ސަރުކާރު ހިންގާ ޕީއެންސީ އަށް ވިހި ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިވާތީ، ދެން ރާއްޖެ އަށް ބޭނުން ވަނީ ޒިންމާދާރު އިދިިކޮޅު ޕާޓީއެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރާނެ ޕާޓީއަކަށް ރާއްޖެ މިހާރު މިވަނީ އިންތިހާއަށް ބޭނުންވެފައި ކަމަށެވެ. އެގޮތުން ފެހި ގާނޫނުއަސާސީން ލިބިދިން މަލްޓި ޕާޓީ ޑިމޮކްރެސީގެ މަންފާ ރައްޔިތުންނަށް ކުރާނީ ތަހުޒީބު މުޖުތަމަޢުތަކުގައި ކަންކުރާ ފަދައިން ސަބަބުވެރި އިންސާނެއްގެ ވިސްނުމާއި ޚިޔާލާއި ފިކުރާއި ޢަމަލުތައް ހުންނާނެ ގޮތަށް ޕާޓީތަކުގެ ހިންގުމަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ފުރުސަތު ދީގެން ކަމަށް ވިދާޅުވިއެވެ.
"ބަދަލު ހިފުމާއި ޖަދަލު ކުރުމާއި މަވެތިކަމާ ދުރުހެލިވެ ޕާޓީ އަކީ ވަކި ފިކުރެއް ނުވަތަ މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ފުރުސަތު ދީގެން." ކުރިން މަޖިލިސް މެންބަރުކަމާއި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފު ވިދާޅުވިި އެވެ.
އިއްޔެ އޮތް މަލިޖިސް އިންތިހާބު ބޮޑުތަނުން ސަރުކާރަށް ކާމިޔާބުވެފައިވާތީ އެކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ޕީއެންސީ އަށް ރައްޔިތުން ދިން ތާއީދާ އެކީ ގައުމުގެ ކުރިމަގު އިތުރަށް އުޖާލާވާނެ ކަމަށެވެ.
ސަރުކާރަށް މި ލިބުނު ކާމިޔާބީއާ އެކީ ރާއްޖެ އަށް ޒިންމާދާރު އިދިކޮޅު ޕާޓީއެއް މުހިއްމުވާ ކަމަށް އާދަމް ޝަރީފު ވިދާޅުވި އިރު، މިހާރު އިދިކޮޅުވައި އޮތް ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އަށް އިއްޔެގެ އިންތިހާބުގައި ކުރިމަތިލާން ޖެހުނީ ލަދުވެތި ބައްޔަކާ އެ އެވެ.
އަންނަ މަހު ދައުރު ހަމަވާ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އަށް އިއްޔެގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ލިބުނީ 89 ދާއިރާއަކަށް ވާދަކޮށްގެން އެންމެ 15 ވަރަކަށް ގޮނޑި އެވެ. ޕީއެންސީ އަށް ސުޕަ މެޖޯރިޓީ ލިބުނީ 70 އަށް ވުރެ ގިނަ ގޮނޑީއާ އެކީގަ އެވެ.
އެމްޑީޕީގެ ނާކާމިޔާބީއާ ގުޅިގެން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ރޭ ވިދާޅުވީ މިއީ މާޔޫސްކުރުވަނި ނަތީޖާއެއް ކަމަށެވެ. ނަމަވެސްމި އީ އަޒުމް އާކޮށް މުޖުތަމައުތަކާ އޮންނަ ގުޅުން ބަދަހިކުރަންވީ ވަގުތު ކަމަށް ވިދާޅުވި އެވެ. އަދި ޑިމޮކްރަސީގެ އަސާސްތައް ރާއްޖޭގައި ހަރުދަނާ ކުރުމަށް ސަރުކާރާ އެކު މަސައްކަތްކުރަން އެމްޑީޕީގެ މެމްބަރުން ތައްޔާރު ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.
"ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުމުގައި ދެމިތިބޭނެ," އޭނަ ވިދާޅުވި އެވެ.