މިދިޔަ އަހަރު ރިލީޒްކުރި ޕްރަބާސްގެ ފިލްމު "ސަލާރު" ގެ ދެވަނަ ބައިގެ ބަތަލާ އަކީ ކިއާރާ އަދުވާނީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ސަލާރުގެ ތައްޔާރީތައް ފިލްމުގެ ޑައިރެކްޓަރު ޕްރަޝާންތު ނީލް ވަމުން އަންނަ އިރު، "ސަލާރު 2" ގެ ލީޑް ބަތަލާއަކަށް ކިއާރާ ގެނައުމާ ގުޅޭ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ. ނަމަވެސް ރަސްމީކޮށް މިކަމާ ބެހޭ ގޮތުން ފިލްމުގެ ޓީމުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ކުރިން ވެސް އިންޑިއާގެ ދެކުނު ތަރިންނާ އެކީ މަސައްކަތްކޮށްފައިވާ ކިއާރާ އަކީ ބޮލީވުޑްގައި މި ވަގުތު ތިބި ޒުވާން ބަތަލާއިން ތެރެއިން އެންމެ ޑިމާންޑް ބޮޑު އެކެކެވެ. އެކްޓަރު ސިދާތު މަލްއުތުރާގެ އަންހެނުން ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ދެކުނުގެ އެކްޓަރު އެންޓީއާރް ޖޫނިއާ ވެސް ހިމެނޭ ރިތިކް ރޯޝަންގެ "ވޯ 2" އާއި ރަންވީރު ސިންގުގެ "ޑޮން 3" އެވެ.
މި ހަފުތާގައި ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ސަލްމާން ޚާން މިހާރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ "ސިކަންދަރު" ގެ ބަތަލާ އަކީ ވެސް ކިއާރާ އެވެ.
"ބޫލް ބުލައްޔާ 2" އާއި "ޖިގް ޖުގް ޖިއޯ" އާއި "ޝޭރުޝާ" އަދި "ގުޑް ނިއުސް" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ކިއާރާ ދެން އެންމެ އަވަހަށް ފެންނާނީ ތެލެގޫ އެކްޓަރު ރާމް ޗަރަންގެ "ގޭމް ޗޭންޖާ" އިންނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރި "ސަލާރު: ޕާޓް 1-ސީސްފަޔާ" އަކީ ވަރަށް ވަރުގަދަ އެކްޝަން ފިލްމެކެވެ. ޖުމްލަ 270 ކްރޯޑް ރުޕީސް (32.4 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް އާމްދަނީގެ ގޮތުގައި 715 ކްރޯޑް ރުޕީސް (86 މިލިއަން ޑޮލަރު) ލިބުނެވެ.