މޯލްޑިވްސް ނެޝަނަލް ޔުނިވާސީޓީ (އެމްއެންޔޫ)ގެ މެޑިކަލް ސްކޫލް ދަރުމަވަންތަ ހޮސްޕިޓަލުން، އެ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލުކުރުމުން 1،000 އަށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުމަށް އަސަރު ކުރާނެ ކަމަށް އެމްއެންޔޫގެ ސްޓޫޑެންޓް ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން ބުނެފި އެވެ.
ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލް ދަރުމަވަންތަ ހޮސްޕިޓަލްގައި، 2018 ވަނަ އަހަރު ޤާއިމުކުރީ ވަގުތީ ގޮތުންނެވެ. ނަމަވެސް މިހާރު ވަނީ މެޑިކަލް ސްކޫލްގެ ޚިދުމަތް އެމްއެންޔޫގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމާފަ އެވެ.
އެކަމާ ގުޅިގެން އެމްއެންޔޫއެސްޔޫ އިން ނެރުނު ބަޔާނެއްގައި ބުނީ މި ބަދަލާ ގުޅިގެން ވަރަށް ގިނަ ޝަކުވާތައް ލިބެމުން އަންނަ ކަމަށާއި 200 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ސްކޫލް އޮފް މެޑިސިންގައި ހަތް ބެޗުގެ ދަރިވަރުން ހިމެނޭއިރު، ދަރިވަރުންގެ ފަރާތުން ލިބިފައިވާ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް މިއަދު ޔުނިވާސިޓީގެ މެނޭޖްމަންޓާއި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ހިމެނޭ ގޮތަށް ބައްދަލުުވުމެއް ބާއްވާފައިވާ ކަމަށެވެ.
މިވަގުތަށް ޔުނިވާސިޓީގެ ފަރާތުން ގެންނަން ވިސްނަމުންދާ ވަގުތީ ހައްލުގެ ސަބަބުން ސެންޓްރަލް އެޑްމިނިސްޓްރޭޝަން ގައި ކިޔަވަމުންދާ ފައުންޑޭޝަން ސްޓަޑީޒްގެ ދަރިވަރުންނާއި އަދި އެހެން ފެކަލްޓީތަކުގެ ދަރިވަރުންގެ ކިޔެވުމުގެ އިންތިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"މިފަދަ ބަދަލަކާ ގުޅިގެން 1،000 އަށްވުރެ ގިނަ ދަރިވަރުންގެ ތައުލީމު ހާސިލު ކުރުމުގެ މަސައްކަތަށް ސީދާ އަދި ނުސީދާ ގޮތެއްގައި އަސަރު ކުރާނެ" އެމްއެންޔޫއެސްޔޫ ގެ ބަޔާނުގައި ބުންޏެވެެ.
މިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރަން ބޭނުންވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ބައްދަލުވުމެއް ހަމަޖައްސައިދިނުމަށް ސިޓީއަކުން ރައީސް އޮފީހުގައި އެދިފައިވާނެ ކަމަށް ބަޔާނުގައިވެ އެވެ. އަދި މަޝްވަރާގެ އުސޫލުން ދައުލަތުގެ މުއައްސަސާތަކާ އެކު މަސައްކަތްކޮށް އެކަމުގައި ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ޔޫނިއަނުން ބުންޏެވެ.
އެމްއެންޔޫއެސްޔޫ އިން މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ގައުމީ ޔުނިވާސިޓީން ވަނީ މި ގެނެވޭ ބަދަލުގެ ސަބަބުން މެޑިކަލް ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބުތަކުންދެވޭ އެއްވެސް ޚިދުމަތަކަށް ބުރޫނާރާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް ބުނެފަ އެވެ. އަދި ދަރިވަރުންނަށް ހޮސްޕިޓަލުން ލިބެންޖެހޭ ޢަމަލީ ތަޖުރިބާތައް ކުރިއެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުން ފޯރުކޮށްދޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
މީގެއިތުރުން ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލްގެ ކެމްޕަސް ހުޅުމާލޭގައި އެޅުމަަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ޔުނިވާސިޓީން ބުނެ އެވެ.