އެފަރާތްތަކަށް ޓްރެއިންނިން ދިނުމަށް ތަމްރީނު ކުރެވުނު ފަރާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެއް ޓްރެއިނަރަކީ އަޒާންއެވެ.
ޒުވާން އުމުރުގައި ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކަށް
މީގެ އިތުރުންވެސް ބައިނަލް އަގްވާމީ އެކި ޖަމިއްޔާތަކާއި އެކު އަޒާން ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން އަޒާންގެ ފުރަތަމަ ވަޒީފާއަކީ އދ. ގެ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ފަރާތުން އައްޑޫގައި ކުރިއަށް ގެންދިޔަ ޕްރޮޖެކްޓް ކޯޑިނޭޓަރު ކަމުގެ ވަޒީފާއެވެ.
2012 ވަނަ އަހަރު ރާއްޖޭގެ އޭރުއޮތް ވެރިކަން ބަދަލުވެ ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ ޖަމިއްޔާތައް ކަމުގައިވާ ހިއުމަން ރައިޓްސް ވޮޗް އާއި އަދި ބޭރުގެ އެކި މީޑިއާތަކަށް ރާއްޖޭގެ އޭރުގެ ބަދަލުވަމުން ދިޔަ ހާލަތާއި ގުޅޭ މައުލޫމާތުދީ އެފަރާތްތަކާއި އެކު އަޒާން ވަނީ މަސައްކަތް ކޮށްފައިވެއެވެ. މީގެ އިތުރުންވެސް ރާއްޖޭގައި ބޭއްވުނު އެކި އިންތިހާބުތައް މޮނިޓަރ ކުރުމަށް ޓްރޭންސްޕޭރެންސީ އާއި އެކު މަސައްކަތްކޮށްފައިވެއެވެ
އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ، 2012 ވަނަ އަހަރު އުމުރުން އެންމެ 18 އަހަރުގައި އަޒާން އެމެރިކާގެ އެންމެ ބޮޑު އެއް ނޫސްކަމުގައިވާ ނިއުޔޯކް ޓައިމްސް އަށް ވެސް 2012 ވަނަ އަހަރު ވެރިކަން ބަދަލުވެ ހިނގައިދިޔަ ކަންކަމާއި ގުޅޭ ގޮތުން އިންޓަވިއު ދީފައިވާ ކަމެވެ.
މީގެ އިތުރުން ވެސް އަޒާން އަކީ ޓްރޭންސްޕޭރެންސީގެ އެކި ޓްރެއިންންތައް ފުރިހަމަކޮށް, އާރްޓީއައި ގާނޫނު ވުޖޫދު ކުރުމަށް އޭރު ކުރެވުނު މަސައްކަތުގައި ބައިވެރިވި ފަރާތެކެވެ.
މީގެ އިތުރުންވެސް 2011 ވަނަ އަހަރު އައްޑޫގައި ބޭއްވި ސާކް ސަމިޓުގެ ތެރޭގައިވެސް އަޒާން ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން ސާކު ސަމިޓުގައި ގައުމު ތަކުގެ ރައީސުންނާއި ބޮޑު ވަޒީރުން ރިސީވްކޮށް ޕްރޮޓޮކޯލްގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވެއެވެ.
އައްޑޫގެ ތަރައްޤީގެ ޕްލޭންތައް ހެދުމުގެ ކުރީ ސަފުގައި މަސައްކަތް ކުރި.
މިއަދު އައްޑޫގެ ތަރައްޤީގެ ޑެވެލޮޕްމަންޓް ޕްލޭންގެ ވާހަކަ ދައްކާއިރު، އެ ވާހަކަ ފުރަތަމަ ފަށައިގަތީ ވިޝަން އައްޑޫ ފަދަ ޕްރޮޖެކްޓްތަކުގެ ތެރެއިންނެވެ. މި ދެންނެވި އައްޑޫގެ ތަރައްޤީ އާއި ގުޅޭ ވިޝަން އައްޑޫ ޕްލޭންގެ ތެރެއިން 2012 ވަނަ އަހަރު ޑިސެމްބަރ މަހު ބޭއްވުނު "އައިހޭވް ޑްރީމް" ހަރަކާތަކީ އޭރު އައްޑޫގެ ތަރައްޤީ އާއި ގުޅޭ ގޮތުން އެކުލަވާލި މަގު ޗާޓެކެވެ. މި ޕްލޭން ހެދުމުގައިވެސް އެންމެ ކުރީ ސަފުގައި އަޒާން ވަނީ ބައިވެރިވެފައެވެ.
މީގެ އިތުރުންވެސް އައްޑޫގެ ތަރައްޤީ އާއި ގުޅޭ ތަފާތު ބައްދަލުވުންތަކުގައި ބައިވެރިވެ ހިޔާލު ހުށަހަޅައި, އެކަން ކަން ތަންފީޒު ކުރުމަށް ފަރުދެއްގެ ހައިސިއްޔަތުން ވަނީ ބައިވެރިވެފައެވެ.
