އަންނަ މަހު ހުވާ އާ ރައްޔިތުންގެ މަޖިލިސް ވަނީ ތަހުޒީބު އަޒި ޒިންމާދާރު މަސައްކަތްތަކެއް ކުރާ މަޖިލީހަކަށް ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓްގައި އަލުން މަޖިލީހަށް ހޮވިވަޑައިގަތް އަބްދުއްރަހީމް އަބްްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އާދީއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރަން ވޭއްވި އިވެންޓްގެ ހަވާސާގައި ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި، ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު ވިދާޅުވީ އާ މަޖިލީހަކީ ރައީސް ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ބޭނުންވާ ކަންކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ މަޖިލހަކަށް ވާނެ ކަމަށެވެ.
"މި ލިބުނު މެޖޯރިޓީއާ އެކީ ފެނިގެންދާނީ ތަހުޒީބު މުޖުތަމައުގައި ރައްޔިތުންގެ މަޖިލީހުގައި ކަންކުރާ އުސޫލުން ކަންކުރާ ތަން،" ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްގެ ބައްޕަ އަދުރޭ ވިދާޅުވި އެވެ. "ރައީސް ޚިދުމަތް ކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނެ މަޖިލީހެއް. އަމާޒު ހިފާނީ ރައީސް މުޢިއްޒު ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރަން."
އޭނަ ވިދާޅުވީ އިންތިހާބުގެ ނަތީޖާ އިން ދައްކުވައި ދިނީ ހަމަނުޖެހުމެއްގެ ތެރޭގައި ރާއްޖެ އޮންނަން ރައްޔިތުން ބޭނުން ނުވާކަން
ކަމަށެވެ.
އާ މަޖިލިސް ހުވާ ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 28 ގަ އެވެ.
ޕީއެންސީން ވަނީ މަޖިލީހުގެ 93 ދާއިރާގެ ތެރެއިން 66 ދާއިރާ ކާމިޔާބުކޮށްފަ އެވެ. އަދި އެ ޕާޓީއާ ގުޅިފައިވާ ކެންޑިޑޭޓުން ހޯދި ކާމިޔާބީ އަކީ ސުޕަ މެޖޯރިޓީ ކަށަވަރުވެފައިވެ އެވެ.