އަންނަ މަހު ޝޫޓިން ފަށަން ފްލޭންކޮށްފައިވާ ސަލްމާން ޚާންގެ ފިލްމު "ސިކަންދަރު" ގެ ބަތަލާ އަކީ ކިއާރާ އަދުވާނީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން މިއަދު ބުނީ ފިލްމަށް ކިއާރާ ގެންނަން ވާހަކަ ދެވެމުން އަންނަ އިރު، މިހާރު ޑިމާންޑް ބޮޑު ބަތަލާ އަށް ފިލްމަށް ވަގުތު ދެވޭނެ ގޮތަކާ މެދު މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން އަންނަ މަހުގެ ތެރޭގައި ކިއާރާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ވޯ 2" ގެ ކްރޫއާ ގުޅޭނެ އެވެ. އެ ފިލްމުގެ ބަތަލުންނަކީ ރިތިކް ރޯޝަނާއި އެންޓީއާރް ޖޫނިއާ އެވެ.
"ވޯ 2" ގެ އިތުރުން އެކްޓަރު ސިދާތު މަލްއުތުރާގެ އަންހެނުން ސޮއިކޮށްފައި އޮތް އަނެއް ފިލްމަކީ ރަންވީރު ސިންގުގެ "ޑޮން 3" އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭގެ ޝޫޓިން މި އަހަރުގެ އޮގަސްޓްގައި ފަށާނެ އެވެ.
"ސިކަންދަރު" ގެ ބަތަލާއަކަށް ކިއާރާ ގެންނަން ވާހަކަ ދެކެވޭ އިރު، ފާހަގަކޮށްލެވޭ ކަމަކީ ސަލްމާން 58، ގެ "ބީން ހިއުމަން" ބްރޭންޑްގެ ކްލޯތިން ކަލެކްޝަން އިޝްތިހާރުކޮށް ދިނުމުގައި 32 އަހަރުގެ ބަތަލާ ކުރިން ސަލްމާނާ އެކީ ހިއްސާވެފައިވާކަމެވެ. އަދި ކިއާރާގެ މަންމަ އަކީ ސަލްމާންގެ ވަރަށް ގާތް ޒަމާންވީ އެކުވެރިއެކެވެ.
ކިއާރާ ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އޭނަ އަށް ކިއާރާ ވެސް ކިޔަން ނިންމީ ސަލްމާން ދިން ލަފައެއްގެ މަތިންނެވެ. ސަބަބަކީ 2014 ގެ "ފަގްލީ" އިން ބޮލީވުޑަށް ނުކުތް އިރު، އާލިއާ ބަޓް ކިޔާ ބަތަލާ އަކު ބޮލީވުޑްގައި އުޅޭތީ އޭގެ ހިޔަނި ކިއާރާގެ ކެރިއަރަށް އެޅިދާނެ ކަމަށް ސަލްމާން ލަފާ ދިނުމެވެ. އެހެންވެ ފަހުން ކިއާރާ އަދުވާނީ އަށް ނަން ބަދަލުކުރީ އެވެ.
ސަލްމާންގެ "ސިކަންދަރު" އަކީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، އޭއާރް މުރްގަދޯސް ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ. ސާޖިދު ޕްރޮޑިއުސްކޮށްފައިވާ ފިލްމެއް ކިއާރާ ކުރިން ވެސް ކުޅެފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ "ސަތިއަޕްރޭމް ކީ ކަތާ" އެވެ.
"ބޫލް ބުލައްޔާ 2" އާއި "ޖިގް ޖުގް ޖިއޯ" އާއި "ޝޭރުޝާ" އަދި "ގުޑް ނިއުސް" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ކިއާރާ ދެން އެންމެ އަވަހަށް ފެންނާނީ ތެލެގޫ އެކްޓަރު ރާމް ޗަރަންގެ "ގޭމް ޗޭންޖާ" އިންނެވެ.