Last Updated: November 30, 09:51
Saturday, November 30, 2024
މުނިފޫހިފިލުވުން

ހޮލީވުޑުން ލިބުނު ފުރުސަތެއް ދޫކޮށްލިން: ކެޓްރީނާ

ހޮލީވުޑްގެ ފިލްމަކުން ދާދި ފަހުން ލިބުނު ފުރުސަތެއް ދޫކޮށްލާފައިވާ ކަމަށް ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް ބުނެފި އެވެ.

މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 40 އަހަރުގެ ބަތަލާ ވެރައިޓީ އަށް ދިން އިންޓަވިއުއެއްގައި ބުނީ ހޮލީވުޑުން ލިބުނު ފުރުސަތު ދޫކޮށްލީ އަމިއްލަ ބައެއް ސަބަބުތަކާ ހެދި ކަމަށެވެ. އެކަމަކު އޭގެ ތަފުސީލަކަށް ނުދެ އެވެ.

އެކްޓަރު ވިކީ ކޯޝަލްގެ އަންހެނުން ބުނީ އަދިވެސް ހޮލީވުޑުން ފުރުސަތުތަކެއް ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންވެ ދެން އެފަދަ ފުރުސަތެއް ލިބޭ ދަނޑިވަޅެއްގައި ހާލަތު ނިޔާކުރާ ގޮތަކަށް ރިއާޔަތްކޮށް، އެ ޕްރޮޖެކްޓަކާ ހަވާލުވާނެ ކަމަށް ބުންޏެވެ.

"އަހަރެން ދެކެނީ މި ގޮތަށް ލިބޭ ފުރުސަތުތަކަކީ މުޅިން އާ ކަންތައްތަކެއް ތަޖުރިބާކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތުތަކަށް ވާނެ ކަމަށް." ކެޓްރީނާ ބުންޏެވެ.

ވެރައިޓީގެ އިންޓަވިއުގައި ކެޓްރީނާ ވަނީ އޭނަގެ އިންޑިއާ ފިލްމީ ދަތުރު ފެށުނު ގޮތާއި ކާމިޔާބު ބަތަލާއަކަށްވާން ކުރި މަސައްކަތުގެ ވަރަށް ގިނަ ވާހަކަތައް ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން އެންނެ ފުރަތަމަ ކުޅުނީ ދެކުނު އިންޑިއާގެ ފިލްމުތަކެއް ކަމަށާއި ފަހުން ބޮލީވުޑުން ފުރުސަތުތައް ލިބި، އިންޑަސްޓްރީގެ ނުފޫޒު ގަދަ މީސްމީހުންނާ އެކީ މަސައްކަތް ކުރަން ފުރުސަތުތައް ލިބެން ފެށި ކަމަށް ބުންޏެވެ.

ކެޓްރީނާގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި މިސްޓްރީ ތުރިލާ "މެރީ ކްރިސްމަސް" އެވެ. މޮޅު ބަތަލާއަކަށް ވުރެ ބޮޑަށް އާންމުންގެ ތެރޭގައި ކެޓްރީނާ މަޝްހޫރު ރީތި ސިފައިގެ އިތުރުން ލިބިފައިވާ ކުޅަދާނެ ނެށުމުގެ ހުނަރަށެވެ.