ވިހި ވަނަ މަޖިލީހަށް ހޮވުނު އަންހެނުން މެންބަރުންގެ އަދަދު މިހާރު އޮތް މަޖިލީހުގައި ތިބި އަންހެން މެންބަރުންނަށް ދަށްވެއްޖެ އެވެ.
މަޖިލީހަށް ވާދަކުރި 43 އަންހެން ކެންޑިޑޭޓުންގެ ތެރެއިން އާ މަޖިލީހަށް ހޮވުނީ އެންމެ ތިން އަންހެން ބޭފުޅުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ކުރިން މަކުނު ދާއިރާގެ މެންބަރުކަން ކުރެއްވި އަނާރާ ނައިމާއި ފާތުމަތު ސައުދާގެ އިތުރުން އަސްމާ ރަޝީދެވެ.
އަނާރާ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކާމިޔާބުކުރެއްވީ ހުރާ ދާއިރާ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޮ ސައުދާ ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓްގައި ކާމިޔާބުކުރެއްވީ ނިލަންދޫ ދާއިރާގެ ގޮނޑި އެވެ. ޕީއެންސީގެ ޓިކެޓްގައި އަސްމާ ކާމިޔާބު ކުރެއްވީ މާފަންނު މެދު ދާއިރާ އެވެ. އޭނަ އަކީ ކުރިން ވެސް މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
އަނާރާ އަލުން މަޖިލީހަށް ހޮވިވަޑައިގަތް އިރު، މި ފަހަރު އޭނަގެ ފިރިކަލުން އާދަމް ޝަފީގް ވެސް މަޖިލީހަށް ހޮވިވަޑައިގެންފައިވެ އެވެ. އެއީ މަކުނޫ ދާއިރާއަށެވެ.
އިއްޔެ ބޭއްވި މަޖިލިސް އިންތިހބުގައި އެންމެ ގިނައިން އަންހެނުން ވާދަކުރީ ދަ ޑިމޮކްރެޓްސްއިންނެވެ. އެއީ 13 މެންބަރުންނެވެ. ނަމަވެސް އެ ޕާޓީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބެއް ނުވެ އެވެ. ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން އަންހެން ހަތަރު ވާދަކުރި އެވެ.
ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކޮށްގެން ހޮވޭ އަންހެން މެންބަރުންނަށް އެ ދެ ޕާޓީން ޚާއްޞަ އިނާޔަތެއް ދޭގޮތަށް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.
ވިހި މަޖިލީހުގައި 93 ދާއިރާއެއް ހިމެނޭ އިރު، މި މަޖީހުން ފުރުސަތު ލިބުނީ އެންމެ ތިން އަންހެން ބޭފުޅުންނަށެވެ.
އަންނަ މަހު ދައުރު ހަމަވާ 19 މަޖިލީހުގައި އަންހެން ހަތަރު މެންބަރުން ތިއްބަވަ އެވެ. އެއީ އެމްޑީޕީ އަށް ނިސްބަތްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް (ރޮޒޭ) އާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނާއި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދުގެ އުތުރުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.
ޖީހާނާއި އީވާ އަށް އިއްޔެ އިންތިހާބުން ލިބިވަޑައިގަތީ ނާކާމިޔާބީ އެވެ.