Last Updated: November 23, 12:51
Saturday, November 23, 2024
ކޮލަމް

އެ ޖަނގިޔަލުގެ ސިއްރު (4)

ބަރަހަނާ ވެއްޖެކަން މަހީދަށް އެންގުން

ބުރުހާނުމެން މިނިކާރާއްޖެއަށް އައިސް ދެން އަވަސްވެގަތީ ވަލީ މަހީދު
ބަރަހަނާވެއްޖެކަމާއި ހަންމުށީގެ ކައިވަތް އިމަށް ނުފެތޭކަން މީނާއަށް
އަންގައި މި ރޭވުމުގެ އަނެއް މަރުހަލާއަށް ދިއުމަށެވެ. އެ މަރުހަލާގައި
ހިމެނެނީ ވަލީ މަހީދު ބްލެކްމޭލް ކުރުމެވެ. އޭގެ ތެރޭންވެސް ބޮޑަށް
އިސްބަގޫލު ސަރިއަތަށް ނުފޫޒު ފޯރުވުމާއި ފައިސާ އަތުލުމެވެ. ބުރުހާނަކީ
ޅަ ކުއްޖެކޭ ވަލީ މަހީދު ބުނެފައިވާތީ ޅައީ ކާކުކަން ދެއްކުމަށް ބުރުހާނު
ހުރީ ކެތްމަދުވެފަ އެވެ.

ކަންތައް މި ހިސާބަށް ދިޔައިރު ގޯލްޑަންރޭ ދައީސު ވެސް ހުރީ ވަލީ މަހީދު
ސައިޒު ކުރުމަށް ބޭނުންވެގެން ބުރުހާނުގެ ފަރާތުގަ އެވެ. މި މީހުން
އެއްތަންވެ ސައްލާކޮށްފައި އެއްރޭ ކާރު ދުއްވާލަން ނިކުމެއްޖެ އެވެ.
ދައީސު ދުއްވީ ބުރުހާނުގެ ކާރެވެ. އެ ކާރުގައި ތިބީ ދައީސާއި ވަލީ
މަހީދެވެ. ވަލީ މަހީދަށް ސިއްރުން މިކާރުގެ ފަހަތުން ބުރުހާނުވެސް އާދެ
އެވެ. ބުރުހާނު އެރޭ ދުއްވީ ދައީސުގެ ކާރެވެ.

ވަކި ވަރަކަށް ދުއްވައިފައި ދައީސު އެބަބުނެ އެވެ. ސާހިބާ ފަނޑިޔާރު
މަނިކުފާނޫ އެވެ. ކަންތައް ވަރަށް ގޯސްވެއްޖެ އެވެ. މި އުޅެނީ އެ ވާހަކަ
މަނިކުފާނަށް ދަންނަވާން ކަމަށެވެ. އަސްތާ އެއީ އަނެއްކާ ކޮންކަހަލަ
މުސީބާތެއްހޭ ވަލީ މަހީދު އެހީމާ ބުންޏެވެ. އިހަށްދުވަހު ކޮޅުނބުގައި
މަނިކުފާނު ރޫސީ ކުދިން ގުދަށް ބައިތިއްބައިގެން ތައުޒީރު ކުރެއްވުމާއި
މަނިކުފާނުގެ ބަނޑާއި އެ ބަނޑުގެ ތިރީން ވާހައި އެއްޗެއް ކޮޅުނބުގެ
ސިއްރު ފުލުހުން ވީޑިއޯކޮށްފި އެވެ. މީސްތަކުން ބަސްބަހުގައި ވަލު
ސިންގަޅައިންނޭ އެ ކިޔަނީ މިހެންވެގެންތާއޭ މިހައިރު އެ އުޅެނީ ވީޑިއޯ
ބޭނުންކޮށްގެން މަނިކުފާނަށް އުނދަގުލެއް ދޭންވެގެންނެވެ.

މި ހިސާބަށް ވާހަކަ ދިޔަތަނުން ވަލީ މަހީދު މުޅިން ހާސްވެ ދާހިއްލައި
މުޅިމީހާ ފޯވެއްޖެ އެވެ. ކާރުތެރެ ކިތަންމެ ފިނިކޮށްފައި ހުއްޓަސް މި
ހޫނު މައިތިރިކުރެވޭ ގޮތެއް ނުވި އެވެ. ވަރަށް މަސައްކަތްކޮށްގެން ވަލީ
މަހީދު އަހައިފި އެވެ. ތިޔަ ވީޑިއޯ ހުރިކަން ޔަގީންވާ ހެއްކަކީ ފަހެ
ކޮބައިބާވަ އެވެ. މިހެން އެހުމާއެކު ދައީސު އޭނާގެ ފޯނު ނަގައި އޭގައިވާ
ވީޑިއޯ ކުލިޕެއް ދައްކާލައިފި އެވެ. މަހީދަށް ވެސް އެ ވީޑިއޯއިން އެ
ފެންނަ މީހަކީ އޭނާކަން ކަށަވަރުވީމަތާއޭ އެހިސާބުން ބަސް ހުއްޓި ކާރުގެ
ސީޓަށް މީނާ ދެމިއްޖެ އެވެ. ކަށަވަރުނުވާންވީ ސަބަބެއްވެސް ދެން އޮތީކީ
ނޫންތާއޭ އެހެރަ ޖަނގިޔަލަކާއި އެ ޖަނގިޔަލުގެ ހުދުކަމާއި ބަނޑުގެ
ކަޅުކަމާއި ބޮޑުކަމީ ދެން ޝައްކަކަށް ޖާގަ ލިބިދެނިވި ކަންތަކެއް
ނޫނިއްޔާ އެވެ.

