Last Updated: November 23, 11:53
Saturday, November 23, 2024
ޚަބަރު

ޗިކުންގުންޔާ ފެތުުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެ

މި ދުވަސްވަރު ޗިކުންގުންޔާ ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މި މަހު މާލެ ސަރަހައްދުން އެކަނި ޗިކުންގުންޔާގެ 46 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ޗިކުންގުންޔާ އަކީ ވެސް ޑެންގީ ހުން ފަތުރާ މަދިރިކަމުގައިވާ އީޑީޒް މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ބައްޔެއް ކަމަށާއި ޑެންގީ އާއި ޗިކުންގުންޔާ ފަދަ މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލި ޖެހިއްޖެނަމަ ރައްކާތެރިވުމުގެ ގޮތުން ތިރީގައިވާ ކަންކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.

ފެން ހަރުލާ ތަންތަން ބަލާ ހަފުތާއަކު އެއްފަހަރު އެ ތަންތަނުން ފެން ހުސް ކުރުން
މަގުމައްޗާއި ވައިގޮޅި ފަދަ ތަންތަނަށް ކުންޏާއި ފެން ނޭޅުން
މަދިރި ލޯޝަނާއި، ސްޕްރޭ އަދި މޮސްކިޓޯ ރިޕެލެންޓު ބޭނުން ކުރުން
އިރު އޮއްސޭ ވަގުތާއި އިރު އަރާވަގުތު ދޮރުތަކާއި ކުޑަދޮތުތައް ލެއްޕުން
ޑަސްބިން ފަދަ ތަކެތި މަތި ޖަހައި ބަންދުކޮށްފައި ބެހެއްޓުން

ޗިކުންގުންޔާ އާއި ޑެންގީފަދަ ބަލިތައް ކޮންޓްރޯލް ކުރެވޭނީ މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ނައްތާލައި، މަދިރި އާލާވުން މަދުކުރުމުން ކަމަށާއި މިގޮތުން މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތަކީ އާއްމުންގެ ފުރިހަމަ ތަރުހީބު ލިބިގެން ނޫނީ ކާމިޔާބު ކުރެވޭނެ މަސައްކަތަކަށް ނުވާތީ، މި މަސައްކަތުގައި ހުރިހާ ފަރާތެއްގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެ އެވެ.