އައްޑޫ ތަރައްޤީ ކުރުމާ އެކު ރައްޔިތުންގެ މަޖިލީހަ ރައްޔިތުން އިތުބާ ކުރާ ނަޒާހަތްތެރި ތަނަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ހިތަދޫ މެދު ދާއިރާ އަށް ވާދަކުރާ ޕީއެންސީގެ ކެނޑިޑޭޓް އަހުމަދު އަޒާން މަރުޒޫގް ވިދާޅުވެއްޖެ އެވެ.
ރޭ މާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި އޭނަ ވަނީ ވަރަށް ކުރުކޮށް ނަމަަވެސް މަޖިލީހަށް ވާދަކުރާ ތަސައްވުރު އައްޑޫ ރައްޔިތުން، ދާއިރާގެ ރައްޔިތުންނާ ހިއްސާކުރައްވައިފަ އެވެ.
އަޒާން ވިދާޅުވީ އައްޑޫގެ ހާލަތު އޮތީ ވަރަށް ދަށް ހާލަތެއްގައި ކަމަށާއި އެއީ ގަބޫލު ކުރެވޭނެ ގޮތެއް ނޫން ކަމަށެވެ.
އަދި ފާއިތުވި 15 އަހަރު ވަންދެން އައްޑޫން އެއް ބަޔަކަށް އެއް ކަމެއް ކުރަން ފުރުސަތު ދީފައިވާ ކަމަށާއި އެކަމާ ހެދި އައްޑު އަށް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން. އައްޑޫގައި މުނިފޫލި ފިލުވާނެ ވަސީލަތްތަކެއް ނެތް. ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތެރަޕީ ހޯދާނެ ގޮތްތަކެއް ނުހުރޭ. ހާއްސަކޮށް ހިތަދޫގައި މަސް މާރުކެޓެއް ނެތް،" އަޒާން ވިދާޅުވި އެވެ. " ވަޒީފާގެ ފުރުސަތުތަކެއް ނެތް. އިގުތިސޯދުގެ ފުރުސަތުތަކެއް ނެތް. އައްޑޫ އަކީ ރާއްޖޭގެ އެހެން ރަށްތަކާއި ބަލާއިރު އެންމެ ހާލުގައި އުޅޭ ރައްޔިތުން ދިރިއުޅޭ އެއް ތަން."
އޭނަ ވިދާޅުވީ އޭނާ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވަޒީރުންނާ ގުޅިގެން އައްޑޫ ތަރައްޤީ ކުރެއްވުމަށެވެ. އަދި އޭގެ އިތުރުން މަޖިލީހަކީ ޒުވާނުން ބަލައިގަންނަ "ނެކްސްޓް ޖެނެރޭޝަން" ގެ ޒުވާނުން އިތުބާރު ކުރާ ތަނަކަށް ހެެއްދެވުމަށް ކަމަށެވެ.
"ދިވެހި ރާއްޖޭގެ މަޖިލީސް އިސްލާހު ކުރުމުގެ މަސައްކަތް ވެސް ކުރުމަށް ވެސް އިސްކަމެއް ދޭނަން. ޒުވާނުން ސިޔާސީ ކަންތައްދެކެ ފޫހި ވަނީ މަޖިލީސް ޕާފޯމްކުރާ ގޮތުން. އަންނަން އޮތް ޖީލަށް ޖެހޭ ނަޒާހަތްތެރި މަޖިލީހެއް ފޯރުކޮށް ދޭން،" އަޒާން ވިދާޅުވި އެވެ. "ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ބަޔަކަށް ހަދަން އެބަ ޖެހޭ. ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ސުލޫކާ އަހުލާގު ހިފަހެއްޓެން ޖެހޭ. ބޭނުންކަމެއް ބޭނުން ގޮތަކަށް ކުރެވެން އޮންނަ ތަނަކަށް ނުވާނެ." އަޒާން ވިދާޅުވި އެވެ.
އަޒާނަކީ ސްކޫލް ދައުރުން ފެށިގެން އައްޑޫގެ ތަރައްގީއާ ގުޅޭ މަސައްކަތްތަކުގައި ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.