ދައީސު ގަންނާކުރެއްވި ބިރެއްގެ ބޮޑުކަމުން ހަދާނެގޮތް ހުސްވެއްޖެ އެވެ.
މިހިރަ ފަނޑިޔާރު މަނިކުފާނު މި އޮންނެވީ ހާޓްއެޓޭކެއްޖެހި
ގަބުރުސްތާނަށް ދިޔުމަށް ޓިކެޓް ކޮންފާމްކޮށްގެން ކަމަށް ދައީސު
ގަބޫލުކޮށްފި އެވެ. ލައިގަނެގެން މިއުޅެނީ ހާޓްއެޓޭކެއް ކީއްކުރަން
ނިއުކުލިއަރ އެޓޭކެއް ވިޔަސް ޖެހުން އެކަށީގެންވާވަރުގެ ބޮޑު ކަމެކެވެ.
ވީޑިއޯއިން އެފެންނަ ގޮތަށް މީނާގެ ވަތުބަތާނުގެ މާބޮޑު ހައިބަތެއް
ނެތަސް މީހާގެ ހައިބަތު އެބަހުއްޓެވެ. މިއީ އިސްބަގޫލު ފަނޑިޔާރެކެވެ.
މީހާގެ އުމުރުވެސް ދެން މާކަ ޅައެއްވެސް ނޫނެވެ. ބަރުދަން މިހިރަގެން
ފެންނަނީ ރައްކާތެރި މިންވަރު ފަހަނަޅައި މާމައްޗަށް ގޮސްފައި
ވަނިކޮށެވެ. އެހެންވީމާ ލިބުނު ކުއްލި ސިހުމުގައި ހިތްފަޅައިގެން
ނުދާންވީ ސަބަބެއް ނެތެވެ.

މި މީހާ މަރުވެއްޖިއްޔާ މިކުރި ހުރިހާ ކަމަކާއި ރޭވި ރޭވުން ތޮޅިއަށް
ދިޔައީ އެވެ. މި ޚިޔާލުތަކުގައި ދައީސު އަވަސް އަވަހަށް ބުރުހާނަށް
ގުޅައިފި އެވެ. ބުރުހާނު އެންގީ މެކުހަށް ޖަހާފައި އަވަހަށް ހަސްފަތާލަށް
ދިޔުމަށެވެ. އޭނާވެސް ކައިރިކުރަނީ ކަމަށް ބުންޏެވެ. އޭރު މި މީހުންނަށް
ތިބެވުނީ ރަޖީވް ގާނދީގެ އަމާ ހަނދާންކުރާ ހަސްފަތާލާ ވަރަށް ގާތުގަ
އެވެ.

ކާރުގެ ގިޔަރުތައް މަތިކުރަމުންގޮސް އިސާހިތަކު އަމާހަނދާންކުރާ
ހަސްފަތާލުގެ އުފުލި މަގާ ހަމައަށް ދެވިއްޖެ އެވެ. އެ މަގަށް
ލަނބާލުމާއިއެކު ކާރު ކުޑައިކޮށް އުފުލޭހެން ހީވީމާ ސީޓު މައްޗަށް
ދެމިފައި އޮތް ވަލީ މަހީދު އެއްލޯ ހުޅުވައިލައިފައި ކުކުކުރާ ވައްތަރުގެ
އަޑެއް ނެރެފައި އަހައިފި އެވެ. ތިޔަ ދަނީ ކޮންތާކަށް ހެއްޔެވެ. މިދަނީ
ހަސްފަތާލަށޭ ހާސްނުވާށޭ އިތުރު ގޯހެއް ނުވާނެއޭ ދައީސު ހަމަ ބުނުމާއެކު
ފުންމައިގެން ތެދުވެ ސީޓުގައި ހަމަޖެހިލާފައި މަހީދު ބުންޏެވެ. މިހައިރު
ދެން ކެތްކުރެވޭ ވަރު އެބަވެ އެވެ. ހަސްފަތާލަށް ދާނެ ކަމެއް ނެތެވެ.
އެހެން ނޫނަސް މިއީ ބުރުހާނުގެ ކާރު ނޫން ހެއްޔެވެ. މި ކާރުގައި އަހުރެން
ހަސްފަތާލަށް ދިޔުން ބުއްދިވެރިއެއް ނުވާނެ އެވެ. އަހުރެން ގެއަށް
ލައިދޭށެވެ. މިހެން ބުނީމާ ދައީސު ވެސް ހަސްފަތާލަށް ނުވަދެ އެދިޔަގޮތަށް
ގޮސް މަހީދުގެ ގެއަށް އޭނާ ބާލައިފި އެވެ.

