އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ތާއިދާ އެކީ ނުކުތް އެއްވެސް ކެންޑިޑޭޓަަކަށް ގޮނޑިއެއް ކާމިޔާބު ނުކުރެވި ސުމަކުން އިންތިހާބު ނިންމައިލަން ޖެހިއްޖެ އެވެ.
ޔާމީންގެ ތާއިދާ އެކީ ވިހި ވަނަ މަޖިލީހުގެ 93 ދާއިރާގެ ތެރެއިން 35 ދާއިރާއަކަށް ކެންޑިޑޭޓުން ނުކުތެވެ. އެ ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރީ އަމިއްލަ ގޮތުންނެވެ. އެއީ އިލެކްޝަން ކޮމިޝަން (އީސީ) އިން އިންތިހާބުގެ ވޯޓްކަދުރާސް ޗާޕްކުރުމާ ހަމައަށް ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދެވުމުގެ ހުރިހާ މަރުހަލާއެއް ނިމިފައި ނުވާތީ އެވެ.
މަޖިލިސް އިންތިހާބަށް ޔާމީންގެ ތާއިދާ އެކީ ކެންޑިޑޭޓުންތަކެއް ވާދަކުރި އިރު، ރަށުބަންދުގައި ހުންނަވައިގެން އެ މަނިކުފާނުގެ މާލެ ސަރަހައްދުގައި ކެމްޕޭން ބައެއް ހަރަކާތްތަކުގައި އުޅުއްވި އެވެ. އަދި ކޮރަޕްޝަން އާއި މަނީލޯންޑްރިގެ ކުށުގައި ޔާމީނަށް ކޮށްފައިވާ 11 އަހަރު ހުކުމްގެ އިސްތިއުނާފު މައްސަލަ ހައި ކޯޓުން ބުރާސްފަތި ދުވަހު ބާތިލުކުރީ އިންތިހާބަށް ދެ ދުވަހަށް ވެފައި ވަނިކޮށެވެ. ހުކުމް ހައި ކޯޓުން ބާތިލު ކުރުމުން ޔާމީން ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމަށް ކެމްޕޭން ވެސް ކުރެއްވި އެވެ. އެގޮތުން ފުވައްމުލަކަށް ވެސް ވަޑައިގެންނެވި އެވެ.
ޔާމީންގެ ތާއިދާ އެކީ ނުކުތް ކެންޑިޑޭޓުންނާ ނާކާމިޔާބީއާ ކުރިމަތިލާމް ޖެހުނު އިރު، ސަރުކާރު ހިންގާ ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ކަށަވަރުކޮށްފަ އެވެ. ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުން ޔާމީންގެ ޓީމުން ބުނެފައި ވަނީ އެ ކާމިޔާބީ އަކީ އެ މަނިކުފާނުގެ ފޮޓޯ ބޭނުންކޮށްގެން ހޯދި ކާމިޔާބީއެއ ކަމަށެވެ.
ނަމަވެސް މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ޕީއެންސީން ހޯދި އިރު، ޔާމީންގެ ނަމާ ގުޅުވޭނެ އެއްވެސް ކަމެއް ނެތެވެ.