އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރެއްވި ދެމަފިރިންގެ ތެރޭގައި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމާއި ފިރިކަލުން ވެސް ހިމެނިއްޖެ އެވެ.
އަށާރަ ވަނަ މަޖިލީހުގައި މަސައްކަތް ކުރެއްވި އަނާރާ މި ފަހަރު އަމިއްލަ ގޮތުން، އެކަމަކު މި ސަރުކާރުގެ ތާއީދާ އެކީ ކާމިޔާބު ކުރެއްވީ ހުރާ ދާއިރާގެ ގޮނޑި އެވެ. އޭނަގެ ފިރިކަލުން އާދަމް ޝަފީގު ކާމިޔާބު ކުރެއްވީ މަކުނުދޫ ދާއިރާގެ ގޮނޑި އެވެ. އެއީ ޕީއެންސީގެ ޓިކެޓްގަ އެވެ.
އެ ދާއިރާ އަށް އަނާރާ ކުރިން ނިސްބަތްވި އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވާދަކުރެއްވި އެވެ. މަކުނު ދާއިރާ އަށް މި ފަހަރު ދެން ވާދަކުރެއްވީ އެމްޑީޕީގެ ފަރާތުން މިހާރު ވެސް އެ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ މުހައްމަދު ރާއީ އެވެ.
ނަމަވެސް ރާއީ އާއި އިމްރާން ބަލިކުރެއްވުމަށް ފަހު ޝަފީގު ވަނީ ގޮނޑި ކަށަވަރު ކުރައްވައިފަ އެވެ.
މިއާ އެކީ 20 ވަނަ މަޖިލިސް ވާނީ ދެމަފިރިންގެ އެންމެ ޖޯޑެއް އެކުލެވޭ މަޖިލީހަކަށެވެ. އެއީ އަނަރާ އާއި ޝަފީގެވެ.
މިހާރު އޮތް 19 މަޖިލީހުގައި މަސައްކަތް ކުރައްވާ ދެމަފިރިންގެ ޖޯޑުންތަކެއް އެބަތިއްބެވި އެވެ. އެއީ އެމްޑީޕީ އަށް ނިސްބަތްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް (ރޮޒޭ) އާއި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒުގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ.
ނާޝިޒާއި ނާޒިލް ވެސް ވަނީ 20 ވަނަ މަޖިލީހަށް ހޮވިވަޑައިގެންފަ އެވެ. މި ފަހަރުގެ އިންތިހާބުގައި ހިސާން ވާދައެއް ނުކުރައްވަ އެވެ. އަދި ރޮޒޭ ވަނީ ޕްރައިމަރީގައި ވާދަކުރައްވައި ބަލިވެވަޑައިގެންފަ އެވެ.