ނޫސްވެރިކަމުން ސިޔާސީ ދާއިރާއަށް
އިޖްތިމާއީ މަސައްކަތުގައި އުޅެމުން އަޒާން ވަނީ ނޫސްވެރިކަމަށް ވަދެފައެވެ. އެގޮތުން 2012 ވަނަ އަހަރު ފަހުކޮޅު އައްޑޫގެ ޚަބަރުތައް ގެނެސްދޭ 'އައްޑޫލައިވް' ވުޖޫދު ކުރުމުގައި އަޒާން ވަނީ އިސް ދައުރެއް އަދާކޮށް އެނޫހުގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. އައްޑޫލައިވްގައި ނޫސްވެރިއަކަށް މަސައްކަތް ކުރި އިރު އެނޫހުގެ ފަރާތުން ރާއްޖެއިން ބޭރުން ލިބުނު ބައެއް ފުރުސަތުގައި އަޒާން ވަނީ ރާއްޖެއިން ބޭރަށް ދަތުރުކޮށް ތަމްރީނު ހޯދާފައެވެ.
އަދި މީގެ އިތުރުން 2013 ވަނަ އަހަރު މެލޭޝިއާގެ ކާޓިން ޔުނިވާސިޓީއިން ޖާނަލިޒަމް ފައުންޑޭޝަން ވަނީ ހަދާފައެވެ. އަދި ފަހުން ލިބުނު ސްކޮލާޝިޕެއްގައި އަޒަރުބައިޖާނުގައި އިންޓަނޭޝަނަލް ރިލޭޝަންސްއިން ވަނީ ޑިގްރީ ފުރިހަމަކޮށްފައެވެ. އަޒަރުބައިޖާނުގައި ކިޔަވަން ހުރުމުގައި އޭރު ރާއްޖޭގެ ބައެއް މީޑިއާތަކަށް މަސައްކަތްކޮށްފައިވެއެވެ.
ތައުލީމު ޙާސިލްކުރުމަށްފަހު އެނބުރި ރާއްޖެ އައިސް އަޒާން އާއި އިތުރު ރައްޓެހިންތަކެއް ގުޅިގެން ދިޔަރެސް ނަމުގައި އޮންލައިން ނޫހެއް އުފައްދައި ނޫސްވެރިއެއްގެ ގޮތުގައި ފުލްޓައިމް މަސައްކަތަށް އަޒާން ނިކުތެވެ.
ދިޔަރެސް ނޫހުގައި އަޒާން މަސައްކަތް ކުރި އިރު ފެނިގެން ގޮސްފައިވަނީ، ޖެހިލުން ކުޑަ, ސަރުކާރުގެ ތެރޭގައި ހުރި ބޮޑެތި ކަރަޕްޝަން މައްސަލަތައް ހާމަކޮށް, ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާފަދަ އެތައް ކަމެއް ދިވެހިންނަށް ތިލަކޮށްދިން ކެރޭ ކުޅަދާނަ ނޫސްވެރިއެއްގެ ގޮތުގައިވެ. އެގޮތުން ކޮވިޑް19ގެ ބަލިމަޑު ކަމުގެ ތެރޭގައި ހިނގާ ދިޔަ ވެންޓިލޭޓަރާއި ގުޅުންހުރި ކޮރަޕްޝަނުގެ ޢަމަލުތައް ފަޅާއަރުވާލި ނޫސްވެރިޔަކީ ވެސް އަޒާންއެވެ.
މިފަހުން އަޒާން ކެމްޕެއިންގެ ތެރޭގައި ދެއްކެވި ވާހަކަތަކަށް ބަލާއިރު، ނޫސްވެރިއެއްގެ ގޮތުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހު މިހާރު ސިޔާސީ ދާއިރާއަށް އަޒާން ނިކުތީ ކުޑައިރުއްސުރެ ފެށިގެން އައްޑޫގެ ތަރައްޤީއަށް އިހްމާލުވަމުންދާ ދިއުން ނިމުމަކަށް ގެނައުމުގެ އުއްމީދުގައެވެ. މަޖްލިސް ތެރެއިން ސަރުކާރު ޖަވާބު ދާރީ ކުރުވައި, އައްޑޫގެ ތަރައްޤީގެ ދުވެލި އަވަސްކުރުމަށެވެ. އައްޑޫއަށް ހައްގު މިންވަރު ހޯދައިދިނުމަށް ސަރުކާރަށް އެއްބާރުލުންދީ ރައްޔިތުންގެ އަޑު އުފުލުމަށެވެ.
ރައްޔިތުން އިންތިހާބުކުރި މެމްބަރު ރައްޔިތުން ބޭނުންވުމުން އެގޮޑިން ބޭލެން ޖެހޭނެކަމަށް ގަބޫލްކޮށް އެކަމަށް ގާނޫނީ ބާރު ހޯދައި ދިނުމަށެވެ.
މިފަދަ ސިޔާސަތުތަކާއި އެކު އަޒާން މަޖިލީހަށް ވާދަކުރާއިރު އޭނާ އަކީ ހިތަދޫ މެދު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ސިޔާސަތުތަކާއި އެކު މަޖިލީހަށް ކުރިމަތިލައްވާ ހަމައެކަނި ކެންޑިޑޭޓު ވެސް މެއެވެ.