އައްޑޫގައި ފޮރެންސިކްގެ އިތުރު ހިދުމަތްތަކެއް ފަށަން ފުލުހުން ނިންމައިފި އެވެ.
އިންސްޕެކްޓަ އޮފް ޕޮލިސް އައިމިނަތު ޝުޒީ އިއްޔެ ވިދާޅުވީ މިހާރު ރޭވިފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށް ދާ ނަމަ ވަރަަށް އަވަސް މުއްދަތެއްގައި، އައްޑޫގައޮ ފޮރެންސިކް ޓެކްސްޓްތައް ހަދަން ފަށާނެ ކަަމަށެވެ.
"އައްޑޫ ސިޓީގައި ސީން އޮފް ކްރައިމް އޮފިސަރުންގެެ ހިދުމަތާއި ފިންގާޕްރިންޓް ކޮމްޕެއާ ކުރުމުގެ ހިދުމަތާއި ކޮމްޕިއުޓަ ފޮރެންސިކް އަދި މޮބައިލް ފޮރެންސިކްގެ ހިދުމަތާއި ބޮޑީފުލިއިޑް މަސްތުވާތަކެއްޗައް ޓެސްޓްކުރުމުގެ ހިދުމަތާއި އެލްކޮހޯލް ޓެސްޓިންގެ ހިދްމަތް ދިނުމަށް ރޭވިފައިވޭ،" އޭނާ ވިދާޅުވި އެވެ.
ޝުޒީ ވިދާުޅުވީ އޭގެ ތެރެއިން ބޮޑީފުލިއިޑް ނުވަތަ ހަށިގަނޑުން ނެގޭ ސާމްޕަލް ތަހުލީލު ކުރުމާއި މަސްތުވާތަކެއްޗައް ޓެސްޓް ކުރުމުގެ ހިދުމަތާއި ބަނގުރަލުގެ ޓެސްޓް އަދި މޮބައިލް ފޮރެންސިކްގެ ހިދުމަތަކީ މުޅިން އަލަށް ފަށާ ކަންތައްތަކެވެ.
އޭނާ ވިދާޅުވީ ކްރައިމް ސީން އިންވެސްޓިގޭޝަންގެ ޑިޕާޓްމަންޓުގައި އުފައްދާފައިވާ ޑިވިޝަނަލް އެވިޑެންސް ރެސްޕޮންސް ޔުނިޓުގެ ދަށުން ރާއްޖޭގެ ހަތް ޑިވިޝަނެއްގައި މިވަގުތު އެވިޑެންސް ރެސްޕޮންސް ޓީމްތައް ގާއިމް ކޮށްފައިވާ ކަމަށެވެ.
އަދި އެ މަސައްކަތް އިތުރަށް ތަރައްގީކޮށް، ކުރިއެރުވުމަށްޓަކައި އަޕަނޯތު އެވިޑެންސް ރެސްޕޮންސް ޓީމާއި ސައުތު އެވިޑެންސް ރެސްޕޮންސް ޔުނިޓްގެ ހިދުމަތް ފުޅާކުރުމަށް ސީން އޮފް ކްރައިމް އޮފިސަރުން އިތުރު ކުރުމަށް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ފިންގަޕްރިންޓް ލެބޯޓަރީގެ ހިދުމަތް ފަސް ސަރަހައްދެއްގައި މިހާރު ވަނީ ގާއިމްކޮށްފައިވާ ކަމަށް ޝުޒީ ވިދާޅުވި އެވެ.
"އެ ތަންތަން ވާނީ މާލޭގައި ހުންނަ ސެންޓްރަލް ޑާޓާބޭސް އަށް ގުޅާލެވިފައި. މީގެ އިތުރުން އައްޑޫގައި ފިންގަޕްރިންޓް ކޮންޕެއަ ކުރުމާއި ފިންގަޕްރިންޓް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކައިރި މުސްތަގުބަލެއްގައި ފެށިގެން ދާނެ،" ޝުޒީ ވިދާޅުވި އެވެ.
ޝުޒީ ވިދާޅުވި ގޮތުގައި ބޮޑީފްލުއިޑް ނުވަތަ ހަށިގަނޑުން ނެގޭ ސާމްޕަލް [ޔޫރިން، ލޭ، ގެސްޓްރިކް ސާމްޕަލް] މަސްތުވާތަކެއްޗަށް ޓެސްޓްކުރުން އަދި އަލްކޮހޮލް ޓެސްޓް ކުރުމުގެ ހިދުމަތް ވެސް އައްޑޫގައި ފަށާނެ އެވެ.
"އައްޑޫ ސިޓީގައި މި ހިދްމަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ފެށިގެން ދާނެ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޝުޒީ ފާހަގަ ކުރެއްވި ގޮތުގައި ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގެ ހިދުމަތްތަކުގެ ތެރެއިން، ކޮމްޕިއުޓަ ފޮރެންސިކް އަދި މޮބައިލް ފޮރެންސިކްގެ ހިދުމަތް ވެސް އައްޑޫގައި ވަނީ ފަށައިފަ އެވެ.