ބުރުހާނުގެ ބޮޑާ ހޭކުން

ހުދު ޖަނގިޔަލުގެ ވީޑިއޯ ކުލިޕު މަހީދަށް ދެއްކި ރެއަށްފަހު މަހީދުގެ
ފޯން ކޯލްތަކަށް ޖަވާބު ދިނުން ބުރުހާނު ހުއްޓާލައިފި އެވެ. މަހީދު
ކިތަންމެ ވަރަކަށް ގުޅިޔަސް ބުރުހާނު ފޯނެއް ނުނަގަ އެވެ. މިހެންވީމާ
ބުރުހާނަށް މެސެޖު ދޭން މަހީދު ގުޅަން ޖެހެނީ ދައީސަށެވެ. އޭރު މި
ވީޑިއޯގެ އަސްލު މިހާރު އޮތީ ބުރުހާނު އަތުގައިކަން މަހީދަށް އޮތީ
އަންގައިފަ އެވެ. އެހެންވެގެން ހަދާނެ ގޮތެއް ނެތިގެން މަހީދުގެ ކަމަކީ
ބުރުހާނަށް ގުޅުމެވެ. ނުކައި ނުބޮއި ހުރެގެންވެސް ހަމަ ގުޅަނީ އެވެ.

މި ހިސާބަށް ކަންތައް ދިޔައީމާ ބުރުހާނު ހެދި ވަޑާމަކީ ސްކްރީންމަތިން މި
ވީޑިއޯގެ ތަންތަންކޮޅު ނަގައިފައި ޕެންޑްރައިވަކަށް އަޅާފައި މީނާގެ
ކޮއްކޮ އަޒަރުބައިޖާނު އަތަށް ދީފައި އެގެއަށް ގޮސް މަހީދަށް
ދައްކައިބަލާށޭ ބުނެފި އެވެ. އޭރު މަހީދަށް ހީވެފައި އޮތީ މިއީ
މިނިޓެއްހާއިރުގެ އެތިކޮޅެއް ކަމަށެވެ. އަޒަރުބައިޖާނު ނިކަން ފުފިފައި
ހުރެގެން މަހީދުމެން ގެއަށް ގޮސް އެގޭ ސްކްރީނުގައި މި ވީޑިއޯ އަޅުވައިފި
އެވެ. ބަރަހަނާވެފައި ވަނީ ކުޑަކޮށް ނޫންކަމާއި ދެން އަލަކުން ވާނޭ
ބަރަހަނާއެއް ނެތްކަން މަހީދަށް ކަށަވަރުވީ އެ ހިސާބުންނެވެ.

މި ވީޑިއޯ ދައްކާފައި އަޒަރުބައިޖާނު ނުކުމެގެން ދިޔަފަހުން ވަލީ
މަހީދަކަށް ނުކެވެ އެވެ. ނުނިދެ އެވެ. ކޮޅަކަށް ނުހުރެވެ އެވެ.
އިށީދެގެންވެސް އަދި އޮށޯވެގެންވެސް ނުމެ އޮވޭމެ އެވެ. މި ހާލެއްގައި
އުޅޭން ފެށީމައި މީނާގެ އަނބި ކަނބުލޭގެ ވަރަށް ހާސްވެއްޖެ އެވެ. މި
ކަނބުލޭގެއަށް އެނގޭ ވަރަކީ މި ބަލީގެ ސިއްރަކީ އަޒަރުބައިޖާނު ގެނައި
އެއްޗެއްކަމެވެ. ދެން ނިކަން އާދޭސްކޮށްގަތީމާ މަހީދު ބުނެފި އެވެ.
އެވެރިން އެ އުޅެނީ ޒާތެއްގެ ވީޑިއޯއެއް ހަދައިގެން އަހުރެންނަށް
ބިރުދައްކާން ވެގެންނެވެ. އެކަމަކު އެއީ ހަދައިގެން އުޅޭ ނަގުލީ
އެއްޗެކެވެ. މި ވާހަކަ މިކަނބުލޭގެ އަވައްޓެރިންގެ ކައިރީގައި ވެސް
ކިޔައިފި އެވެ. އެކަމަކު މި ވީޑިއޯ އެއްވެސް ބަޔަކަށް އޭރު އަދިނުފެނެ
އެވެ. (ނުނިމޭ)