ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކުގެ ވަގުތީ ދަފުތަރެއް އެކުލަވައިލުމުގެ މަސައްކަތް ފަށައި، އެ ދަފުތަރުގައި ރަޖިސްޓްރީވާން ލޭބާ މިނިސްޓްރީން ހުޅުވާލައިފި އެވެ.
ޖެނުއަރީ މަހު ތަސްދީގުކުރި އިންޑަސްޓްރިއަލް ރިލޭޝަންސްއާ ގުޅޭ ގާނޫނުގެ ދަށުން މަސައްކަތްތެރިންގެއެ ގާނޫނުގެ ދަށުން މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއި އެފަދަ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގު ކުރިއަރުވައި އެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރާނެ ކަންކަން ބަޔާންކޮށްފައިވެ އެވެ.
ލޭބާ މިނިސްޓްރީން ބުނީ ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން މިހާރު ހަރަކާތްތެރިވާ ޖަމިއްޔާތައް ޓްރޭޑް ޔޫނިއަންގެ ގޮތުގައި ހަރަކާތްތެރިވުމަށް ފުރުސަތު ދިނުމަށްޓަކައި ވަގުތީ ދަފުތަރެއް އެކުލަވައިލަން ބޭނުންވާ ކަމަށެވެ. އެހެންވެ ރާއްޖޭގައި މިހާރު ހަރަކާތްތެރިވާ އެފަދަ ޖަމިއްޔާ ޖަމާއަތްތައް، ދަފްތަރުގައި ހިމެނުމަށްޓަކައި ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް ރަޖިސްޓަރީކުރުމާއި ގާނޫނާ ހިލާފުވާ ޔޫނިއަންތަކާ މެދު ފިޔަވަޅު އެޅުމުގެ ޒިންމާ ހަވާލުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ރަޖިސްޓްރާ އޮފް ޔޫނިއަންސް އަށެވެ. ގާނޫނު ރެގިއުލޭޓްކޮށް ބެލެހެއްޓުމަށްޓަކައި، ޑިރެކްޓާ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭޝަންސްގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމާއި 8 މެންބަރުންގެ މައްޗަށް އެކުލެވޭ "ޓްރައިޕާޓައިޓް އެޑްވައިޒަރީ ބޯޑު"ގެ ނަމުގައި ބޯޑެއް އުފެއްދުމުގެ އިތުރުން، އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި އުފެއްދުމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
އެގޮތުން ރަޖިސްޓަރީކޮށްގެން ހިންގާ ޔޫނިއަންއަކުން އިންޑަސްޓްރިއަލް ފިޔަވަޅެއް އެޅޭނީ ނުވަތަ ހަޅުތާލެއް ހިންގޭނީ، އެ ޔޫނިއަންގެ މެމްބަރުންގެ މެދުގައި ސިއްރު ވޯޓެއް ނަގައި، އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ. އެ ނޫން ހާލަތްތަކެއްފައު ޔޫނިއަންއަކުން އަޅާ ފިޔަވަޅަކަށް 5،000-50،000ރ. ދެމެދުގެ އަދަދުގެ ޖޫރިމަނާކުރުމުގެ ބާރު ގާނޫނުން ލިބިދެ އެވެ.
ގާނޫނުގައިވާ ގޮތުން ޔޫނިއަނަކުން ފާސްކޮށްގެން އަޅާ އިންޑަސްޓްރިއަލް ފިޔަވަޅެއް ނޫނީ ހިންގާ ހަޅުތާލެއް ފެށުމުގެ 48 ގަޑިއިރު ކުރިން، އެކަމުގެ ނޯޓިސް ވަޒީފާ ދޭ ފަރާތަށް ދޭން ޖެހޭނެ އެވެ. އަދި ޔޫނިއަންތަކަށާއި މެމްބަރުންނަށް ލިބޭ ހައްގެއް ބޭނުންކޮށްގެން ނުވަތަ ބޭނުންނުކޮށްގެން މަދަނީ ދައުވާއެއް ނުކުރެވޭނެ ކަމަށް ވެސް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.